މުނިފޫހިފިލުވުން

ވާހަކަ: 1993


  • މިއީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ކުރުވާހަކަ މުބާރާތުގައި ބައިވެރިކޮށްފައިވާ ވާހަކައެއް

  • ލިޔުއްވީ: ޢިލްމާ ސަޢީދު / ރާތު، ނ.ހޮޅުދޫ

  • ހުށަހެޅުއްވި: އާއިޝަތު ފައިހާ ފާއިޒް

  • އޮންއެއަރކުރާ ދުވަސް 20-03--2024

އަލަމާރީގެ ދޮރުފަތް ހުޅުވާލުމާއިއެކު އަރައިގެން ދިޔަ ހިރަފުހުން އަހަރެން ކޮށިއަރައިގަތެވެ. ލައިގެން ހުރި ހެދުމުގެ ފަސްބައިން ނޭފަތާއި އަނގަ ފޮރުވާލުމާއިއެކު އަތުގައި އޮތް ފޮތިގަނޑުން ހިރަފުސްތައް ފޮޅާލެވޭތޯ އަހަރެން ބެލީމެވެ. އަލަމާރިއާއި ކައިރިވެވޭވަރަށް ސާފުވުމުން ފޮތިގަނޑު ގޮނޑިމަތީގައި ބޭއްވުމަށްފަހު އަލަމާރިއާއި ގާތަށް ޖެހިލީމެވެ. ބޯމަތީ ހެލެމުންދިޔަ ލައިޓުގެ އަލި ފަނޑުކަމުން ފޯނު ނަގާ ބައްތި ދިއްލައިލުމާއެކު ކުރިމަތިން ފެނިގެން ދިޔައީ މަންމަގެ 50 އަހަރުވީ ދިގު މާޒީގެ ހަނދާންތަކެވެ. އެކިވަރުގެ ފޮށިތަކާއި ފޮޓޯ އަލްބަމްތަކުން މުޅި އަލަމާރި ވަނީ ފުރިފައެވެ. އަލަމާރިން ފޮޓޯ އަލްބަމެއް ނަގާ ހުޅުވާލުމާއެކު މާޒީގެ ޞަފްހާތައް ހުޅުވިގެން ދިޔައެވެ. ގަނޑުތައް އުކަމުން ދަނިކޮށް ލޮލުގައި އަޅައިގަތީ އަހަރެންގެ އުމުރުން 7 އަހަރުގައި ނަގާފައިވާ ފޮޓޯގަނޑެކެވެ. ޅައުމުރުގެ ކުދިން އެންމެ ދާން ބޭނުންވާ ކުޑަކުދިންގެ ބަގީޗާގައި ހުއްޓިލައިގެން ހުރި ފޮޓޯއެކެވެ. މަޑުމަޑު ފިޔާތޮށި ހެދުމެއް ލައިގެން ހުރިއިރު އުޅަނބޮޢްޓާއި ހަމައަށް އަރާ ކަޅުކަން ގަދަ އިސްތަށިގަނޑު ފަޅުފިލުވައިދީފައިވަނީ ފިޔާތޮށި ފިނިފެންމަލަކުންނެވެ. އަހަރެންގެ ކޮނޑުގައި އަތް އަޅާލައިގެން ބައްޕަ ހުރިއިރު އަހަރެންގެ ހިމަހިމަ އިނގިލަތަކުގައި ހިފަހައްޓާލައިގެން، ލުއިލުއި ހިނިތުންވުމަކާއިއެކު މަންމަ ހުއްޓެވެ.

އެދަތުރުގެ ހަނދާންތައް ފިލްމެއްހެން ލޯ ކުރިމަތިން ސިފަވަމުން ދިޔައެވެ. އެއީ އަލަށް މާލެ ދެވުނު ދަތުރެވެ. 10 ގަޑިއިރުގެ ދިގު ދަތުރަކަށްފަހު ބޯޓު މާލޭގެ ބަނދަރަށް ލެފި ވަގުތު އަހަރެން ދުވަހަކު އުފާ ނުވާ މިންވަރަށް އުފާވިއެވެ. ކާނިވަލަށް ބައްޕައާއި އެކު ދެވުމުން ހީވީ އުފަލުންގޮސް މީހާ ފަޅައިގެން ގޮސްދާނެހެނެވެ. އުމުރުން 7 އަހަރު ވަންދެން ހަމައެކަނި ރަށްފުށުގެ ދިރިއުޅުން ތަޖުރިބާ ކުރުމަށްފަހު އަލަށް މާލެ ފަދަ މާހައުލަކަށް ދެވުމުން މީހާ ހުރީ ކުރާނެ ނުކުރާނެ ކަމެއް ނޭނގިފައެވެ. ފިހާރަތަކަށް ގޮސް ރީތި ހެދުން ގަތީމެވެ. ކެފޭތަކަށްގޮސް މީރު ހެދިކާ ކެއީމެވެ. ކުޑަކުދިންގެ ބަގީޗާއަށްގޮސް އުނދޯއްޔާއި ސްލައިޑަށް އެރީމެވެ. މި ހުރިހާ ކަމެއް އަހަރެން އަލަށް ތަޖުރިބާ ކުރީ މަންމައާއި ބައްޕައާއި އެކީގައެވެ. އެ އުފާވެރި ހަނދާންތައް އަހަރެންގެ ސިކުނޑި ފޫއަޅުވާލާ ލޮލުން ކަރުނަ ފާއްދާލިއެވެ. މަންމަ އަހަރެންނާއި ބައްޕައާއި ވަކިވެ ދުނިޔެ ދޫކުރިތާ 3 އަހަރުވީއެވެ. އެހާ ދުވަސްފަހުން ކުރީގެ ހަނދާންތައް އާވާން ފެށުމުން އަހަރެންގެ ހިތް ގިސްލާން ފެށިއެވެ. މަންމަގެ ވަކިވުމަކީ ފޫނުބެއްދޭވަރުގެ ފަޅުކަމެއް އަހަރެންގެ ހަޔާތަށް ގެނުވި ކަމެކެވެ.

"ދަރިފުޅާ …. ހަނާ….." ބައްޕަގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުމާއެކު ސިއްސައިގެން ގޮސް އަހަރެން ކައްސާލާ އަލަމާރީގެ ދޮރުފަތުގައި ޖެހުނެވެ. އެއާއެކު އަލަމާރިން ފޮއްޓެއް ވެއްޓި ބިންމަތި ކަރުދާހުން ފުރުނެވެ. މި ދަނީ ކަމަށް ބައްޕަ ގާތުގައި ބުނުމަށްފަހު އަހަރެން ކަރުދާސްތައް އަނބުރާ ފޮއްޓަށް އަޅަމުން ދިޔައީމެވެ. އަތުގައި ޖެހުނު ސިޓީއުރައަކަށް ދެވަނަ ކަޅިޔެއް އެއްލުނީ އަހަރެންގެ ނަސީބުކަމަށްވެސް ވެދާނެއެވެ. ' ލޯބިވާ ދަރިފުޅުގެ މަންމައަށް ' މި އިބާރާތުގައި އަހަރެންނަށް އިނގިލި ޖައްސައިލެވުނީ ދަންނަ ލިޔުމެއް ހެން ހީވުމުންނެވެ. ސިޓީ ކިޔުމުގެ ޝައުޤު އުފެދުމުން ޖިންސުގެ ޖީބަށް ސިޓީއުރަލުމަށްފަހު އެހެން ހުރިހާ އެއްޗެއް ހުރިތަނަށްލާ އަވަހަށް އަލަމާރީގެ ދޮރު ލެއްޕީމެވެ. އެއަށްފަހު ބައްޕަގެ ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހީމެވެ.

