ޚަބަރު

މިއަހަރުގެ ތެވެލި ކޮންފަރެންސް އޮގަސްޓު މަހު


  • ކޮންފަރެންސްގެ ޕްރީ ސެޝަނެއް އޮގަސްޓު 18ގައި އޮންނާނެ

  • ދުނިޔޭގެ ފުންނާބު އުސް ޢިލްމުވެރިން ބައްދަލުކުރުމުގެ ފުރުޞަތު ލިބޭނެ

  • ކޮންފަރެންސަށް އެބްސްޓްރެކްޓުތައް ހުށައެޅުމުގެ ސުންގަޑިއަކީ 23 މެއި

ކޮންމެ އަހަރަކު ބާއްވާ ބައިނަލްއަޤުވާމީ ތެވެލި ކޮންފަރެންސް މިއަހަރު އޮންނާނީ އޮގަސްޓު މަހު ކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ހާމަކޮށްފިއެވެ. ތެވެލި ކޮންފަރެންސް އޮންނާނީ އޮގަސްޓް މަހުގެ 19 ވަނަ ދުވަހާއި 20 ވަނަ ދުވަހުއެވެ.

ތެވެލި ކޮންފަރެންސަކީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ދިރާސާވެރިންގެ ދިރާސާތައް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލުމުގެ އިތުރުން އެ ދިރާސާތަކާބެހޭ މުހިންމު މަޢުލޫމާތުތައް ހިއްސާކުރުމަށްޓަކައި އެމްއެންޔޫއިން ބައިނަލްއަޤްވާމީ ފެންވަރުގައި ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.

ތެވެލި ކޮންފަރެންސާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޤައުމީ ޔުނިވަރސިޓީގެ ޑީން އޮފް ރިސަރޗް ޑރ. ޝަހުނީޒާ ނަޞީރު ވިދާޅުވީ މިފަހަރުގެ ކޮންފަރެންސަށް އެކި ދާއިރާތަކުން 3 ބަހަކުން ކަރުދާސް ހުށައެޅޭނެ ކަމަށެވެ. އެއީ ދިވެހި، އިނގިރޭސި، އަދި ޢަރަބިބަހެވެ.

ޑރ. ޝަހުނީޒާ ވިދާޅުވީ ތެވެލި ކޮންފަރެންސް ފެށުމުގެ ކުރިން އޮގަސްޓު މަހުގެ 18 ވަނަ ދުވަހު ޕްރީ ކޮންފަރެންސް ސެޝަންތަކެއް އޮންނާނެ ކަމަށެވެ. މިސެޝަންތަކުގައި ދުނިޔޭގެ ފުންނާބު އުސް އެކި ދާއިރާތަކުގެ ޢިލްމުވެރިން މަޢުލޫމާތު ދެއްވާނެ ކަމަށެވެ.

"އެކި ދާއިރާތަކުގެ ފުންނާބު އުސް ބޭފުޅުން ކޮންފަރެންސްގައި ބައިވެރިވެޑައިގަންނަވާތީ ކޮންފަރެންސްގެ ބައިވެރިންނަށް ނެޓްވޯކް ފުޅާކުރުމަށް މަގުފަހިވާނެ. އަދި ތަޖުރިބާކާރުންނާއެކު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކަށް ދޮރުތައް ހުޅުވޭނެ." ޑރ. ޝަހުނީޒާ ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޤައުމީ ޔުނިވަރސިޓީގެ ރިސަރޗް ފެލޯ ނާދިޔާ ޢަބްދުﷲ ވިދާޅުވީ މިފަހަރުގެ ކޮންފަރެންސްގެ މަޢުޟޫޢުގެ އިތުރުން 13 ސަބް މަޢުޟޫޢު ކަނޑައަޅާފައިވާކަމަށެވެ. މީގެ އިތުރުންވެސް އެހެން މަޢުޟޫޢުތަކަށްވެސް ކަރުދާސް ހުށައެޅޭނެކަމަށް ނާދިޔާ ވިދާޅުވިއެވެ.

ނާދިޔާ ވިދާޅުވީ ކޮންފަރެންސަށް އެބްސްޓްރެކްޓުތައް ހުށައެޅުމުގެ އެންމެ ފަހު ތާރީޚަކީ މެއި މަހުގެ 23 ވަނަ ދުވަސް ކަމަށެވެ. އަދި ޔުނިވަރސިޓީން އެބްސްޓްރެކްޓުތައް ބަލައިގަންނާނީ ޖޫން މަހުގެ 23 ވަނަ ދުވަހު ކަމަށާއި އޮގަސްޓު މަހުގެ 10 ވަނަ ދުވަހު މުޅި ޕޭޕަރު ހުށައަޅަން ޖެހޭނެކަމަށް ނާދިޔާ ވިދާޅުވިއެވެ. އަދި އެންމެ މޮޅު 10 ޕޭޕަރު މިފަހަރު ވެސް ހޮވާނެކަމަށް އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ ތެވެލި ކޮންފަރެންސްގެ މަޢުޟޫއަކީ "ބްރިޖިން ބައުންޑަރީސް: އެކްސްޕްލޯރިން ސިނަރޖީސް އެކްރޮސް ރިސަރޗް ޑިސިޕްލިންސް"އެވެ. ކޮންފަރެންސްގައި ބައިވެރިވުމަށް ރެޖިސްޓްރޭޝަން ފީގެ ގޮތުގައި ބޭރު ޤައުމުތަކުން 150 ޑޮލަރު ދައްކަންޖެހޭނެ ކަމަށާއި ދިވެހިން 500 ރުފިޔާ އަދި ދަރިވަރުން 200 ރުފިޔާ ދައްކަންޖެހޭނެ ކަމަށް ޤައުމީ ޔުނިވަރސިޓީން މަޢުލޫމާތު ދެއެވެ.

2023ވަނަ އަހަރު ތެވެލި ކޮންފަރެންސް ބާއްވާފައިވަނީ އޮގަސްޓު މަހުގެ 21އިން 22އަށެވެ.