ޚަބަރު

ރައްޔިތުންނަށް ހެވެއް އެދިގެން ކުރީ ސަރުކާރުން ފެށި މަޝްރޫޢެއް ނެތް: ޒަމީރު


ރާއްޖޭގެ ތަރައްޤީއަށް ހިންގަމުންއައި ގިނަ މަޝްރޫޢުތައް، އެމްޑީޕީ ސަރުކާރު ބަދަލުވުމުގެ ކުރިން އޮތީ ހުއްޓިފައިކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ތ. ވިލުފުށީ ދާއިރާގެ ކެމްޕެއިން ހަރަކާތެއްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ޚަރިޖީ ވަޒީރު ވިދާޅުވީ، ރާއްޖޭގެ ތަރައްޤީއަށް ހިންގަމުން އައި މަޝްރޫޢުތައް ކުރީ ސަރުކާރު ނިމުނު އިރުވެސް ހުއްޓިފައި އޮތްކަން، ހަމައެކަނި ތ.އަތޮޅަށް ބަލާލުމުންވެސް ހާމަވެގެންދާކަމަށެވެ. އެގޮތުން ބުރުނި ގޮނޑުދޮށް ހިމާޔަތް ކުރުމާއި، އެރަށު ފެނާ ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތްތަކަކީ ކުރީ ސަރުކާރުން ފަށާ މިސަރުކާރު ހަވާލުވިއިރު ހުއްޓިފައި އޮތް ދެ މަސައްކަތްކަމަށް މިސާލު ދައްކަވަމުން ވަޒީރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ މިސަރުކާރު ވެރިކަމާހަވާލުވީ، ބުރުނީގެ ފެނާ ނަރުދަމާ ނިޒާމްގެ މަސައްކަތް ހުއްޓިފައި އޮންނަތާ 8 މަސް ދުވަސް ފަހުންކަމަށެވެ. މީގެއިތުރުން ތިމަރަފުށީ މަގުހެދުމުގެ މަސައްކަތަކީ 2019 ވަނަ އަހަރު ފަށާފައި އޮތް މަސައްކަތެއްކަމަށާއި އެ މަސައްކަތްވެސް ނުހނގާކަމަށް ވަޒީރުވިދާޅުވިއެވެ. އަދި ވިލުފުށީގައި ހޮސްޕިޓަލެއް އެޅުމަށްކަމަށްބުނެ މަގު ކޮނެފައި އޮންނަތާވެސް އެތައް މަހެއް ފާއިތުވެއްޖެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"ރައްޔިތުންނަށް ހެވެއް އެދިގެން ކުރީ ސަރުކާރުން ފެށި މަޝްރޫއެއްނެތް، އެމީހުން މަސައްކަތް ފެށްޓެވީ ރައްޓެއްސަކަށް މާލީ މަންފާއެއް ހޯދައިދޭން. އެކަން ހާސިލުވުމުން މަސައްކަތްތައް ހުއްޓެނީ އެހެން ނޫނީ ސްޕީޑް ދަށްވަނީ. އަނެއްކާވެސް އެ މަސައްކަތް އެހެން މީހަކަށް އެމަސައްކަތް ހަވާލުކުރަނީ. އެއީ މަސައްކަތް ކުރިއަށްގެންދެވި ގޮތަކީ. އެކަން ރައްޔިތުންނަށް ފެންނާނެ. މިހާރު އެހެން ވީމަ މިފަހަރު އަޖުމަބެލުމަށް މިސަރުކާރަށް މަޖިލިސް މެޖޯރިޓީ މުހިންމު" ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ



ވެރިކަންކުރާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވިއިތުރު ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، އެމްޑީޕގެ ފަސް އަހަރުގެ ސަރުކާރު ނިންމާލިއިރު އޮތީ ރާއްޖޭގެ ރައްޔިތުންނަށް ނިކަމެތިކަން އައިސްފައި ކަމަށެވެ. ޝިޔާމްވެސް ވަނީ ކުރީ ސަރުކާރުން ގެންގުޅުނު ސިޔާސަތުތަކަށް ފާޑުވިދާޅުވެފައެވެ.

"ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ ކުރިކަންތައް ދިވެހި ރާއްޖޭގެ ބައިތުލްމާލުން ފެންނަން އެބައޮތް. ދިވެހި ރައްޔިތުން ދަރުވާލީ ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ މިމީހުން (އިދިކޮޅު ފަރާތްތައް) ވަތްގަނޑުން ފައިސާ ނަގައިގެން. ވަތްގަނޑާއި ހަވާލުވެ ތިބި ބަޔަކު އަދަދުތަކުގެ ވާހަކަ ފައިސާގެ ވާހަކަ މިއަދު ދެއްކެވީމަ ރައްޔިތުންނަށް މިއަދު އެވާހަކަ ދިމައެއް ނުވޭ." މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުންގެ ހަރަކާތުގައި ވާހަކަފުޅު ދެއްކެވި ވަޒީރުން ވަނީ، ކުރީ ސަރުކާރުން ރާއްޖޭގެ އިޤްތިޞާދު މުޅިން ހަލާކުކޮށްލާފައިވާކަމަށް ތުހުމަތުކުރައްވާ ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.