ސިޓީގެ މަތިން ދެން އަހަރެން ހަނދާންވީ އެރޭ ނިދަން ތައްޔާރުވަމުން ދިޔައިރުއެވެ. އަވަހަށް ގޮސް ޖިންސުގެ ޖީބުން ސިޓީއުރަ ނަގައިގެން އައިސް އެނދުމަތީގައި އިށީނދެ ދެފައި ވައްކޮށްލީމެވެ. އަދި ސިޓީ އުރައިން ސިޓީ ނަގާ ހުޅުވާލީމެވެ.

" އަހަރެންނަށް މިއަދު ކުރެވެނީ ބަޔާން ކުރަން ދަތި އިހުސާސް ތަކެކެވެ. ހިތުގައި އަޅަނީ އާދޭހުގެ ވޭނެކެވެ. ވޭތުވެދިޔަ 9 މަސް ދުވަހު އަހަރެން ހޭދަކުރި ދުވަސްތަކަށްވުރެ މިއަދު އުފުލަންޖެހިފައިވާ ތަކުލީފު މާބޮޑެވެ.

އަމިއްލަ ދަރިފުޅު އެހެން މީހެއްގެ އަތް މައްޗަށް ދޫކޮށްލާފައި ދިއުމަކީ އެއްވެސް މަޔަކަށް ކެތްވާނެކަމެއް ނޫނެވެ. އެހެނަސް އަހަރެންގެ ޒަމީރު އަހަރެންނަށް މިއަދު މަޖުބޫރު ކުރީއެވެ. ރައުހާއެވެ. އެ ތުއްތު ދަރިފުޅު ދޫކޮށްލާފައި ދާން ޖެހިދާނެކަމަށް ދުވަހަކު ކޮޅުންވެސް ހީނުކުރަމެވެ. އެހެނަސް މިއަދު މިނޫން ގޮތެއް ނެތީއެވެ. ރައުހާ އަހަރެންގެ ގާތުގައި އެދުވަހު ދެއްކި ވާހަކަ އަހަރެން ޤަބޫލު ކުރިނަމަ މިއަދު މިދުވަސް ދެކޭކަށް ނުޖެހުނީހެވެ. ރައުހާއެވެ. އަހަރެންނަށް މަޢާފު ކުރާށެވެ. އަހަރެންނާ މެދު ހިތް ބަރު ނުކުރައްޗެވެ.

ރައުހާއެވެ. އަހަރެންނަށްޓަކައި އަހަރެންގެ ދަރިފުޅު ރަނގަޅަށް ބަލައިދޭށެވެ. އަހަރެން ރައުހާއާއި ހަވާލު މިކުރާ އަމާނާތަށް ރައްކާތެރިވާނެ ކަމާމެދު ޝައްކެތް ނުކުރަމެވެ. އަމިއްލަ ދަރިޔެއް ފަދައިން އެ ތުއްތު ފުރާނަ ބަލާ ބޮޑު ކުރާށެވެ. ފުރިގެން ބަންޑުންވާ ވަރަށް ލޯބިދޭށެވެ. އަހަރެން ނެތް ކަމުގެ އިހުސާސް ވިޔަ ނުދޭށެވެ.

އެންމެ ފަހު ވާހަކައަކަށް އަހަރެން ބުނަން ބޭނުންވަނީ އެ ދަރިފުޅަށް އަހަރެން ދިން ނަމެވެ. އަހަރެންގެ ދަރިފުޅަށް އަހަރެން ދިން ނަމަކީ ހަނާއެވެ. "

ސިޓީ ކިޔާ ނިމުނީ އަހަރެންގެ ދުނިޔެ އެފުށް މިފުށަށް ޖެހިގެންނެވެ. އެނދުން ތެދުވެވުނީ ލިބިފައިވާ ޝޮކުންނެވެ. އަހަރެންނަކީ ހަނާއެކެވެ. އަހަރެންގެ މަންމަގެ ނަމަކީ ރައުހާއެވެ. މިއީ ކިހާ ހަޤީގަތެއް ހިމެނޭ ސިޓީއެއް ބާއެވެ. އަހަރެންގެ ހިތުގެ ތެޅުން ބާރުވެ ނޭވާލާން އުނދަގޫ ވިއެވެ. އަތާއި ފައި ތުރުތުރުއަޅަން ފެށިއެވެ. ގައިން ބާރު ދޫވެ މީހާ ތިރިވެ މުށިތައް މަތީގައި އިށީނީމެވެ. އެނދުގެ އަރިމަތީގައި ލައްގަނެ ދެފައި ކައިރިކޮށްލީމެވެ. އަދިވެސް ފުން ނޭވާ ލެވެމުންދިޔައެވެ. ހީވަނީ އެއްފަހަރާ އަހަރެންގެ ހުރިހާ ނޭވާއެއް ހުސްކުރަން އަހަރެންގެ ފުއްޕާމޭ މަސައްކަތް ކުރާހެނެވެ. ސިކުނޑިތެރޭގައި ޚިޔާލުތައް އެނބުރެމުން ދިޔައީ ފަންކާއެއްގެ ފިޔަގަނޑު އެނބުރޭހާ ބާރު މިނުގައެވެ. އަހަރެންގެ ނޭވާ ހަމަޔަކަށް އެޅުނީ އެގޮތަށް އިންނަތާ ފަނަރަ ވަރަކަށް މިނިޓް ފަހުންނެވެ. މިކަމުގެ ތެދު ދޮގު ނުބަލާ މިރޭ އެންމެ ލޮލު ފިޔައެއްވެސް ނުޖެހޭނެކަން ޔަޤީން ވުމުން ބައްޕަގެ ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހީމެވެ.

ބައްޕަގެ ދޮރުގައި ޓަކި ޖަހާލުމަށްޓަކައި އަތް މައްޗަށް ނެގި ވަރަކަށް އަހަރެންގެ ހިތް ނުތަނަވަސް ވަމުން ދިޔައެވެ. ހިތު ތެރޭގައި އުފެދިފައިވާ ތޫފާން ހިނދެއް ހިނދަކަށް ދަނީ ބޮޑުވަމުންނެވެ. ފުން ނޭވާއެއް ލުމަށްފަހު ދޮރުގައި ޓަކި ޖަހާލާ ދޮރު ހުޅުވައިލީމެވެ. ބައްޕަ އެވަގުތު އިނީ ތަސްބީހަ ހިފައިގެން ޒިކުރުކުރުމުގައެވެ. " އަނހާ ދަރިފުޅާ ހަނާ. ކިހިނެއްވީ.. " ލަސް ފިޔަވަޅު ތަކެއްގައި ހިނގާފައިގޮސް ބައްޕަގެ ކުރިމަތީގައި އަހަރެން ހުއްޓުނީމެވެ. އަނގައިން ބުނެދޭނެހާ ހިތްވަރު ނެތުމުން އަތުގައި އޮތް ސިޓީއުރަ ބައްޕައާއި ދިމާލަށް ދިއްކޮށްލީމެވެ. ކުރިއަށް ހިނގާދިޔަ ދިހަ ވަރަކަށް ސިކުންތު ތެރޭގައި ބައްޕަގެ މޫނު މައްޗަށް އަރަމުންދިޔަ ކުލަވަރުތައް އަހަރެންނަށް ވަރަށް ގާތުން ފެނުނެވެ. އެންމެ ފުރަތަމަ އަލަށް ފެނުނު އެއްޗެއް ފަދައިން ސިޓީއުރައާއި ދިމާލަށް ބައްޕަ ބަލާލިއެވެ. އުރައިގެ ބޭރުގައި ލިޔެފައިވާ އިބާރާތް ކިޔާލުމަށްޓަކައި ކުޑަކޮށްލި ދެލޯ ކުއްލިއަކަށް ބޮޑުވާން ފެށިއެވެ. މޫނުމަތީގައި ރޫޖެހި، ހާސްކަން

އިތުރުވާން ފެށިއެވެ. އަދި އިސް އުފުލާލާ އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އަހަރެންގެ މޫނު ފެނުމާއެކު އެ ސިޓީ ކިޔާފައި ވާކަން ބައްޕައަށް ޔަޤީން ވިއެވެ.

"ދަރިފުޅާ......." އަހަރެންގެ އަތުގައި ހިފުމަށްޓަކައި ބައްޕަ އަތް ދިއްކޮށްލިއެވެ. އެހެނަސް އަހަރެން ފަހަތަށް ޖެހިލީމެވެ.

"އެހެންވީމާ މިސިޓީގައި މިއޮތީ ހުސް ތެދުވާހަކަ ދޯ؟" ސިޓީ ނަގާ ދައްކާލާ، ތުރު ތުރުއަޅަމުން ދިޔަ އަޑަކުން އަހަރެން އެހީމެވެ.

ފެންކަޅި ވެފައިވާ ދެލޮލުން ބައްޕަ އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން އެތައް އިރަކު ހުއްޓެވެ. އެއަށް ފަހު ބޯޖަހާލިއެވެ. އަހަރެންނަށް ހީވީ މީހަކު އަހަރެންގެ މޭގައި އެތިފަހަރެއް ޖެހިހެންނެވެ. ހިތެއް ފުނޑުފުނޑުވާއަޑު އިވޭނަމަ ޔަޤީނަށްވެސް އަހަރެންގެ ހިތް ފުނޑުވި އަޑު އިވޭނެއެވެ. އަހަރެންގެ އުމުރުން 30 އަހަރު ވޭތުވެ މިދިޔައީ ދޮގެއްގެ ތެރޭގައެވެ. އޮޅުވާލުމެއްގެ ތެރޭގައެވެ. "ކީއްވެ؟" އަހަރެން އެންމެ ޖަވާބު ބޭނުންވި ސުވާލު އަހާލީމެވެ. ބައްޕަ ލޮލުން ކަރުނަ ފުހެލަމުން ޖަވާބު ދޭން ފެށިއެވެ. " ދަރިފުޅާ..... ބައްޕައަށް މިވާހަކަ ކުރިން ނުބުނެވުނީތީ މަޢާފު ކުރޭ.... މަންމަ ވަރަށް އާދޭސް ކުރި ދަރިފުޅު ގާތުގައި ނުބުނާން..... އެހެންވެ ބައްޕަ ނުބުނީ..... އެކަމަކު މިއަދު ބައްޕައަށް އެނގިފައިވާ އެއްޗެއް ދަރިފުޅަށް ކިޔައިދޭނަން".

އެއީ 1993 ވަނަ އަހަރެވެ. ރައުހާއާއި ނަސީރު ކައިވެނި ކުރިތާ 2 އަހަރު ވެއްޖެއެވެ. ޗުއްޓީ ހަދާލުމަށްޓަކައި ރާއްޖޭގެ އުތުރުގެ ރަށަކަށް ދިޔައީއެވެ. އެއްދުވަހަކު ރައުހާ ހޯދަން އަންހެނަކު އައެވެ. ދެމީހުންނަށް އެކަކު އަނެކަކު ފެނުމާއެކު އުފަލުން ގޮސް ބައްދާލިއެވެ. އެ އަންހެން މީހާއަކީ ރައްޓެއްސެއްކަމަށް ރައުހާ ބުންޏެވެ. ބަސްމަދު، މަޑުމައިތިރި އަންހެނެކެވެ. އެދުވަހުގެ ފަހުން ދެން އެ

އަންހެން މީހާއާއި ނަސީރު ދިމާވީ އެއް ރެއެއްގެ ދަންވަރުއެވެ. ކަރު ހިއްކައިގަނެގެން ހޭލެވުނު ނަސީރުއަށް ވެހެމުންދިޔަ ބޯވާރޭގެ އަޑާއި އެކުވެގެން އެއްޗެއްގައި ތަޅާ އަޑު އިވުނެވެ. އިރުކޮޅަކުން މި ތަޅަނީ ދޮރުގައިކަން ރެޔަކާއިލުމާއެކު ފުންމައިގެން ތެދުވެ ދޮރު ހުޅުވަން ހިނގައިގަތެވެ. އޭރުވެސް ރައުހާ އޮތީ ނިދާފައެވެ. ދޮރުހުޅުވާލުމާއެކު ފެނުނީ އެ އަންހެން މީހާ ވާރެއާއި ތެމި ފޯވެފައިވާ ތަނެވެ. އަތުގައި ރަބަރު ގަނޑަކުން ނިވާކޮށްފައިވާ އެއްޗެއް އޮތެވެ. ނަސީރުގެ އަތަށް އެ އެއްޗެއް ދިނުމަށް ފަހު ހިނގައިގަންނަން އެނބުރިލިއެވެ. އަދި އަނބުރާ އެ ދިމާލަށް ބަލާލާ ނަސީރުއާއި ހަތަރު ކަޅި ހަމަކޮށްލިއެވެ. ނަސީރުއަށް އެވަގުތު އެ އަންހެން މީހާގެ ލޮލުން ފެނުނީ އާދޭހެވެ. ނަސީރު އެއްޗެކޭ ބުނަން އަނގަ ހުޅުވާލުމުގެ ކުރިން އެ އަންހެން މީހާ ދުވެފައި ގޮސް ގޯޅި އަޅާލިއެވެ. ނަސީރު ބުނާނެ އެއްޗެއް ނޭނގިފައި ހުއްޓާ އަތުގައި އޮތް ރަބަރުގަނޑުގެ ތެރެއިން ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑު އިވެން ފެށިއެވެ.

" އެރަބަރު ގަނޑުގެ ތެރޭގައި އޮތީ ދަރިފުޅާއިއެކުގައި ތިޔަ ސިޓީ. މަންމަ ފުރަތަމަވެސް ދަރިފުޅު ނަގާ އުރާލީ. އެއަށް ފަހު ސިޓީ ކިޔާފައި ބައްޕަ ގާތުގައި ބުނީ މިއަދުން ފެށިގެން މިއީ އަހަރުމެން ދެމީހުންގެ ދަރިޔެކޭ....."

ބައްޕަ އަހަރެންގެ ގައިގައި މަޑު މަޑުން ބައްދާލާ ވާހަކަ ކުރިއަށް ގެންދިޔައެވެ. " ދަރިފުޅާ.... ބައްޕައަށް އެނގޭ މިހާ ދުވަހަށް ފަހު ދަރިފުޅަށް މިކަންތައް އެނގުނީމާ ވަރަށް ބޮޑަށް ދެރަވާނެކަން. ހިތުގާވެސް ޖެހޭނެކަން..... އެކަމަކު ބައްޕައާ މަންމައާ ދަރިފުޅު ބަލާ ބޮޑު ކުރީ ހަމަ އަމިއްލަ ދަރިޔެއް ފަދައިން. އެއްވެސް ކަމެއް މަދެއް ނުވާނެ...އިންތިހާއަށް ދަރިފުޅު ދެކެ ލޯބިވޭ..... އެންމެ ފުރަތަމަ ހަނާ އުރާލި ވަގުތުން ފެށިގެންވެސް....." އަހަރެން ކޯތާފަތުން ކަރުނަ ފޮހެލަމުން ބައްޕަ ވާހަކަ ކުރިއަށް ގެންދިޔައެވެ. "ދަރިފުޅުގެ އަސްލު މަންމަ ހޯދަން ބައްޕަމެން ވަރަށް މަސައްކަތް ކުރިން... އެކަމަކު ހަމަ އެރޭ އެރަށުން

ފުރައިފިކަމަށް ބައްޕަމެންނަށް މަޢުލޫމާތު ލިބުނީ.....ބައްޕަ ވަރަށް ގިނަ ފަހަރު މަންމަ ގާތުގައި އެހިން އެއީ ކޮން ރައްޓެއްސެއްތޯވެސް.... އެކަމަކު ނަންވެސް ބައްޕައަކަށް ނޭންގުން....."

" ބައްޕާ.... އަހަރެން ބައްޕައާއި މަންމަ ދެކެ ރުޅިއެއް ނާދޭ...... ތިފަދަ ބަޔަކު އަހަރެން ބަލާ ބޮޑު ކުރީތީ އަހަރެން ޙަމްދު ކުރަން......" ގިސްލުމުގެ ތެރެއިން އަހަރެން ވާހަކަ ދެއްކީމެވެ. " އެކަމަކު ބައްޕައަށް އެނގޭތަ އަހަރެންނާއި މީހުން ދިމާކުރި ވަރު..... މަންމައާ ބައްޕަގެ ހަންގަނޑު އަލި ވެފަ އަހަރެންގެ ހަންގަނޑު އަނދިރިވީމަ މީހުން ކުރި ފުރައްސާރަ. އަހަރެންގެ ގައިގައި ވައްތަރު ސިފައެއް ނެތީމާ މީހުން ދެއްކިހާ ވާހަކަ...." އެއީ ތެދެކެވެ. އަހަރެން ބަލާ ބޮޑު ކުރި މަންމައާއި ބައްޕަޔާއި އަހަރެންނާއި ވަރަށް ތަފާތެވެ. އެހެނަސް ހަމައެކަނި ބޭރުފުށުން ފެންނަ ސިފައިންނެވެ. ދުނިޔެއަށް ސިކުނޑު ހުޅުވުނީއްސުރެން އަހަރެން ހިތާ ހިތުން ކުރަމުން ދިޔައީ މި ސުވާލެވެ. މަންމަ ގާތުގައި މި ސުވާލު ކުރާ ކޮންމެ ފަހަރަކު މައުޟޫޢު ބަދަލުކޮށްލަނީއެވެ. އެހެންވެ އަހަރެންވެސް ނިންމީ އެ އަޑުތަކަށް ބީރު ކަންފަތެއް ދިނުމަށެވެ. އެކަމަކު އޭގެ ސަބަބުން އަހަރެންގެ ނަފްސުގައި ވަނީ ރެނދުލާފައެވެ.

" ބައްޕާ... އަހަރެން ބޭނުން އެ އަންހެން މީހާ ހޯދަން..." އަހަރެންގެ ހިތުގައި ނަފްރަތުގެ ހުޅުކޮޅެއް ރޯވާން ފެށިއެވެ. " އަހަރެން ބޭނުން ކީއްވެގެންތޯ އެދުވަހު އަހަރެން ދޫކޮށްލާފައި ދިޔައީ ބަލަން... އަދި ބޭނުން ޝުކުރު އަދާ ކުރަންވެސް. އަހަރެން ދެކެ ލޯބިވާ ބަޔަކާ އަހަރެން ހަވާލު ކުރީމާ...."

" ދަރިފުޅާ... އެހާ އަވަހަށް ދަރިފުޅުގެ އަސްލު މަންމައާއި މެދު ތިގޮތަށް ނުވިސްނާ... ބައްޕަ ޤަބޫލު ކުރަނީ ކޮންމެވެސް ސަބަބެއް އޮތީމައޭ މަޔަކު އެވަރު ކަމެއް ކުރާނީ...... އެހެންވީމަ ދަރިފުޅުވެސް އިހަށް ތިގޮތަށް ނުވިސްނާ.... " އަހަރެންގެ އަހިސްފައިވާ ރުޅި މަޑު ކުރެވޭތޯ ބައްޕަ ބެލިއެވެ.

އެރޭ އަހަރެންނަށް ނިދުނީ ކިހިނެއް ކަމެއް ނޭނގެއެވެ. އަނެއް ދުވަހު ހެނދުނު ހޭލުމާއެކު ބައްޕަ އަހަރެންނަށް ދިއްކޮށްލީ ފޮޓޯ ގަނޑެކެވެ. ފޮޓޯގައި ގެއެއްގެ ކުރިމަތީގައި ހުއްޓިލައިގެން ފުރާވަރަށް އަރާ އުމުރުގެ ދެ އަންހެން ކުދިން ތިއްބެވެ. އެކަކަކީ އަހަރެން ފެނިދެނިވި ވާ މޫނެކެވެ. އަހަރެން ބަލާ ބޮޑު ކުރި މަންމައެވެ. ދެވަނަ އަށް ހުރި އަންހެން ކުއްޖާއަކީ އަކީ މީގެ ކުރިން ދެކެފައި ނުވާ މޫނެކެވެ. ފޮޓޯގެ އަނެއް ފުށުގައި ' ރައުހާ އަދި ޒީނާ ' ލިޔެފައި ވެއެވެ. ފޮޓޯގެ އެއްކަން ވަނީ ނެއްޓެން ކައިރިވެފައެވެ. އެތަންކޮޅު ބޮޑަށް ހާމަކޮށްލުމާއެކު މިއީ ދެ ފޮޓޯގަނޑެއްކަން އަހަރެންނަށް ފާހަގަވެ ތަތް ވެފައިވާ ދެގަނޑު މަޑު މަޑުން ނައްޓުވާލެވޭތޯ ބެލީމެވެ. ވަކިކޮށްލުމާއެކު އަޑީގައި ވީ ފޮޓޯ ފެނި އަހަރެންގެ ނޭވާ ހާސްކޮށްލިއެވެ. އެ ފޮޓޯގައި މަންމަ ހިނިތުންވުމަކާއި އެކު ހުއްޓިލައިގެން ހުރި އިރު ޖެހިގެން ހުރީ އިސްކޮޅުން ދިގު، އަދި އުޅަނބޮއްޓާއި ހަމައަށް އަރާ ކަޅުކަން ގަދަ އިސްތަށިގަނޑެއް ލިބިފައިވާ އަންހެނެކެވެ. އަންހެން މީހާގެ ބޮޑުވެފައިވާ ބަނޑުމަތީގައި އަތް ބާއްވާލައިގެން މަންމަ ހުއްޓެވެ. ދެފޮޓޯއަށް ރަނގަޅަށް ބަލައިލުމުން ' ޒީނާ ' އަކީ އަހަރެން ބަނޑުއަޅާ ވިހެއި މައިމީހާކަން ޔަޤީންވިއެވެ. އެއްލި ކަޅިއަކުން ފުރަތަމަ ފޮޓޯގެ ފަހަތު ކަނެއްގައި ފ.ބިލެއްދޫ ލިޔެފައި ވަނިކޮށް ފެނުނެވެ.

" ބައްޕާ.... މަންމަގެ އުފަން ރަށަކީ ކޮން ރަށެއް؟ " އަހަރެންގެ ޝައްކު ފިލުވައިލުމަށްޓަކައި އަހާލީމެވެ.

"ކިހިނެއްވީ ދަރިފުޅު ތި އެހީ؟ ... މަންމަ އަކީ އަސްލު ފ.ބިލެއްދޫ މީހެއް..... އެކަމަކު މަންމަގެ މުޅި އާއިލާ އެކީގައި މާލެ ބަދަލުވީ މަންމަގެ އުމުރުން 13 އަހަރުގައި.... އޭގެ ފަހުން އަދި އެ ރަށަކަށް ނުދޭ.....އެ ރަށުގެ ވާހަކަވެސް ނުދައްކާ…" މަޑުމައިތިރި ކަމާއި އެކު ބައްޕަ ކިޔައި ދިނެވެ.

" ބައްޕާ... އަހަރެން ބޭނުން އެރަށަށް ދާން....." ބައްޕައާއި ދިމާލަށް ބަލާލަމުން އަހަރެން ބުނީމެވެ.

އަހަރެމެންނަށް ފ.ބިލެއްދޫގެ ބިމުގައި ފައި ޖެއްސުނީ އޭގެ ހަފްތާއެއް ފަހުންނެވެ. ދަތުރު ހަދަމުން ދިޔައިރު އެކި ގޮތްގޮތުން އަހަރެންނަށް ހޯދުނު މައުލޫމާތުން އެނގުނީ އަހަރެންގެ އުފަން މަންމަ ވީ އެރަށުގައި ކަމަށެވެ. ރަށަށް ފޭބި ނަމަވެސް އަހަރެންނާއި ބައްޕަ ދަންނަ އެކަކުވެސް ނެތެވެ. އެހެނަސް މާމަ ދަންނަ މީހުން ތިބިކަމުން އެއިން މީހެއްގެ އެހީގައި ރަށުތެރެއަށް އެރޭ ވަރު ވިއެވެ. އަހަރެން އެންމެ ފުރަތަމަވެސް އެމީހާ ގާތުގައި އެދުނީ ޒީނާގެ ކައިރިއަށް އަހަރެން ގެންދިއުމަށެވެ. އަހަރެންނާއި ބައްޕަ ގޮވައިގެން އެމީހާ ރަށުގެ އެކި މަގުތަކާއި ގޯޅިތަކުން ގޮސް ނޫކުލަ ލާފައިވާ ގެއެއްގެ ކުރިމަތީގައި ހުއްޓުނެވެ. އެމީހާ އާއި ބައްޕަ ތަންކޮޅެއް ދުރުގައި މަޑުކޮށްލިއިރު އަހަރެން ގެޔާއި ކައިއިރިއަށް ޖެހިލީމެވެ. ވަށާފާރާއި ދިހަ ވަރަކަށް ފޫޓު ދުރުގައި ގެޔަށް ވަންނަ ދޮރު ހުއްޓެވެ. އަދި ކަނާތުން ގޯތިތެރޭގައި އޮތް ހުސްޖާގައިގާ، ބޯގަންވިލާ ގަހަކާއި އެޅިފައިވާ އުނދޯއްޔެއްގެ އެއްބައި ފެންނަން ހުއްޓެވެ. އަހަރެން ދެ ފަހަރު ސަލާމް ގޮވާލީމެވެ. އެހެނަސް ޖަވާބެއް ނުލިބުނެވެ. ތިން ވަނަ ފަހަރު ސަލާމް ގޮވާލުމަށްފަހު މާޔޫސީ ހިތަކައިގެން އިސް ޖަހާލަނިކޮށް ލޮލުގެ ކޮޅުން އުނދޯލި ހެއްލެން ފެށިތަން ފެނުނެވެ. އިސް އުފުލާލާ އެއް ފިޔަވަޅު ކުރިއަށް ޖެހިލީމެވެ. އަހަރެންނަށް ފެނުނީ އުނދޯލީގައި އިން އަންހެނެކެވެ. އޭނާ ލައިގެން އިނީ މަޑު ފެހި ކުލައިގެ ހެދުމެކެވެ.އަޅައިގެން އިނީ ހަމަ އެ ކުލައިގެ ބުރުގާއެކެވެ. މޫނު މަތީގައި ވަނީ މަޑު މައިތިރިކަމެވެ. އަތުގައި އޮތް ތަސްބީހަފައްޗާއި އެއްވަރަށް ތުން ތަޅުވަމުން ދިޔައެވެ. އަހަރެން އަދި އެއްފިޔަވަޅު ކުރިއަށް ޖެހިލުމާއެކު އެމީހާ ސިއްސައިގެން ގޮސް އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. އިރުކޮޅަކުން ލައްޕާފައިވާ ގޭގެ ދޮރު ހުޅުވި ޒުވާން އަންހެން ކުއްޖެއް ނިކުތެވެ.

" ކިހިނެއްވީ؟ " އެ ޒުވާނާ އަހާލިއެވެ. މީހަކު ހޯދަން ވެގެން ކަމަށް ބުނުމުން ކާކުތޯ އެހިއެވެ.

" ޒީނާ ނަކަމަށް ކިޔާ މީހަކު މިގޭގައި އުޅޭތަ؟ " އަހަރެން އަހާލީމެވެ.

" ޒީނާ ..... ކާކު ޒީނާ ހޯދަނީ...." މިހެން އެހުމާއި އެކު އުނދޯލީގައި އިން އަންހެން މީހާއަށް ބަލާލަމުން އަހަރެން ޖަވާބު ދިނީމެވެ.

" އަހަރެންނަކީ ހަނާ. ރައުހާގެ ދަރި ހަނާ." އަހަރެންގެ ޖަވާބުން އެ އަންހެން މީހާއަށް އެއްވެސް އަސަރެއް ނުކުރިއެވެ. އެހެންކަމުން އެއީ ޒީނާ ނޫން ކަމަށް އަހަރެން ނިންމީމެވެ.

އެ ޒުވާނާ މަޑު ކުރާށޭ ބުނުމަށްފަހު ހިނގާފައި ގޮސް އެ އަންހެން މީހާ ކުރިމަތީގައި ހުއްޓުނެވެ. އަދި އަންހެންމީހާއާއި އެއްވަރަށް ޒުވާނާގެ ބޯ ތިރި ކުރުމަށްފަހު އަހަރެންނާއި ދިމާލަށް އިނގިލި ދިއްކޮށްލުމަށް ފަހު ބާރަށް ލަސްލަހުން ބުންޏެވެ. " މަންމާ.... މަންމަ ހޯދަން އަހިސް ހުރި ކުއްޖެއް އެހުރީ.... ހަނާ.... ރައުހާގެ ދަރި ހަނާ ".އަހަރެންގެ ދެލޯ ބޮޑުވިއެވެ. އަދި އެހެން ބުނުމާއިއެކު އަންހެން މީހާވެސް އަހަރެންނާއި ދިމާލަށް ބަލާލާ ދެލޯ ބޮޑުކޮށްލިއެވެ. އެއަށްފަހު ކަރުނައިން ފުރެމުން ދިޔަ ލޮލަކާއި އެކު އިޝާރާތުގެ ބަހުން އެ ޒުވާނާ ގާތުގައި ވާހަކައެއް ބުންޏެވެ. އެވާހަކަ ބުނުމުން އެ ޒުވާނާ ބޯޖަހާލުމަށްފަހު ތެދުވެ އަހަރެންނާއި ވާހަކަ ދެއްކިއެވެ.

" މިއީ ޒީނާ .... އަހަރެންގެ މަންމަ.... މަންމައަށް ކޮންމެވެސް ވަރަކަށް އަޑު އިވޭނެ. އަނގަ ފެންނަގޮތަށް ވަރަށް ބާރަށް ވާހަކަ ދައްކަން ޖެހޭނީ.... އެކަމަކު މަންމަ އަކަށް ވާހަކައެއް ނުދެއްކޭ ...... މަންމަ އެ އަހަނީ ހަމަ ރައުހާގެ ހަނާ ހޯ ތިޔައީ..މަންމަގެ ކުރިމަތީ ހުއްޓި ވާހަކަ ދައްކަބަލަ " ޒުވާނާގެ ވާހަކަ އަޑުއިވުމާއި އެކު އަހަރެންނަށް ހުރެވުނު ތަންވެސް ނޭނގުނެވެ. އަހަރެންގެ ހިތުގައި އުފެދެމުން ދިޔަ ސުވާލުތައް ބަޔާންކޮށްދޭނެ ގޮތެއް ނޭނގުނެވެ. ލަސް ފިޔަވަޅުތަކެއްގައި އަހަރެން ގޮސް ޒީނާގެ ކުރިމަތީގައި ހުއްޓުނީމެވެ. އަދި ގުދުވެލާ ޒިނާއާއި ހަތަރުކަޅި ހަމަކޮށްލީމެވެ. އެވަގުތު ޒީނާގެ ލޮލުން އަހަރެންނަށް ފެނުނީ އާދޭހެވެ. އެ ލޯ ގޮވަމުން ދިޔައީ ޒީނާގެ ވާހަކަ ކިޔައިދިނުމަށް ފުރުޞަތު


ދިނުމަށެވެ. ހިތުގެ ތެޅުން ހިނދެއް ހިނދަކަށް އަވަސްވަމުން ދިޔަ ނަމަވެސް އަހަރެން ފުން ނޭވާއެއް ލުމަށްފަހު ފެށީމެވެ.

" އަހަރެންނަކީ ރައުހާ ބަލާ ބޮޑު ކުރި ހަނާ..... އަހަރެންގެ އަސްލު މަންމަ ވަނީ އަހަރެން އެހެން މީހެއްގެ އަތް މައްޗަށް ދޫކޮށްލުމަށް ފަހު ފިލައިގެން ގޮސްފާ..... އަހަރެންނަކަށް ނޭނގޭ އަހަރެންގެ ކޮން ކުށެއް އޮވެގެން ކަމެއް އަހަރެން ދޫކޮށްފާ އަހަރެން ބަނޑުއަޅާ ވިހޭ މައިމީހާ އަހަރެން ދޫކޮށްލީކީ... އެކަމަކު އަހަރެން މިއަދު އެ ސުވާލުގެ ޖަވާބު ބޭނުން.... ހެޔޮނުވާނެ އަހަރެންނަށް ޖަވާބުދީ...." އަހަރެންގެ ވާހަކަ ނިމުނުއިރު ގިސްލާފައި އަހަރެންނަށް ރޮވުނެވެ. އަހަރެންގެ ކުރިމަތީގައި އިން ޒީނާ ވެސް ހަމަ އެފަދައެވެ. ގައިން ހިތްވަރު ދޫވެ، ކަކޫ ޖައްސާ ބިންމަތީގައި އަހަރެން އިށީނީމެވެ. އަހަރެން އިސް އުފުލާލާ ކައިރީގައި ހުރި ޒުވާނާ ގާތުގައި އަހަރެންނަށް ޖަވާބެއް ހޯދައިދިނުމަށް އެދުނީމެވެ. އެޒުވާނާގެ މޫނުމަތިން ފެނުނު ހާސްކަން ފިލުވާލާ އޭނާގެ މަންމަ އަށް އިޝާރާތް ކުރިއެވެ. ޒީނާވެސް އިޝާރާތުން ޖަވާބުދޭން ފެށިއެވެ. އެ ޒުވާނާ އަހަރެންނަށް ކިޔައިދޭން ފެށިއެވެ.

ޒީނާއަކީ އުފަންވިއިރު ހުރިހާ ހިއްސެއް ބަރާބަރު ކުއްޖެކެވެ. ޒީނާގެ އުމުރުން 16 އަހަރު ވަންދެން އުޅެ ބޮޑުވީ ބިލެއްދޫގައެވެ. ކުޑައިރުއްސުރެން އެންމެ ގާތް ރަހުމަތްތެރިޔަކީ ރައުހާއެވެ. އެހެނަސް ރައުހާ މާލެ ބަދަލުވުމާއިއެކު އެގުޅުން ހީނަރުވީއެވެ. އެއަށްފަހު މީހަކާއި އިނދެގެން ޒީނާ ބަދަލުވީ ރާއްޖޭގެ އުތުރުގެ ރަށަކަށެވެ. ކައިވެނީގެ ކުރީކޮޅު ދެމަފިރިން އުޅުނީ ވަރަށްވެސް ލޯބިންނެވެ. އެހެންނަމަވެސް ދުވަސްކޮޅަކުން ޒީނާއަށް ފިރިމީހާގެ ފަރާތުން ތަފާތުތަކެއް ފާހަގަވާން ފެށިއެވެ. އެންމެ ފުރަތަމަ ރުންކުރުވެ ރުޅިގަދަވުމެވެ. ގޭގައި ހޭދަކުރާ ވަގުތު މަދުވުމެވެ. ޒީނާކޮށްދޭ ކަންތައްތަކާއި މެދު ހިތްހަމަ ނުޖެހިގެން ފާޑު ކިޔުމެވެ. ވިހަ ބަސްތަކުން ޒީނާގެ ހިތް ކޮށާލުމެވެ. އެހެނަސް ދުވަސްކޮޅަކުން އަނެއްކާވެސް ކުރީގެ

ފިރިމީހާއަށްވެ ލޯބިން އުޅެންފެށިއެވެ. އެހެނަސް އަލުން އެ އަމަލުތައް އިއާދަވެ ނަފްސާނީ އަނިޔާ ބަދަލުވެގެން ދިޔައީ ޖިސްމާނީ އަނިޔާއަށެވެ. ޒީނާ މާބަނޑުވިކަން ވެސް އެނގުނީ މިހިސާބުންނެވެ. އެހެނަސް ފިރިމީހާގެ އަނިޔާތަކަށް ހުއްޓުމެއް ނާދެއެވެ. ޒީނާ ގެއިން ނިކުމެ އެހީތެރިކަން ހޯދަން މަސައްކަތް ކުރިނަމަވެސް އެކަން ނާކާމިޔާބު ވީއެވެ. ކަންދިމާ ކުރިގޮތުން ޗުއްޓީ ހޭދަކޮށްލުމަށް ރައުހާގެ ދެމަފިރިންނަށް އާދެވުނީ މި ރަށަށެވެ. ދެ ރަހުމަތްތެރިން އަލުން ބައްދަލުވުމާއެކު ތިބީ ވަރަށްވެސް އުފަލުންނެވެ. ޒީނާގެ ހިތުގައި އަޅާވޭން ފަރުދާކުރި ނަމަވެސް ހަށިގަނޑުން ފެންނަންހުރި ނިޝާންތައް ފޮރުވައެއް ނުލެވުނެވެ. ރައުހާ އެތައް އާދޭހެއް ކުރިނަމަވެސް ޒީނާއަށް ދަރިފުޅު ގެއްލިދާނެ ކަމުގެ ބިރަށްޓަކައި ފިރިމީހާ ދޫކޮށްދެވެން ނެތްކަމަށް ބުންޏެވެ. ދެ ރަހުމަތްތެރިންގެ ބައްދަލުވުމުގެ ދެ ދުވަސް ފަހުން ޒީނާގެ ފިރިމީހާ އިންތިހާއަށް ރުޅި ގަދަވެ ޒީނާއަށް އަނިޔާ ކުރަން ފެށިއެވެ. ވިހެއުމާއި ގުޅުން ހުރި ގަދަ ވޭން ޒީނާއަށް އެންމެ ފުރަތަމަ ވެސް ތަޖުރިބާ ކުރެވުނީ ހަމަ އެ ވަގުތުއެވެ. އާދޭހާއި ހަޅޭކުގެ އަޑު އެކީ ޒީނާގެ އަނގައިން ނިކުންނަން ފެށިއެވެ. އެހެނަސް މިއިން ކަމަކަށް ފަރުވާލެއް ނެތި ޒީނާގެ ފިރިމީހާ ދިޔައީ އޭނާގެ ނުލަފާކަން ދައްކަމުންނެވެ. ކުރާނެހާ އަނިޔާއެއް ކޮށްފައި ގެއިން ނިކުމުގެން ޒީނާގެ ފިރިމީހާ ދިޔައީ ޒީނާގެ އަބުރާއި އެކު ޒީނާގެ އަޑު އިވުމާއި ވާހަކަ ދެއްކުންވެސް ނިގުޅައިގަނެފައެވެ. ޒީނާއަށް ރަނގަޅަށް އަޑު ނީވޭކަން ފާހަގަވީ ވަގުތަކީ ޒީނާގެ ހަޔާތަށް ބިޔަ ބޮޑު ރާޅެއް ބިންދާލި ވަގުތެވެ. ހާސް ކަމުގެ ތެރޭގައި ވިހެއުމުގެ ވޭންވަރު އަހިސް ދަރިފުޅު ވިހައިފިއެވެ. އެކަނިވެރި ހާލަށް ޒީނާ ދަރިފުޅު ގަޔާލާ ބޮނޑިކޮށްލައިގެން އޮތް އިރު އެ ތުއްތު ފުރާނަ ދިޔައީ ބާރަށް ރޮމުންނެވެ. އެހެނަސް ޒީނާއަށް އެއަޑު އިވެނީ ކުކުރުމެއްގެ ގޮތުގައެވެ. ވަގުތުން ވަގުތަށް ޒީނާ ގޮތް ނިންމިއެވެ. ދަރިފުޅުގެ ގައިގައި އިނގިލި ކުރި ޖައްސާލިޔަވެސް ނުދޭން އަޒުމް ކަނޑައެޅިއެވެ. ލެއިން ތަތް ތެޅިފައިވާ ހާލު ހިތްވަރާއިއެކު ދަރިފުޅާއި އެކު ތެދުވެއްޖެއެވެ. އަދި ދަރިފުޅު ސާފުކޮށް އެނދުމަތީގައި ބާއްވާ، ގައިގައި އަޅާ ވޭނަކަށް ބެލުމެއް ނެތި ވީހާ އަވަހަކަށް ޒީނާ ގައިން ތާޙިރުވިއެވެ. އެއަށްފަހު ގަނޑަކާއި ގަލަމެއް ނަގާ ސިޓީއެއް ލިޔުނެވެ. ސިޓީ ލިޔަމުން ދިޔައިރު ގުގުރުމާއިއެކު ބޯ ވާރޭ ވެހެން ފަށައިފިއެވެ. ސިޓީ ހިފައިގެން އަހިސް ދަރިފުޅު އުރާލާ ރޮމުން މުޅި ގައިގައި ބޮސްދޭން ފެށިއެވެ. ދަރިފުޅާއިއެކު ދޮރުމައްޗަށް ނިކުތް އިރު ބޯކޮށް ވާރޭވެހެއެވެ. ގޭތެރެއިން ރަބަރުގަނޑެއް ހޯދާ ދަރިފުޅުގެ ގައިގައި ވަށާލުމަށްފަހު ގަޔާލާ ބޮނޑިކޮށްލައިގެން ޒީނާ ދުއްވައިގަތީ އަނބުރާ އެ ގޭގެ ތެރެއަށް އެންމެ ފިޔަވަޅެއް ވެސް ނޭޅުމުގެ ޢަޒުމުގައެވެ. ބޯވާރެއާ ވިދާ ގުގުރުމުގެތެރޭގައި ދުވަމުންދިޔަ ޒީނާ އަށް ރައުހާ މެން ތިބި ގެއަށް ދެވުނު ވަގުތަކީ ރައުހާގެ ފިރިމީހާ ފެން ބޮވައިގަނެގެން ތެދުވިވަގުތެވެ. ޒީނާ ދޮރުގައި ތަޅަމުން ދިޔަތާ އިރުކޮޅެއް ނުވެ ދޮރު ހުޅުވާލައިފިއެވެ. ވާހަކަ ދެއްކުމާ އަޑުއިވުމުގެ ނިޢުމަތުން މަހުރޫމުވެފައިވާ ޒީނާއަށް މުއާމަލާތު ކުރުންވީ އުނދަގޫ ކަމަކަށެވެ. އެހެން ކަމުން ދަރިފުޅު ރައުހާގެ ފިރިމީހާއާއި ހަވާލުކުރުމަށްފަހު ހިނގައިގަތެވެ. މާ ގިނަ ފިޔަވަޅުތަކެއް ނޭޅެނީސް ޒީނާ ފަސް އެނބުރި ދަރިފުޅާއި ދިމާލަށް ބަލާލިއެވެ. މަންމަ އަށް މަޢާފު ކުރާށޭ ބުނާ ބީދައިން ބަލާލުމަށް ފަހު ޒީނާގެ ފިރިމީހާއާއި ހަތަރު ކަޅި ހަމަ ކޮށްލީ އާދޭހާއި އެކުގައެވެ. އެއަށްފަހު އެނބުރިލާ ގޭގެ ދޮރުން ނިކުމެ ދުވެފައި ގޮސް ގޯޅި އަޅާލިއެވެ. އެއަށްފަހު ރަށުގެ ގޮނޑުދޮށަށް ނިކުތެވެ. އެއީ ދަންވަރު ނަމަވެސް މަސްވެރިކަމަށް ނިކުންނަ ދޯނިތަކުގެ މީހުން އަތިރިމަތީގައި ހޭލަމޭލަވެ އުޅެއެވެ. ޒީނާގެ ހެދުން ތެރެއަށްލީ ގަނޑުކޮޅަކާއި ފަންސުރެއް ނަގާ އެއްޗެއް ލިޔެލިއެވެ. އަދި ފުރަން ތައްޔާރުވެފައިވާ މަސްދޯންޏެއްގެ ފަޅުވެރިއަކަށް ހަނާއަޅާލުމަށްފަހު އޭނާއަށް ގަނޑުކޮޅު ދައްކާލިއެވެ. އޭގައި ވަނީ މިރަށުން ޒީނާ ގެންގޮސް ދިނުމަށެވެ. އެމީހާ އަކީ ޒީނާގެ އަވަށްޓެރިއެއް ކަމުން ޒީނާގެ ހާލަތު ވަރަށް ރަނގަޅަށް އެނގެއެވެ. އެ މަސްދޯނި އެރޭ ފުރީ ޒީނާއާއި އެކީގައެވެ. އަނެއް ދުވަހު މަސް ބޭނުމަށްފަހު އެ ދޯނި ލެފީ ރަށާއި ކައިރި އެހެން ރަށެއްގައި ޒީނާ ބަހައްޓާފައެވެ.

ވާހަކަ ކިޔައިދީ ނިމުނު އިރު ތިން އަންހެނުންވެސް ރޮނީއެވެ. " މަންމާ…. އަހަރެންނަކަށް ނޭނގޭ މަންމަ ތިޔަވަރު ކަމެއް ތަހައްމަލުކޮށްފައިވާ ކަމަށް….." ޒީނާގެ ހަގު ދަރިފުޅު ބުންޏެވެ.

ގޭގެ ދޮރުމަތީގައި އަޑުއަހަން ހުރި ބައްޕަގެ ދެލޯވެސް ވަނީ ކަރުނުން ފުރިފައެވެ. ދެލޯ ފޮހެލާ އެތެރެއަށް ވަދެގެން ގޮސް ޒީނާގެ ކުރިމައްޗަށް ހުއްޓުނެވެ. "ހެއްދެވި ފަރާތުގެ ރަޙުމަތްފުޅުން ރައުހާއާއި އަހަރެން، ޒީނާގެ ދަރިފުޅު ބަލާބޮޑުކޮށްފައި އެހުރީ އަޚުލާޤު ރަނގަޅު ބަސްއަހާ ދަރިއެއްގެ ގޮތުގާ….. ނުލާހިކު ލޯބި ދީގެން… އަހަރުމެންނާއި ހަވާލު ކުރި އަމާނާތައް ރައްކާތެރިވެވުނު ކަމަށް އުންމީދުކުރަން". މަންމަގެ މޫނުމަތިން އުފާވެރިކަން ފާޅުވިއެވެ. އަދި އަހަރެންނާއި ދިމާލަށް ބަލާލިއެވެ. " މަންމާ…. އަހަރެންނަށް މަޢާފު ކުރޭ… ކުޑަ ހިނދުކޮޅަކަށް ނަމަވެސް ހަޤީގަތް ނޭނގި އަހަރެންނަށް މަންމަދެކެ ނަފުރަތު ކުރެވުނީތީ….. ދުވަހަކު ކޮޅުންވެސް އަހަރެންގެ ހިތަކަށް ނާރާ މިކަހަލަ ގޮތަކަކަށް ކަންތައްތައް ވެފައިވާނެކަމަކަށް….. " އެއަށްފަހު މަންމަގެ ގައިގައި ބާރަށް ބައްދާލީމެވެ.

- ނިމުނީ -