ޚަބަރު

ހަރުގޭގައި އަލިފާން ރޯކޮށްލާފައިވަނީ ބަޔަކު ގަސްތުގައި: ކާށިދޫ ކައުންސިލް


  • އަލިފާނުގެ ހާދިސާގައި ދެދޯނި ވަނީ އެއްކޮށް އަނދާފައި

ކާށިދޫގެ އޮޑި ހަރުގޭގައި އެހެލާފައި ހުރި ދޯނިތަކެއްގައި ރޯވި ހާދިސާއަކީ ބަޔަކު ގަސްތުގައި އަލިފާން ރޯކޮށްލުމުން ހިނގި ހާދިސާއެއް ކަމަށް ކާށިދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މިހާދިސާގައި 2 ދޯންޏާއި، ބޮއްކުރާއެއްގައި އަލިފާން ރޯވި ކަމަށާއި، މީގެ ތެރެއިން ދެ ދޯނިވަނީ އެއްކޮށް އަނދާފައި ކަމަށް މަޢުލޫމާތުލބިފައިވެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ކާށިދޫ ކައުންސިލްގެ ރައީސް މުހަންމަދު އާމިރް ވިދާޅުވީ މިހާދިސާ ހިނގާފައި ވަނީ ރޭގެ 12:30 ހާއިރު ބަޔަކު އެސަރަހައްދުގައި ރޯކޮށްލައިގެން ކަމަށެވެ. އަދި އެސަރަހައްދުގައި އޮތް 2 ދޯނީގެ އިތުރުން އެސަރަހައްދުގައި ހުރި ބައެއް ރުށްތަކަށްވެސް އަލިފާނުގެ އަސަރުކޮށްފައިވާ ކަމަށެވެ.

ހަރުގޭގައި ރޯވި އަލިފާން ނިއްވާލުމަށް އާންމުންނާއި އެމްއެންޑީއެފްގެ ޓީމުން ކުރި މަސައްކަތުން އަލިފާން ނިވުނުއިރު 2 ދޯނި އޮތީ އެއްކޮށް އަނދާފައި ކަމަށްވެސް އާމިރު ވިދާޅުވިއެވެ. މިހާދިސާގައި އެނދި ދެ ދެދޯންޏަކީ ބާވެ ހަލާކުލާކުވެފައިވާ 2 ދޯނި ކަމަށާއި، އަލިފާން ރޯވި ކުޑަދޯނި ނުވަތަ ބޮއްކުރާ އޮތީ ބޭނުން ކުރެވޭ ހާލަތުގައިކަމަށްވެސް އާމިރު ވިދާޅުވިއެވެ.

"އަލިފާން ހިފަން މެދުވެރިވީ އަޅުގަނޑު ދެކޭ ގޮތުގައި އެއްވެސް ސަބަބެއް މެދުވެރި ވެގެނެއް ނޫން. ބަޔަކު އެތަނުގައި ރޯކޮށްލައިގެން އަލިފާން ހިފީ." ކައުންސިލްގެ ރައީސް މުހަންމަދު އާމިރް ވިދާޅުވިއެވެ.

މިހާދިސާއާއި ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ބުނީ މިމައުލޫމާތު ލިބުމާއިއެކު ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން އަލިފާން ނިއްވާ ލޯންޗުގައިގައި އެ ރަށަށް ދިއުމަށް ދަތުރު ފެށިކަމަށާއި ފަޔަރ ފައިޓަރުންގެ ޓީމް އެސަރަހައްދަށް ދިޔައިރު އަލިފާން ރޯވި ދޯނިތައް އެއްކޮން އަނދާ ހުލިވެފައި ވާކަމަށެވެ. ނަމަވެސް އޭރުވެސް އަލިފާނުގެ އަސަރު ހުރުމުން ފަޔަރ ފައިޓަރުންގެ ޓީމުން މަސައްކަތްކޮށް އަލިފާން ނިއްވާލެވުނީ 06:24 ހާއިރު ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ބުނެއެވެ.