ޚަބަރު

ޑިމޮކްރަސީއާއި ޢަދުލު އިންސާފުގެ އުޞޫލުތައް ރާއްޖެއިން ދަމަހައްޓާނެ: ޒަމީރު


  • މިފަހަރުގެ ސަމިޓުގެ ޝިޢާރަކީ "ޑިމޮކްރަސީ ފޯރ ފިއުޗަރ ޖެނެރޭޝަންސް"

  • ޑިމޮކްރަސީގެ އުޞޫލުތައް ދެމެހެއްޓުމަށް ކުރާ މަސައްކަތްތަކަށް އަލިއަޅުވާލެއްވި

ޑިމޮކްރަސީއާއި އަދުލު އިންސާފުގެ އުޞޫލުތައް ދެމެހެއްޓުމަށް ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޚާރިޖީ ވަޒީރު މިފަދައިން ވިދާޅުވީ، ދެކުނު ކޮރެއާގެ ސޯލްގައި ކުރިއަށްދިޔަ ތިންވަނަ "ސަމިޓް ފޯ ޑިމޮކްރަސީ"ގައި ވަރޗުއަލްކޮށް ދެއްވި ތަޤުރީރުގައެވެ.

ޚާރިޖީ ވަޒީރު ޒަމީރުގެ ވާހަކަފުޅުގައި، ޑިމޮކްރަސީއާއި އަދުލުއިންޞާފާއި ހަމަހަމަކަމުގެ އުޞޫލުތައް ދެމެހެއްޓުމަށް ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

ވަކިން ޚާއްޞަކޮށް، ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަކަމާއެކު ޢަދުލު އިންޞާފު ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް ވަޒީރު އަލިއަޅުއްވާލެއްވިއެވެ. މީގެ އިތުރުން، ޒުވާނުން ބާރުވެރިކުރުވުމަށާއި، ނިންމުންތައް ނިންމުމުގައި އަންހެނުންގެ ބައިވެރިވުމަށް އިސްކަންދީ، ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް ޒަމީރު އަލިއަޅުއްވާލެއްވިއެވެ.

ޚާރިޖީ ވަޒީރު ޒަމީރު ދެއްކެވި ވާހަކަފުޅުގައި، ހަމަހަމަކަމާއެކު ޢަދުލު އިންޞާފު ޤާއިމުކުރުމަށާއި، ރާއްޖޭގެ ކޯޓުތަކުގެ ނިޒާމު އިސްލާޙުކުރުމަށް އެމެރިކާ ސަރުކާރުގެ ފަރާތުން ލިބޭ އެހީތެެރިކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.

ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޯލް އިންތިޒާމްކޮށްގެން ބޭއްވި ތިންވަނަ ސަމިޓް ފޯ ޑިމޮކްރަސީ ކުރިއަށްގެންގޮސްފައިވަނީ މި މަހުގެ 18 އިން 20 އަށެވެ. މި ސަމިޓަކީ އެމެރިކާގެ އިސްނެގުމަކަށް 2021 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ސަމިޓެކެވެ.