ޚަބަރު

އިންޑިއާ ސިފައިން މަސް ދޯނިތަކަށް އެރީ މުއާމަލާތުކުރުމުގައި އެރި އޮޅުމަކުން: ޣައްސާން


  • މިފަދަ ކަންކަން ދިމާވަނީ ޒަމާނީ ވަސީލަތްތައް ދައުލަތުގައި މަދުވުމުން

  • ރާއްޖޭގެ ސަރަހައްދު ދައުލަތުން ބެލެހެއްޓޭކަމުގެ ޔަގީންކަން އެހެނިހެން ގައުމުތަކަށް ދޭންޖެހޭ

  • އެފަދަ ކަމެއް ހިނގިޔަ ނުދޭން އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅަމުންދާނެ

ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ތިން މަސްދޯންޏަކަށް އިންޑިއާގެ ސިފައިން އަރާފައިވަނީ މިސްކޮމިއުނިކޭޝަނެއް ނުވަތަ މުޢާމަލާތުކުރުމުގައި އެރި އޮޅުމެއްގެ ސަބަބުންކަމަށް އެ ޤައުމުގެ ރަސްމީ މަސްދަރުތަކުން ބުނެފައިވާ ކަމަށް ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ދިވެހި މަސްދޯނިތަކަކަށް އިންޑިއާ ސިފައިން އެރި މައްސަލައިގައި ސުވާލުކުރުމަށް މިއަދު ޣައްސާން ވަނީ މަޖިލީހަށް ހާޒިރުކުރައްވާފައެވެ. މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޣައްސާން ވަނީ އެ ދުވަހު ކަން ހިނގައިދިޔަގޮތުގެ ތަފްސީލް ހާމަކުރައްވާފައެވެ.

ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވި ގޮތުގައި މި އަހަރުގެ ޖެނުއަރީ 31 ވަނަ ދުވަހާއި ފެބްރުއަރީ 1 ވަނަ ދުވަހު މަސްދޯނިތަކަކަށް އިންޑިއާ ކޯސްޓުގާޑުގެ ދެ އުޅަނދެއްގެ ބޯޑިން ޓީމުތަކުން އަރާފައިވާކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ. ރާއްޖޭގެ މަސްދޯނިތައް އޭރު ހަރަކާތްތެރިވަމުންދިޔައީ ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގެ ތެރޭގައި ކަމަށާއި، ދޯނިތަކުގައި ހަރުކޮށްފައިވާ ޓްރެކިންގ ޑިވައިސްތަކުން ދޯނިތައް ޚައްޞަ އިގްތިސާދީ ސަރަހައްދުން ބޭރަށް ނުދާކަން ކަށަވަރު ކުރެވޭ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ބޯޑިން ޓީމުތަކުން މަސްދޯނިތަކަށް ހިންގާފައިވަނީ އާންމުކޮށް ކުރިއަށްގެންދާ ސަރޗް އޮޕަރޭޝަނެއް ކަމަށާއި ދޯނިތަކަށް އަރާފައިވަނީ މުޢާމަލާތުކުރުމުގައި އެރި އޮޅުމެއްގެ ސަބަބުންކަމަށް އިންޑިއާއިން ބުނާ ކަމަށް ޣައްސާން ވިދާޅުވިއެވެ. އިންޑިއާގެ ރަސްމީ މަސްދަރުތަކުން އެގޮތަށް ބުނި ނަމަވެސް ދޯނިތަކަށް އަރާފައިވަނީ ސެޓެލައިޓް ފޯނު ބޭނުންކުރާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ކަމަށް ބޯޑިން ޓީމުތަކުން ބުނެފައިވާ ކަމަށްވެސް ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވި މިފަދަ ކަންކަން ދިމާވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ އެންމެ އެކަށީގެންވާ ގޮތުގައި ބެލެހެއްޓުމުގެ ޒަމާނީ ވަސީލަތްތައް ދައުލަތުގައި މަދުވުން ކަމަށެވެ.

"މިފަދަ ހާދިސާތައް ހިނގުން ހުއްޓުވުމަށް ކުރެވޭނެ އެންމެ މުހިންމު އެއްކަމަކީ، ދިވެހިރާއްޖޭގެ އިމުގެ އެތެރޭގެ ސަރަހައްދު ބެލެހެއްޓުމަށް ބޭނުންވާ ގާބިލުކަން ދިވެހި އަސްކަރިއްޔާގައި ގާއިމުކުރުން. އަދި ދިވެހިރާއްޖޭގެ ސަރަހައްދު ދިވެހި ދައުލަތުން ބެލެހެއްޓޭކަމުގެ ޔަގީންކަން އެހެނިހެން ގައުމުތަކަށް ވެސް ލިއްބައިދިނުން، ރައީސް ވަނީ މިކަން ފަށްޓަވާފައި. މިކަން ސަރުކާރުން ކާމިޔާބު ކުރާނެ" ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވީ ކޯސްޓުގާޑުގެ ގާބިލުކަން އިތުރުކުރުމަށް ފިއުޝަން ސެންޓަރެއްގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. މި ސެންޓަރުގެ މަސައްކަތް ނިމުމުން ޔޫއޭވީ ސިސްޓަމާއި ރާޑަރު ސިސްޓަމްފަދަ ވަސީލަތްތަކުން ލިބޭ މައުލޫމާތު ވަގުތުންވަގުތަށް ދިވެހި ފުލުހުންނާއި އިމިގްރޭޝަން އަދި ކަސްޓަމްސްއާ ހިއްސާ ކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއަހަރު ތެރޭގައި މި ސެންޓަރުގެ މަސައްކަތް ނިންމައި ޚިދުމަތް ފެށޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވިއެވެ.