މުނިފޫހިފިލުވުން

ވާހަކަ: މައިމީހާ


  • މިއީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ކުރުވާހަކަ މުބާރާތުގައި ބައިވެރިކޮށްފައިވާ ވާހަކައެއް

  • ލިޔުއްވީ: ޒުހުރާ އިސްމާޢީލް،ގދ.މަޑަވެލި/ތިބްރީޒްގެ

  • ހުށަހެޅުއްވީ: ޒުހުރާ ޢިސްމާޢީލް، ގދ.މަޑަވެލި/ތިބްރީޒްގެ

  • އޮންއެއަރކުރި ދުވަސް: 18.03.2014

ދަންވަރުގެ ވަގުތެވެ. ނާދިޔާއަށް ހޭލެވުނީ ފެން ބޮވައިގަނެގެންނެވެ. އޭރު ގަޑިން މެންދަމުން އަލިވެ 2 ޖަހަނީއެވެ. ކައިރީގައި ނިދިފައޮތް ކުޑަކުޑަ އައިޝާގެ ނިތްކުރީގައި ބޮސްދިނުމަށްފަހު ނާދިޔާ ކޮޓަރިން ނުކުތެވެ. ހަމައެވަގުތު ކޮންމެ ރެއަކު ނާދިޔާގެ ކަންފަތުގައި ޖެހޭ ގިސްމުލުގެ އަޑު ޖެހުނެވެ. އެއަޑަކީ ނާދިޔާއަށް އާއަޑެއްނޫނެވެ. ނާދިޔާގެ ފިޔަވަޅަށް ހުއްޓުން އެރީ މިރޭ އެ ގިސްލުމުގެ އަޑު ތަފާތުވުމުންނެވެ. އެ އަޑުގައި ވަނީ ވޭނާ ކެކުޅުމެވެ. ކޮޓަރިއާ ދިމާއަށްހުރި ފިޔަވަޅު ބޭއިޙްތިޔާރުގައި ގިސްލުމުގެ އަޑާ ދިމައަށް އެނބުރުނެވެ. މަޑު ފިޔަވަޅުގައި ގޮސް ނާދިޔާ ހުއްޓުނީ ބައްޕަގެ ކޮޓަރީގެ ދޮރުކައިރިއަށެވެ.

ކޮޓަރީގެ ދޮރު ހުރީ ހުޅުވިފައެވެ. ފަނޑުއަލިކަމެއް ކޮޓަރީގަ ހުއްޓެވެ. އޭނާ މަޑުމަޑުން ކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއެވެ. ބައްޕަ ރާފިއުއަށް އޮތީ ނިދިފައެވެ. ކުޑަމޭޒު ކައިރީ ގޮނޑީގައި އިށީދެ ފޮތެއްގަ ކޮންމެވެސް އެއްޗެއް ލިޔަން އަލްމާސް އިނެވެ. އަލްމާސް ކަރުނަ ފުހެމުން ފޮތުގައި ލިޔަމުން ދިޔައެވެ. ނާދިޔާ އެމަންޒަރު ބަލަންހުރި އިރު، ހިތުގައި ކުޑަ ރިހުމެއް އުފެދުނެވެ. ނަމަވެސް އަލްމާސް މޫނުފެނުމާއެކު، ވީފޫހިން މޫނު ކުނިކޮށްލަމުން ނާދިޔާ އެނބުރުނެވެ. އެހެނަސް ހަމަ އެސިކުންތު ކޮޅުގައި އަނެއްކާވެސް އެނބުރި ކޮޓަރިއަށް ބަލާލީ އަލްމާސް ގެންގުޅުނު ފޮތްމަތިން ހަނދާންވުމުންނެވެ. އަލްމާސް ސިއްރުން ފޮތް ބޭއްވިތަން ބަލަން ނާދިޔާ ހުއްޓެވެ. އަލްމާސް ފޮތް ބާއްވާފައި ފާހާނައަށް ވަނުމާއެކު ފުރުސަތުގެ ބޭނުންހިފިއެވެ. އޭނާ އަވަސް އަވަހަށް އެ ކޮޓަރިއަށްވަދެ އަލްމާސް ގެންގުޅުނު ފޮތް ނެގިއެވެ. ސިއްރު ސިއްރުން ފޮތް ހިފައިގެން އޭނާގެ ކޮޓަރިއަށްވަދެ ބޮކިދިއްލުމަށްފަހު، ފޮތް ހުޅުވާލިއެވެ. އެއަށްފަހު ގޮނޑީގައި ރަނގަޅަށް ހަމަޖެހިލިއެވެ. ވަރަށް ރީތި އަތުލިޔުމެކެވެ. ބިސްމީގައި އަތްޖައްސާލަމުން ނާދިޔާ އޭގައިވާ ފޮޅުވަތްތައް ކިޔަންފެށިއެވެ.

" ރަހުދާއަކީ އަހަރެންގެ ފުރާނަފަދަ ލޯބިވާ އެކުވެރިއާއެވެ. އަހަރެންގެ މަންމަ ބަލިވެ އެނދުމަތިވެ މަރުދުވަހާ ޖެހެންދެން ވެސް އަހަރެންނަށް އެންމެ އޯގާތެރި ކަމާއެކު އަތްދިއްކޮށްލި މަދަދު ވެރިއާއެވެ. ހުރިހާ ހިތާމައެއް އަދި ހުރިހާ އުފަލެއްގައި ބައިވެރިވި އެހީތެރިޔާއެވެ.

އެ އަޅާލުން ދުވަހަކު ވެސް އަހަރެންގެ ހިތަކުން ނުފިލާނެއެވެ. ރަހުދާގެ ފިރިމީހާ ރާފިއުއަކީ ރަނގަޅު އާއިލާއެއްގެ މީހެކެވެ. ރަށު ސުކޫލް މުދައްރިސެކެވެ.

ދުވަސްތައް ފާއިތުވަމުންދިޔައެވެ. އަހަރެންގެ ހަޔާތަށް ނާހިދު އައެވެ. ނާހިދަކީ ވެސް މުދައްރިސެކެވެ. ރާފިއުގެ އެކުވެރިއެކެވެ. އަހަރެންނާއި، ނާހިދު ދިމާވެ އެކުވެރިކަން ބަދަހިވެ އެގުޅުން އިތުރު ހަރުފަތަކަށް ގެންގޮސްދިނީ ރަހުދާ އާއި ރާފިއުއެވެ. ރައްޓެހިވެގެން މާގިނަ ދުވަސްވާކަށް އަހަރެމެން ބޭނުމެއް ނުވިއެވެ. ކައިވެނީގެ ފޮނި އުއްމީދުތަށް އަހަރެމެން ކުރީމެވެ. އެހާމެ ފޮނި ހުވަފެންތައް ދުށީމެވެ. ކައިވެނީގެ ފަހުން ދިރިއުޅުން ބިނާ ކުރާނެ ގޮތް ކުރަހައި، ކައިވެނި ކުރަން ތާރީޚު ކަޑައެޅީމެވެ. އޭރު ރަހުދާ އިނީ ބަލިވެއެވެ. ވިހަން ތައްޔާރުވެފައެވެ. ރެއަކީ އަހަރެންގެ ކައިވެނިކުރަން ރަންކީ ރެއެވެ. ބަލިވެ އުޅޭތީ ރަހުދާއަށް އަހަރެންގެ ރަންކިއުމުގައި ބައިވެރިއެއްނުވެވުނެވެ.

ދަންވަރުގެ ވަގުތު ޚަބަރު ލިބުނީ ރަހުދާ ބަނޑުގައި ރިއްސާތީ ރަށުގެ ސިއްޙީ މަރުކަޒަށް ގެންދިޔަ ވާހަކައެވެ. އަހަރެން ދުވެފައި މަރުކަޒާދިމާއަށް ދިޔައީމެވެ. މީހުން ކޮޅުކޮޅުމައްޗަށް ހެލިފެލިވެ އުޅެއެވެ. އޭރު ރަހުދާގެ ރުއިމުގެ އަޑު އިވެމުންދިޔައެވެ. އަހަރެން ގޮސް މަޑުކޮށްލީ ރާފިއު ކައިރީގައެވެ. އެ ވަގުތު ވިއްސާކޮޓަރިން މީހަކު ނުކުމެ އަހަރެންނާއި، ރާފިއު އެތެރެއަށް ވަނުމަށް އެދުނެވެ. އަހަރެން ވަރަށް ހާސްވިއެވެ. ކެޑިނޭޅި ރަހުދާގެ ގިސްލުމުގެ އަޑު އިވެމުން ދިޔައެވެ. އަހަރެމެން ދެ މީހުން ރަހުދާގެ ބޯކޮޅުގައި މަޑުކޮށްލީމެވެ. ރަހުދާ އޮތްހާލުފެނި އަހަރެންނަށް ވެސް ރޮވެން ފެށުނެވެ. ލޯބިލޯބި އަންހެން ކުއްޖެއް ރަހުދާގެ މަގަތުގައި ބާއްވާފައި އޮތެވެ. ހަމަ ކުޑަކުޑަ ރަހުދާއެކެވެ. މާނޭވަޔާއެކު ވަރަށް ހިތްވަރުން ރަހުދާ ވާހަކަދައްކަން މަސައްކަތް ކުރިއެވެ. ވެފައިވާ ވަރުބަލިން ރަހުދާގެ ދެލޯވަނީ މެރިފައެވެ. "އަލްމާސް މިތުއްތު ދަރިފުޅުގެ މައިމީހާއަށް ވެދީ.. އަހަރެންގެ ފިރިމީހާ އެކަނިވިޔަ ނުދީ.." ރަހުދާގެ ޖުމުލަ އަހަރެންގެ ކަންފަތަށް ހެރުނު ތީރެއްހެން ހީވިއެވެ. ބުނާނެ އެއްޗެއް ނޭގިފައި އަހަރެންނަށް ހުރެވުނެވެ. ރަހުދާއަށް މިއީ އޭނަގެ ފަހު ވަގުތުކޮޅުހެން ހީވަނީ ކަންނޭނގެއެވެ. އެކަމަކު ރަހުދާގެ އެ ޖުމުލަތަކަށް އަހަރެންނަށް އެއްބަސްވެވޭނެ ހެއްޔެވެ. އަހަރެން ކައިވެންޏަށް ކުރި ފޮނިއުއްމީދު ރަހުދާއަށްޓަކާ ގުރުބާންކުރަންވީ ހެއްޔެވެ. ނާހިދު ދެކެ އަހަރެން ހާދަ ލޯބިވަމެވެ. ޒަވާޖީ ހަޔާތެއް ފެށުމަށް ތައްޔާރުވަމުންދާއިރު، އަހަރެންނާ މި ކުރިމަތިމިވީ ކޮންފަދަ އިމްތިހާނަކާހެއްޔެވެ. އަހަރެންގެ ސިކުނޑި ހުއްޓުނު ކަހަލައެވެ. ކުޑައިރުކޮޅަކަށް ނަމަވެސް އަހަރެންނަށް ހުރެވުނުތަން ހަނދާންނެތި މީހާ ފެންކަޅިވާގޮތްވިއެވެ. އެހެނަސް ތަކުރާރުކޮށް ރަހުދާ އާދޭސް ކުރަމުން ދިޔައެވެ. ތެދެކެވެ. މުސްކުޅިވެ ގައިބާރު ދެރަވެފައިވާ ރަހުދާގެ މަންމައަށް ހިނގެނީ ވެސް އަސާގަނޑު ހިފައިގެންނެވެ. ދެންހުރީ ދައްތަ ވަރުދާއެވެ. ކުޑަ

ތިންކުދިންގެ މަންމައެކެވެ. ވަރުދާގެ އާއިލާ ބަލަމުން، ރަހުދާގެ ދަރިފުޅު ބެލުމަށް ބުރައެއް ޖައްސަން ރަހުދާ ބޭނުންނުވަނީއެވެ. ރަހުދާ ތަކުރާރުކޮށް އެދެން ފެށުމުން އަހަރެންނަށް އެކަމާ އެއްބަސްވާން މަޖުބޫރުވިއެވެ.

ވަގުތުގެ ނާޒުކުކަން ހިތަށް އެރުމުން އެނޫންގޮތެއް ނެތީމައެވެ. ރަހުދާގެ ތުއްތު ދަރިފުޅު އުރާލާ މެޔާލާ ބޮޑިކޮށްލީމެވެ. އަދި މިއީ ދަރިފުޅުގެ މައިމީހާއޭބުނެ އެ ދަރިފުޅު މޫނުގައި ބޮސްދިނީމެވެ. ރަހުދާއަށް އަހަރެންގެ ޖުމުލަ އިވުމާއެކު އޭނާގެ މޫނުމަތިން އުންމީދުގެ ކުލަވަރު ފާޅުވިއެވެ. ކުޑަދަރިފުޅު ރަހުދާގެ އެދުމަށް ކައިރީގައި ބާއްވާލީމެވެ. ރަހުދާ ދަރިފުޅުގެ މަޑުމަޑު ކޯތާފަތުގައި ބޮސްދިނެވެ. ހަމަ އެވަގުތު އޭނާ ކައިރީގައިތިބި މީހުންނަށް ޝަހާދަތުގެ އަޑުއިވުނެވެ. އަހަރެންނަށް ރޮއެގަނެފައި ރަހުދާއަށް ގޮވަންފެށުނެވެ. މޮޔައަކު ފަދައިންނެވެ.

އަހަރެން ރަހުދާގެ ދަރިފުޅާ ހަވާލުވި ޚަބަރު ނާހިދަށް ނުދެވެނީސް ނާހިދުގެ ކަންފަތަށް އެ ޚަބަރު ފޯރިއެވެ. ނާހިދުގެ ވާހަކައިން އެކަމާ ނުރުހޭކަން އަހަރެންނަށް އެނގުނެވެ. ރަހުދާގެ އެދުމަށް ދަރިފުޅުގެ މަންމަގެ ވާޖިބު އަދާކުރުމާއި، ހަވާލުވިޔަސް ރާފިއުއާ އިނުމުގެ ހިޔާލެއް އަހަރެންގެނެތެވެ. އަދިވެސް ބޭނުންވަނީ ނާހިދުއާ ކައިވެނިކޮށް، ދަރިފުޅު ވެސް ގޮވައިގެން ދިރިއުޅުން ކުރިއަށް ގެންދާށެވެ. ނަސީބަކުން އެގޮތަށް ރާފިއު ވެސް އެއްބަހެވެ. ނަމަވެސް އެގޮތާ ނާހިދު އެއްބަހެއްނުވިއެވެ. ނާހިދު ހުރީ އޭނާގެ ގޮތުގައެވެ. އަހަރެން އިޙްތިޔާރު ކުރީ ދަރިފުޅެވެ. އެކުވެރިޔާގެ އެ އަމާނަތެވެ. ކަންތައްވެގެން ދިޔައީ އަހަރެން އުންމީދު ކުރިގޮތަކަށްނޫނެވެ. ނާހިދު ވަކިވުމުގެ ހިތާމަ އަހަރެން ކުރީމެވެ. ދެކެމުންއައި ކުލަރީތި ހުވަފެންތައް ވިއްސި ވިހާލިވީމައެވެ. އެހެނަސް ލޯބިލޯބި ކަމަނަވީ އަހަރެންގެ ހިތައްލިބުނު ތަސައްލީއަކަށެވެ. ރޯނެ ފުރުސަތެއް ވެސް އެ ދަރިފުޅު ނުދެއެވެ. އަހަރެން މަންމައެއްގެ ވާޖިބު އެންމެ ފުރިހަމަ ގޮތުގައި އަދާކުރީމެވެ.

އަހަރެން ކުޑަދަރިފުޅު ނާދިޔާ ބަލަމުން ދިޔައީ ލޮލުގެ ކޮއި ފަދައިންނެވެ. އަހަރެން އުޅެމުން ދިޔައީ އަހަރެންގެ ގޭގައެވެ. އެހެނަސް ކޮންމެ ދުވަހަކުހެން ރަހުދާގެ މަންމަ ގެއަށް ނާދިޔާ ގެންދަމެވެ. އެ މީހުންނާ ނާދިޔާ ދުރުކުރާކަށް އަހަރެން ބޭނުމެއްނޫނެވެ. ރާފިއު ކޮންމެ ދުވަހަކު ވެސް ނާދިޔާ ކައިރިއަށް އައިސް އެ ދަރިފުޅާ ހީ ސަމާސަކޮށް އެކުގައި ވަގުތުހޭދަކުރެއެވެ.

ދުވަސްތައް އޭގެ ވާޖިބު އަދާ ކުރަމުން ދިޔައިރު އަހަރެންނާ ރާފިއު ގާތްކޮށްދިނީ ތުއްތުތުއްތު ނާދިޔާއެވެ. ދުވަހަކަށްވުރެ، ދުވަހެއް ދެ މީހުންގެ ގާތްކަން އިތުރުވަމުންގޮސް، ރާފިއުއާ ކާއިވެނިކުރުމަށް އޭނާ ބޭނުންވާކަން ހާމަކުރިއެވެ. އެކަމާ ގަޔާވިޔަސް އާބަސް ބުނާކަށް އަހަރެންނަކަށް ނުކެރުނެވެ. އެއް އިރެއްގައި ރާފިއުއަކީ އެންމެ ގާތް އެކުވެރިއާގެ ފިރިމީހާއަށް ވީތީއެވެ. ނަމަވެސް ދެ ފަރާތު އާއިލާގެ ހިޔާލާ، އެއްބާރުލުމާއެކު އަހަރެން ރާފިއުއާ ކައިވެނި ކުރީމެވެ.

ރާފިއުއާ ކައިވެނި ކުރުމުން އަހަރެންނަށް ނާހިދުގެ އުނދަގޫ އިންތިހާއަށް ބޮޑުވިއެވެ. އަހަރެންނާ ރާފިއުގެ ގުޅުމަކީ ރަހުދާއާ އިނދެގެން އުޅުންއިރު ވެސް އޮތް ގުޅުމެއް ކަމަށާ، އަހަރެން ރަހުދާއަށް ސިޙުރު ހަދާ މަރާލީ ކަމަށް ބުނެ ރަށުތެރޭގައި ދޮގު ޚަބަރު ފަތުރަން ފެށިއެވެ. އެ ދޮގު ވާހަކަތަކުގެ ސަބަބުން ރަހުދާގެ އާއިލާ ވެސް އަހަރެންނަށް ނަފުރަތުކުރިއެވެ. އަހަރެންނާ ދިމާއަށް ހުތުރުބަސް ބުނެ އެއްޗެހިގޮވިއެވެ. ރަހުދާގެ އާއިލާމީހުން ބޭނުންވީ އެ ދަރިފުޅެވެ. މިހެންކަމުން ކޯޓަށް މައްސަލަ ހުށައަޅައި، ރާފިއުގެ އަތުން ދަރިފުޅު ވެސް އަތުލަން އުޅުނެވެ. ނަމަވެސް ﷲގެ ހެޔޮ ރަހްމަތްފުޅުން މައްސަލަނިމުނީ ރާފިއުގެ ކޮޅަށެވެ.

ދުވަސްތައް މާޒީވަމުންދިޔައީ ހަލުވިކަމާއެކުގައެވެ. ކައިވެންޏަށް އަހަރުވީތަނާ އަހަރެން ބަލިވެ އިނެވެ. ނަމަވެސް ތިންމަހުގައި ބައިގެން ދިޔައީއެވެ. އަހަރެން ﷲއަށް ހަމްދު ކުރީމެވެ. ކެތްތެރިކަން ދެއްވުމަށްއެދި ދުޢާ ކުރީމެވެ. އޭގެ ފަހުން ވެސް ބަލިވެއިން ދެ ފަހަރު ވެސް ބައިގެން ދިޔައީއެވެ. ދަރިއަކު ހޯދަން ބޭސް ކުރުމަށް ރާފިއު އެތަށްފަހަރަކު އެދުނެވެ. ނަމަވެސް އަހަރެން އެކަމާ އެއްބަހެއް ނުވަމެވެ. ދަރިއަކު ބޭނުން ނުވާތީކީނޫނެވެ. އުފަންދަރިއަކު ބޭނުމެވެ. އެހެނަސް ކުޑަހިދުކޮޅަކަށްވިޔަސް އަހަރެންގެ ލޯމަތިން ނާދިޔާ ގެއްލެން ބޭނުން ނުވާތީއެވެ.

ރަހުދާ އަހަރެންނާ ހަވާލުކުރި ޒިންމާ އޭގެ އެންމެ ފުރިހަމަގޮތުގައި އަހަރެމެން ދެމަފިރިން އަދާކުރީމެވެ. އަމިއްލަ ބަނޑުން އުފަން ނުވިޔަސް މައިމީހާގެ ވާޖިބު އަދާކުރަމުން، ދިޔައީ ވަރަށް އުފާވެރި ދުވަސްތަކެކެވެ. ރަހުދާގެ މަންމަ ކައިރިއަށް ނާދިޔާ ގޮވައިގެން ރާފިއު ގޮސް ހަދައެވެ. ނާދިޔާއަށް އަހަރެންމީ އުފަން މަންމަ ނޫން ކަމެއް އަހަރެމެން ނުބުނަމެވެ. އެކަން އިހްސާސް ވިޔަކަވެސްނުދެމެވެ. ނަމަވެސް އެ ދަރި ބޮޑުވެ ތަންދޮރުވަކިވާވަރު ވުމުން ކޮންމެވެސް ގޮތަކުން އެގޭނެކަން ގަބޫލުކުރަމެވެ. އެދުވަހަކުން ހުރިހާ ވާހަކައެއް ކިޔައިދޭން ތިބީއެވެ.

ނާދިޔާގެ މަދަރުސީ ދައުރު ފެށުނެވެ. އުމުރުން ފަސް އަހަރުގައި ނާދިޔާއަށް އެހުރިހާ ކަމެއް އެގެން ފެށިއެވެ. ރަހުދާގެ އާއިލާގެ ފަރާތުންކަމަށް ހީކުރީމެވެ. އެއްދުވަހަކު ނާދިޔާ ސުކޫލް ނިންމާ ގެއަށް އައިސް ބުނި ޖުމުލަ އަކުން އަހަރެންގެ މޭފަޅާ ހިތް ނުކުތް ކަހަލައެވެ. "މަންމާ ތިއީ އަހަރެންގެ އަސްލު މަންމަތަ... ކޮންމެވެސް ބޭބެއެއް ބުނި ތިއީ އަހަރެންގެ ދޮންމަންމަ އޭ... އެއީ ދޮގެއްދޯ މަންމާ.." ނާދިޔާގެ އެ ޖުމުލަ އަހަރެންގެ ކަންފަތުގައި ގުގުމަމުންދިޔައެވެ. ލޮލަށް ޖަމާވި ކަރުނަތަށް ނާދިޔާއަށް ފެނިދާނެތީ އަހަރެން ނާދިޔާ ގައިގައި ބައްދާލީމެވެ. އެކަހަލަ ވާހަކަ ނުދެއްކުމަށް ބުނީމެވެ. ނާދިޔާގެ ކަންފަތާ ހަމައަށް އެވާހަކަ ގެނެސްދިނީ ކާކުކަން އެގުނީ ނާހިދުއާ މަގުމަތިން ދިމާވެގެން އަހަރެންނާ ދިމާއަށް ބުނި ޖުމުލައަކުންނެވެ.

ބޮޑުވަމުން ދިޔަވަރަކަށް ނާދިޔާގެ ސުވާލުތަށް ގިނަވާންފެށިއެވެ. އެންމެފަހުން ކެތްތެރިކަމާއެކު އަހަރެންމީ ދޮންމަންމަ ކަމަށް އެއްބަސްވީމެވެ. އެހެނަސް މިއީ ދަރިފުޅުގެ މައިމީހާ ކަމުގައި ބުނީމެވެ. އުފަންދަރިއަކު ދެކެވާ ލޯބި ވަމޭ ބުނީމެވެ. އެދުވަހު ނާދިޔާ ވަރަށް ރޮއެހެދިއެވެ. ދޮގުހަދާ އޮޅުވާލީކަމަށް ބުނެ އަހަރެންދެކެ ރުޅިއައެވެ. ވަރުދާއާއި ނާހިދުގެ ރޭވުން ވަރަށް ކާމިޔާބެވެ. ދެލޮލުގެ ކޮއެފަދައިން ބަލަމުންގާ ނާދިޔާ އަހަރެންނާ ވާހަކަ ދެއްކުން މަދުވިއެވެ. ރަހުދާގެ އާއިލާއާ ގާތްވެ އަހަރެންނާ ދުރުވާންފެށިއެވެ. ގިނަވަގުތު އަހަރެންނާއެކު ހޭދަނުކުރިޔަސް އަހަރެންނަށް މަންމަ ކިޔާ އަހަރެންނާ މަދުން ނަމަވެސް ވާހަކަ ދައްކާތީ އެކަމާ އަހަރެން އުފާކުރީމެވެ.

ދުވަސްތައް ފާއިތުވަމުންދިޔައެވެ. ނާދިޔާގެ މަދަރުސީ ދައުރު ނިމި ނާދިޔާ ވަޒީފާއަދާކުރަން ފެށިއެވެ. އިތުރަށް ކިޔަވާކަށް ނާދިޔާ ބޭނުމެއް ނުވިއެވެ. އަހަރެން ނާދިޔާގެ ކަންފަތާ ހަމައަށް ފޯރަން ބޭނުންނުވި ދޮގު ޚަބަރު ނާދިޔާގެ ކަންފަތަށް ފޯރިއެވެ. މިފަހަރު ނާހިދުގެ ފަރާތަކުން ނޫނެވެ. "ދޮންމަންމާ... ކަލޭތީ ގާތިލެއް.. ސިޙުރު ވެރިއެއް.." ނާދިޔާ އެއްދުވަހު އޮފީހުން އެއައިގޮތަށްވަދެ އަހަރެންނާ ދިމާއަށް ރުޅިވެރިކަމާއެކު ގޮވާލިއެވެ. މާ ރަނގަޅުވެގެން އުޅެނީ ކޮންމެވެސް ފައިދާއަކަށްކަމަށާއި، ވަރުދާގެ ފަރާތުން ހުރިހާ ހަގީގަތެއް އެގިއްޖެ ކަމަށް ބުނެލީ އަހަރެންގެ ހިތަށް ކުރާނެ އަސަރާމެދު ވިސްނާލުމެއް ވެސް ނެތިއެވެ. އަހަރެންގެ ހިތަށް ހީވީ ހޫނު ފެންއެއްޗެއް އޮއްސާލިހެންނެވެ. "ދަރިފުޅާ ތިކަހަލަ ވާހަކަ ނުދައްކާ... މިއީ ދަރިފުޅުގެ މައިމީހާ.. ރަހުދާގެ ދެއަތުން ދަރިފުޅު އަހަރެންނާ ހަވާލުކުރީ.. ތި ދަރިފުޅަށް އަމާނާތްތެރިވުމަށް..." އަހަރެންނަށް ރޮއިގަނެފައި ނާދިޔާގެ އަތުގައި ހިފާ މެޔާލާ ބޮޑިކޮށްލެވުނެވެ. އެވަގުތު ވެސް އެންމެފުރަތަމަ ނާދިޔާ އުރާލި ދުވަހު އުފެދުނު މައިވަންތަކަން ހިތުގައި އުފެދުނެވެ. ނާދިޔާ ރުޅިއައިސް އަތްފޮޅުވާލަމުން މަންމަގެ ގާތިލާއި ހަތަރުކަޅި ހަމަކުރަން ވެސް ބޭނުންނޫންކަމަށްބުނެ، ކޮޓަރިއަށް ވަދެ ދޮރުލެއްޕިއެވެ. ފަޅައިގެންގޮސްފައިވާ ހިތަކާއެކު އަހަރެންނަށް ހުރިތަނަށް ތިރިވެވުނެވެ. މާޒީގެ ސަފުހާތައް ލޯ ކުރިމަތީ އެނބުރެމުން ދިޔައެވެ. އެއްމެ ތުއްތު އިރުގެ ނާދިޔާ ފެންނަމުން ދިޔައެވެ.

ނާދިޔާ ރާފިއު ކައިރީ ވެސް އެހުރިހާ ވާހަކައެއް ދެއްކިއެވެ. ރާފިއު ވެސް ނާދިޔާއަށް ވިސްނަދޭން މަސައްކަތް ކުރިއެވެ. ނަމަވެސް ރާފިއުގެ ވާހަކަ ވެސް ނާދިޔާ ގަބޫލެއް ނުކުރިއެވެ. އަހަރެން ގެއިން ނެރުމަށް ރާފިއު ކައިރިން ނާދިޔާ އެދުނެވެ. ރާފިއު އަހަރެން ކައިރީ އެވާހަކަތައް ދެއްކިއެވެ. އަހަރެން މިގެއިން ނުކުންނާކަށް އެއްބަހެއްނުވަމެވެ. އަހަރެންގެ ލޯކުރިމަތިން ނާދިޔާ ގެއްލެން ބޭނުންނޫންކަމަށް ބުނީމެވެ. ކިތަންމެ ނަފުރަތު ކުރިޔަސް މަރުދުވަހާ ޖެހެންދެން ވެސް ކެތްތެރިވާނަމޭ ބުނީމެވެ. އަދި ﷲގެ އިރާދަފުޅާއެކު ކޮންމެވެސް ދުވަހަކު އަހަރެންމީ ނާދިޔާގެ މައިމީހާ ކަމުގައި ގަބޫލުކޮށް ރުހުމުގެ ލޮލަކުން ބަލާ އޯގާތެރިވާނެ ކަމުގައިވެސް

ރާފިއު ކައިރީ ބުނީމެވެ. އެންމީދު ކަނޑައެއްނުލަމަވެ. އެދުވަހުގެ ފަހުން ވެސް ނާދިޔާ އެ ޖުމުލަތައް އަދި އެ ބަސްތައް ބޭނުން ނުކުރާ ދުވަހެއް ނުދެއެވެ. އެ ބަސްތަކުން އަހަރެންގެ ހިތް ކުދިކުދި ވެއެވެ.

ނާދިޔާގެ އުމުރުން 18 އަހަރު ފުރުމުން އޭނާ ޒަވާޖީ ހަޔާތެއް ފެށިއެވެ. ރާއިދުއަކީ އެ ރަށުކުއްޖެކެވެ. އާދައިގެ އާއިލާއެއްގެ ކުއްޖަކަސް އުޅުން ރަނގަޅު ކުއްޖެކެވެ. ވަޒީފާ އަދާކުރަނީ ރަށުގައި ހުންނަ އިންޖީނުގޭގެ އޮފީސްބައިގައެވެ. ނާދިޔާގެ ބައިވެރިއަކަށް ރަނގަޅު ކުއްޖަކު އިޙްތިޔާރުކުރުމުން އަހަރެން ވަރަށް އުފާވިއެވެ. ރާއިދުގެ ގޭގައި އިތުރު ކޮޓަރިއެއް ނެތުމުން ދިރިއުޅެން ނިންމީ ނާދިޔާގެ ގޭގައެވެ. ނާދިޔާގެ އެދުމަށް އަހަރެމެންގެ ކޮޓަރިއާއިންވެގެން އިތުރު ބަދިގެއެއް ހެދިއެވެ. އަހަރެންނާ ވަކިން ކައްކަން ނާދިޔާ ބޭނުންވީއެވެ. ރާއިދު އަހަރެންނަށް މަންމާއޭ ކިޔާފައި ގޮވާލާހަދައެވެ. ހާލު ބަލާލާ ހިނިތުންވެލައެވެ. އިސްވެ ވާހަކަ ވެސް ދައްކައެވެ. ނާދިޔާ އަހަރެންނާ ވާހަކަ ނުދެއްކިޔަސް އަދި ހަތަރުކަޅި ހަމަ ނުކުރިޔަސް ނާދިޔާގެ މޫނު ފެނުމުން އަހަރެންގެ ހިތަށް ފިނިކަން ލިބެއެވެ.

މާގިނަ އަހަރުތަކެއްނުވެ ނާދިޔާގެ ދެމަފިރިންނަށް ދަރިއަކު ލިބުނެވެ. ވިހައިގެން އެދަރިފުޅު ގެއަށް ގެނައި ދުވަހު މާމަ ދަރިފުޅު ދެކިލަން ނާދިޔާ ކޮޓަރިއަށް އަހަރެން ދިޔައީ ވަރަށް ފޮނި އުއްމީދާއެކުގައެވެ. އެކަމަކު ޖެހުނީ އެނބުރިދާށެވެ. "ރާއިދުވެސް ނުވާނެ ދޮންމަންމަ މިދަރިފުޅު ގައިގަ އަތްލިޔަދީގެން.." އަހަރެން ނާދިޔާގެ ކޮޓަރި ދޮރުމައްޗަށް އެރުމާއެކު ނާދިޔާ އޭނަގެ ފިރިމީހާ ކައިރީ ރުޅިވެރި އަޑަކުން ބުނެލިއެވެ. ކޮޓަރި ކައިރިއަށް ނުދެވުންނަމަ އެއަޑު ނީވުނީސްއޭ އަހަރެންގެ ހިތަށް އެރިއެވެ. އެކުޑަކުޑަ ލޯބި އައިޝާ ގޮވައިގެން ނާދިޔާ އުޅޭތަން އަހަރެން ދެކެމެވެ. އުރާލާ ލޯބިކޮށްލަން ނުލިބޭތީ ވަރަށް ހިތްދަތިވެއެވެ. މަސަލަސްނުވެގެން ނާދިޔާ އުޅޭ ވަގުތު އެހީތެރިވާން ބޭނުންވެއެވެ. އަހަރެންގެ މޭމަތީ އެ ދަރިފުޅު ބާއްވާ ނާނާކިޔާލަން ވެސް ބޭނުންވެއެވެ.

އެއްދުވަހަކު އަހަރެން ގޭތެރެއިން ނުކުތްއިރު އައިޝާގެ ރުއިމުގެ އަޑު އެކޮޓަރިން އިވެންފެށިއެވެ. ހުއްޓާލާތޯ އިރުކޮޅަކު ހުރުމަށްފަހު އަޑު ނުކެޑުމުން އެދިމާއަށް ދިޔައީމެވެ. ނާދިޔާއަށް ގޮވާލީމެވެ. މީހެއްގެ ހިލަމެއްނުވުމުން ދޮރުހުޅުވާ ވަންއިރު ނާދިޔާއެއްނެތެވެ. ކުޑައެނދުގައިއޮތް އައިޝާގެ މޫނުމަތީ ރަޖާއޮޅި އައިޝާއަށް ނޭވާނުލެވިގެން ތެޅި ފޮޅެނީއެވެ. އަހަރެން އަވަސް އަވަހަށް ރަޖާނެގުމަށްފަހު، ނަގާ އެ މަންޖެ މަސަލަސްކުރަން މަސައްކަތް ކުރީމެވެ. ފުރަތަމަ ފަހަރަށް އުރާލަން ލިބުމުން އަހަރެން ހުރީ އައިޝާ ބާއްވަން ބޭނުން ނުވެފައެވެ. އެ މޫނަށް ބަލަން ހުރެވުނެވެ. ހަމަ ކުޑަކުޑަ ނާދިޔާއެކެވެ. އަހަރެން ސިހުނީ ނާދިޔާ އައިސް އަހަރެންގެ އަތުން އައިޝާ ޖަހައިގަތުމުންނެވެ. ރުޅިވެރިކަމާއެކު އަހަރެންނާދިމާއަށް ބުނި ޖުމުލަތަކުން ހިތް ކުދިކުދި ކޮށްލިއެވެ. ސިހުރުވެރިއެއްކަމަށް ތަކުރާރުކޮށް ބުނަމުން ދިޔައެވެ.

ރަހުދާ މަރާލާ އައިޝާ ވެސް މަރާލަން ބޭނުންވަނީ ކަމުގައި ބުނަމުންދިޔައެވެ. އެކޮޓަރިން ނުކުތުމަށް އަހަރެންނަށް އަމުރުކޮށް، ދޮރާ ދިމާއަށް އިޝާރާތް ކުރިއެވެ. ވީދެރައިން ކަންވީގޮތް ބުނާނެ ހިތްވަރެއް ނުލިބުނެވެ. ލޮލަށް ޖަމާވި ކަރުނަތަށް ހިފަހައްޓާލަމުން އަހަރެން ކޮޓަރިން ނުކުތީމެވެ. އަހަރެން ލޮލުގެ ކޮއި ފަދައިން ބެލި ދަރިފުޅު އަހަރެންނަށް ނަފްރަތު ކުރުން ވެގެން ދިޔައީ އަހަރެންނަށް ލިބުނު ބޮޑު ހިތާމައެކެވެ. މިކަހަލަ ކިތަންމެ ދުވަހަކާ އަހަރެންނަށް ކުރިމަތިވިއެވެ. ކެތްތެރިކަމާއެކު އަހަރެން އެހުރިހާ ކަމަކާ ކުރިމަތިލަމެވެ.

ރެއަކީ ނާދިޔާއާ ރާއިދު ބޭރަށްދިޔަ ރެއެކެވެ. އޭރު އަހަރެން ހުރީ ބަދިގޭގައެވެ. ނާދިޔާ ބޭރަށް ނުކުމެލާ ރޭތައް ބަލާފައި، އަހަރެން އައިޝާ ދެކިލަން ވަންނަމެވެ. މިރޭވެސް އަހަރެންނަށް އައިޝާގެ ލޯބި މޫނަށް ބަލާލަން ވަގުތު ކޮޅެއް ލިބޭނެ ކަމުގެ އުއްމީދުގައި އެކޮޓަރިއަށްވަނީމެވެ. އެ ދަރިފުޅުގެ މޫނުގައި ފިރުމާލާ ހިތުންނެވެ. އައިޝާއަށް އޮތީ ނިދިފައެވެ. ލޯބިލޯބި އައިޝާއަށް ދެ އަހަރު ފުރި ތިން އަހަރަށް އަޅަމުން އެދަނީ އުރާލާ މަޖާކޮށްލަން ނުލިބިއެވެ. އެމޫނުގަ ބޮސްދީ ފިރުމާލަން ނުލިބި ބޮޑުވަނީއެވެ. ފެންކަޅިވެ އިނދެ އެމައުސޫމް މޫނުގައި އަހަރެން ބޮސްދިނީމެވެ. އެއާއެކުއަހަރެންގެ ލޮލުން ފޭބި ކަރުނަތަށް އައިޝާގެ ކޯތާފަތުގައި ބީހިލިއެވެ. އައިޝާގެ މޫނުން ނާދިޔާ ފެންނަން ފެށުމުން އަހަރެނަށް އަނެއްކާވެސް ރޮވެން ފެށުނެވެ. ހުރިހާ ކަމެއް ހަނދާންވާން ފެށުމުން ހިތަށް ކެތްނުވެގެން އެބުރިދާން ހިގައިގަތީމެވެ. ނަމަވެސް ހުއްޓުންއެރީ އައިޝާގެ އެނދުމަތީއޮތް ބިޗޫ ފެނިގެންނެވެ. ކިތަންމެ ބިރުގަންނަ ސުއިއްޕަކަސް އަވަސް އަވަހަށް އެ ނަގާ އެއްލާލީމެވެ. އެވަގުތު އޭތި އަހަރެންގެ އަތުގައި ކަށި ޖެހިއެވެ. ވީތަދުން އަހަރެންނަށް ހަޅޭއްލަވައި ގަނެވުނެވެ. އަހަރެންގެ އަޑަށް ނިދިފައި އޮތް އައިޝާއަށް ހޭލެވުނެވެ. އައިޝާގެ ރުއިމުގެ އަޑަށް އަހަރެންގެ އަތުން ތަދު ކެނޑުނު ކަހަލައެވެ. އައިޝާ ނަގާ ކޮޑުމަތީ ބާއްވާއިގެން މަސަލަސްކުރަމުން ދިޔައީމެވެ. އައިޝާއަށް ނިދުމުން ކޮޓަރިން ނުކުތުމަށް އަވަސްވެގަތީމެވެ. ބިޗޫ ކަށިޖެހި ތަނަށް ބަލާލަމުން އެތަނުގައި ހިފަހައްޓާލަމުން ނުކުތީމެވެ. އަހަރެންނަށް ނުކުމެވުނީ ނާދިޔާ ކުރިމައްޗަށެވެ. ދެލޯ ބޮޑުކޮށް ބަލަން ހުރި ނާދިޔާގެ ދެލޮލުން ހީވަނީ އަލިފާންކަނި ބުރާހެންނެވެ. އައިރުޅީގައި ނާދިޔާ އަހަރެންނަށް ބަވާލިއެވެ. "ކަލޭ ހުންނަނީ އަހަރެން އައިޝާ ބާއްވާފަ މިގެއިން ހިދުކޮޅަކަށްވެސް ނުކުމޭތޯ ބަލަބަލާ ދޯ... ބުނީމެންނު ތި މުޑުދާރު އަތުން އަހަރެންގެ ދަރިފުޅުގައިގަ އަތްލައިގެން ނުވާނެއޭ.." ނާދިޔާގެ އެ ވިހަގަދަ ޖުމުލަތަކަށް ކެތްނުވެގެން އަހަރެން ނާދިޔާ އަތުގަހިފާލީމެވެ. "ދަރިފުޅާ މިއީ ދަރިފުޅުގެ މައިމީހާއޭ... ތިފަދަ އެއްޗިހި ނުކިޔާ.. " އަހަރެންގެ އަޑުބެދުނެވެ. ނާދިޔާ އެހުރިހާ އެއްޗެއް ކިޔާ އަޑު އަހަން ރާއިދުވެސް ކައިރީގައި ހުއްޓެވެ. ރާއިދު އެއްޗެކޭ ބުނަން އުޅުނެވެ. ނާދިޔާ ރާއިދަކަށް އެފުރުސަތެއް ނުދިނެވެ. އަހަރެންމީ ގާތިލެއްކަމަށާ، މިވަރަށް އެއްޗެހި ކިޔާކުރާއިރުވެސް މިގެއިން ދާކަށްނޫޅޭކަމަށް ބުނެ އަހަރެންގެ އަތްފޮޅުވާލަމުން އޭނާގެ ކޮޓަރިއަށް ވަނެވެ. ފަހަތުން ރާއިދު ވެސް އިސްޖަހައިގެން ހުރެ ކޮޓަރިއަށް ވަނެވެ. ކަންފަތުގައި ގުގުމަމުން ދިޔަ ނާދިޔާގެ ޖުމުލަތަކުން ގުޑިލަންވެސް ނޭގިފައި އެތައް އިރެއް

ވަންދެން އަހަރެންނަށް ހުރެވުނެވެ. ކަރުނަތައް ކޯތާފަތް ތެއްމަމުން ދިޔައެވެ. ބިޗޫ ކަށި ޖެހުމުން ވީ ތަދަށް ވުރެ ނާދިޔާގެ ވިހަ ބަސްތަކުން ހިތަށް ލިބުނު ތަދު މާބޮޑެވެ. ނާދިޔާގެ ބަސްތަކުން އަހަރެންގެ ހިތަށްވާތަދުން ނުރޮއެ ނިދޭ ރެއެއް ވަރަށް މަދުވާނެއެވެ. އެހެނަސް ކަރުނަ ފުހެދޭނެ އަތެއް ނެތެވެ. ލޯތްބާއެކު މަންމާއޭ ގޮވާލާނެ ދުލެއް ނެތެވެ. ރާފިއު އަހަރެންނަށް ވަރަށް ނަސޭހަތް ދެއެވެ. ނާދިޔާގެ އަމަލުތަކާމެދު ނުވިސްނުމަށެވެ. އެހެނަސް ނާދިޔާ ބުނެލާ ކުދިކުދި ބަސްތަށް ހިތަށްވަދެ ރޮވެނީއެވެ.

އަހަރެން ކޮންމެ އަހަރަކު ވެސް ތުއްތު އައިޝާގެ އުފަން ދުވަހަށް ކުޑަ ހަދިޔާއެއް ތައްޔާރު ކުރަމެވެ. އަހަރެންގެ އަތުން ހަދިޔާދޭން ނުހަނު ބޭނުންވާތީއެވެ. އެކަމަކު ނާދިޔާ، އެ ހަދިޔާ ބޮލާލާ ޖަހާފާނެތީ ކޮންމެ ފަހަރަކުވެސް ދޭން ނުކެރިގެން ކުޑަ ފޮއްޓަކަށް ލާފައި ބާއްވަނީއެވެ. އަހަރެންގެ ރޫ ޖެހިފައިވާ މިދެއަތުން ފަހާފައިވާ ހެދުން އައިޝާ ލައްވާ ހިތުންނެވެ. އެހެނަސް އެ ހަދިޔާ ދޭނެ ހިތްވަރު ނެތުމުން ކޮންމެ ފަހަރަކުވެސް އަލަމާރީގައި ބާއްވަނީއެވެ. މިފަހަރުވެސް ކުރިއެކޭ އެއްފަދައިން އައިޝާގެ އުފަންދުވަހަށް ފެހި ހެދުން ކުޑަ ފޮއްޓަށް ލާފައި އަލަމާރިއަށް ލީމެވެ. އަހަރެން ގަޔަކު މިފަހަރުވެސް އައިޝާއަށް ހަދިޔާދޭނެ ހިތްވަރެއް ނެތެވެ. ނާދިޔާގެ ރުޅިވެރި ބަސްތައް އެހުމަށްވުރެ، ހެދުން އަލަމާރީގައި ބޭއްވުންވެސް މާ ހިތްހަމަ ޖެހުން ބޮޑެވެ. އަހަރެން ނެތްދުވަހަކުން އައިޝާއަށް ހެދުންތަށް ނުލެވުނަސް އިރާދަ ކުރެއްވިއްޔާ ހަނދާނަކަށް ބާއްވާނެކަން އަހަރެންގެ ހިތް ގަބޫލުކުރެއެވެ. ﷲގެ އިރާދަފުޅުން އަހަރެންގެ ހަގީގަތް އެ ދަރިފުޅު ގަބޫލު ކުރާނެއެވެ. މާދަމާވެސް އައިޝާ އުފަންދުވަހުގެ ހަފްލާގައި ހިނިތުންވެފައިވާ މަންޒަރު ބަލަން އަހަރެން ދުރުގައި ހުންނާނަމެވެ. އެހެނަސް އެހެން އަހަރުތަކެކޭ އެއްފަދައިން ނާދިޔާއަށް ސިއްރުންނެވެ.

އެހިސާބަށް ލިޔެ ނިންމާފައިވާ ފޮތް ކިޔާ ނިމުން އިރު ނާދިޔާގެ ދެލޯވަނީ ކަރުނުން ފޯވެފައެވެ. އިޙްތިޔާރަކާނުލާ ލޮލުން ފޭބި ކަރުނަތަކުން ފޮތުގައި ލިޔެފައިވާ އަކުރުތަށްވެސް ފަޑުވަމުން ދިޔައެވެ. ފޮތް ލައްޕާލުމަށްފަހު އެތަށް އިރަކު ނާދިޔާ ރޯންއިނެވެ. މަންމަގެ ކެތްތެރިކަމާމެދު ނާދިޔާ ހިތުގައި ހަމްދަރުދީ އުފެދުނެވެ. މިއަދު އެ މަންމަގެ ކިބައިން މާފަށް އެދޭނެ ގޮތެއްވެސް ނާދިޔާއަކަށް ނުވިސްނުނެވެ. އެކަން ކުރަން ކެރޭނެ ހެއްޔެވެ. އެ މަންމައާ މެދު ދެކެމުންއައި ގޮތް ހިތަށް އަރާ ނާދިޔާ ލަދުގަތެވެ. މިހުރިހާ ދުވަހު ކަންތައްކުރެވުނު ގޮތް ހިތަށް އެރުމުން އަމިއްލަ ނަފުސު ކުށްވެރިކުރެވުނެވެ. މަޑު ފިޔަވަޅުގައިގޮސް ކޮޓަރިއަށްވަދެ ފޮތް ބޭއްވުމަށްފަހު ފޮތުގައި ލިޔެފައިވާ ހަދިޔާފޮށި ފެނޭތޯ އަލަމާރި ހުޅުވާލިއެވެ. އަލަމާރި ކަނުގައި ކުޑަފޮށިތަކެއް ހުއްޓެވެ. ނާދިޔާ ފޮށިތައް ހުޅުވާ ކޮތަޅުތައް ނެގިއެވެ. އަލްމާސްއަށް ފެނުމުގެކުރިން އަވަސް އަވަހަށް ކޮޓަރިން ނުކުތެވެ. އެއަށްފަހު ފަހަރަކު ހެދުމެއް ނަގާ ބަލަން ފެށިއެވެ. ކޮންމެ ހެދުމަކުން އަލްމާސްގެ ހުނަރުވެރިކަން ފެންނަން ހުއްޓެވެ. ކޮންމެ ހެދުމަކާ ގުޅޭ ބޫޓެއް އަދި ތަނޑިބަޔާ ބޭންޑުވެސް އޮތެވެ. ހުރިހާ ހެދުމެއްވެސް ތަޢުރީފު ކުރާހާ ރީއްޗެވެ. ކޮންމެ ހެދުމެއް ތެރޭގައިވެސް ކުޑަ ބަސް ކޮޅެއް ލިޔެފައިވާ ގަނޑުކޮޅެއް އޮތެވެ. "ދަރިފުޅާ...

ދަރިފުޅުގެ މައިމީހާގެ ހިތުގަ ނުޖައްސާތި.. ބާކީ ނުކުރާތި... އުފްވެސް ނުބުނާތި... އެއީ ހަމައެކަނި ދަރިފުޅުގެ މައިމީހާއަށް ވީތީ އެއް ނޫން.. އެއީ މާމަގެ ފުރާނައަށްވެސް ވީތީ.." ހުރިހާ ގަނޑުކޮޅެއްގައިވެސް ލިޔެފައިވަނީ އެއް ވާހަކައެކެވެ. ނާދިޔާއަށް ގިސްލާފައި ބާރަށް ރޯން ފެށުނެވެ. އެއަޑަށް ނިދިފައި އޮތް ރާއިދު ތެދުވެ، ސުވާލު ކުރިއެވެ. އަތުގައިވާ ގަނޑުކޮޅު ރާއިދުއަށް ދައްކާލަމުން ފޮތުގެ ވާހަކަ ނާދިޔާ ރާއިދުއަށް ކިޔައިދިނެވެ. ރާއިދު ނާދިޔާއަށް ނަސޭހަތްދިނީ ހިތްވަރު ކޮށްފައި މަންމަ ކިބައިން މާފަށް އެދުމަށެވެ. ދެލޯ ފުހެލަމުން ވަރަށް ހިތްވަރާއެކު ތެދުވެ ފާހާނައަށްވަދެ ވުޞޫކޮށްގެން ނުކުމެ ދެރަކުއަތުގެ ނަމާދެއް ކުރިއެވެ. ސަޖިދައިގައޮވެ ނާދިޔާ ވަރަށް ރުއެވެ.

ޖެހިގެންއައިދުވަހު ހެނދުނުން ފެށިގެން ނާދިޔާ އުޅުނީ ވަރަށް އަވަދިނެތިއެވެ. ހަވީރު އައިޝާގެ އުފަންދުވަހުގެ ހަފްލާ ބޭއްވުމަށް އެކިއެކި ތައްޔާރީތައްވެ، ކެއްކުމުގެ ކަންތަކުގައެވެ. އެހީތެރިވެދިނުމަށް ރައްޓެހި ދެ ކުއްޖަކު އުޅުނެވެ. އަލްމާސް ވެސް އެހީތެރިވެދޭ ހިތުން އިރުއިރުކޮޅުން ބަދިގެ ކައިރިން ހިނގައެވެ. ވަންނާކަށް ނުކެރުނެވެ. ނާދިޔާ ބުނެފާނެ އެއްޗަކާ މެދު ވިސްނާފައި އަމިއްލައަށް ނުވަންނަން ހުރީއެވެ. އަލްމާސްއަށް މިއަދު ނާދިޔާގެ މޫނުމަތިން ކަމެއް ފާހަގަވިއެވެ. ބައެއްފަހަރު ނާދިޔާ އަލްމާސްއަށް ބަލަން ހުއްޓައި ބަލާލެވިއްޖެނަމަ އެހެންފަރާތަކަށް އެނބުރި ނޫންކަމަށް ހަދައެވެ.

ހަވީރުވީއިރު ގޯތިތެރެ ރީތިކޮށް ސުފުރާމަތި ތައްޔާރުކޮށްފައި އޮތެވެ. އައިޝާ ހެދުންލައްވާ ރީތިކޮށްގެން ނުކުމެ ނާދިޔާ ގޮސް ހުއްޓުނީ ބައްޕަ ކޮޓަރީގެ ދޮރު މައްޗަށެވެ. މަޑުމަޑުން ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލުމާއެކު ދޮރު ހުޅުވީ އަލްމާސްއެވެ. އަލްމާސްއަށް އައިޝާ ފެނިފައި ހުއްޓުން އެރިއެވެ. ފެންނަމުން ދަނީ ހުވަފެނެއް ކަމެއް ހަގީގަތެއްކަމެއް ޔަގީންނުވެފައި އެ ލޯބި މޫނަށް ބަލަން ހުރެވުނީ ބޭއިޚްތިޔާރުގައެވެ. އަލްމާސްގެ ލޮލަށް ޖަމާވި ކަރުނަތަށް އިޙްތިޔާރަކާނުލާ އޮހިގަތެވެ. ލައްވާފައިވާހެދުން އައިޝާއަށް ވަރަށް ހެޔޮވަރެވެ. ހީވަނީ ކުޑަކުޑަ ޕަރީއެއްހެންނެވެ. ރީނދޫކުލައިގެ އެ ހެދުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ހެދުމުގައި ހަރުކޮށްފައިވާ ކުދިމާތަކާ ކުދި ކޮކާތަކުންނެވެ. "މަންމާ..." އަލްމާސް ސިހުނީ ނާދިޔާގެ އަޑަށެވެ. އެއަޑުގައި ރިހުމެއްވެއެވެ. އަލްމާސް ނާދިޔާއަށް ބަލާލީ ގަބޫލުކުރަން ދަތިހާލުގައެވެ. އެހެނަސް އަދިވެސް އެއަޑު އަހާލަން ބޭނުންވެފައިވާ ގޮތަކަށެވެ. ނާދިޔާ ދެވަނަ ފަހަރަށް މަންމާއޭ ގޮވާލަމުން ދެކަކޫމައްޗަށް ތިރިވެ އަލްމާސްގެ ފައިގައި ހިފަހައްޓާލިއެވެ. އިސްޖަހައިގެން އިނދެ ރޯންފެށިއެވެ. އަލްމާސް ވެސް ތިރިވެ ނާދިޔާގެ މޫނު އަލްމާސްގެ މޭގައި ޖައްސާ ގާޔާ ކައިރިކޮށްލިއެވެ. އައިޝާ ކަންތައް ބޮޑުވެފައި ނާދިޔާއަށް ބަލަންހުރީ ވާނުވާ ނޭގޭތީއެވެ. "މަންމާ ތިއީ އަހަރެންގެ މައިމީހާ... މަންމަދެކެ އަހަރެން ލޯބިވަން... އަހަރެންނަށް މާފުކުރޭ" ނާދިޔާ ރޮމުން ވާހަކަ ދެއްކިއެވެ. ނާހިދު ދެއްކިވާހަކަތަކާއެކު މަންމަ ދެކެ

ރުޅިއާދެވުނީ އެހެން ސަބަބެއް ވެސް އޮވެގެންކަމަށް ނާދިޔާ ރޮމުން ބުންޏެވެ. އަދި އެއީ އޭނާގެ ދޮންމަންމަ ކަމަށް، އާއިލާ އެންމެން ވެސް ވިސްނައިދެމުންދިޔަކަމަށާ، މަންމަގެ ގާތިލަކީ އަލްމާސްކަމުގަ ކެނޑިނޭޅި ބުނަމުންދިޔައީމައެވެ.

ނާދިޔާ ރޮމުން ތަކުރާރުކޮށް މާފަށް އެދުނެވެ. ނާދިޔާ ރޯތަން ބަލާކަށް އަލްމާސް އަކަށް ކެތެއްނުކުރެވުނެވެ.

ނާދިޔާގެ ދަތްދޮޅީގައި ހިފާ އުފުލާލަމުން ނާދިޔާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ފުހެލަ ދިނެވެ. ކޮލުގައި ދެއަތުން ހިފަހައްޓާލަމުން ނިތްކުރިއަށް ބޮސްދިނެވެ. ދަރިފުޅުގެ މޫނުގައި ބޮސްދެވުމުން އަލްމާސް އެހުރިހާ ކަމެއް ހަނދާން ނެތި ނާދިޔާ އަތުގައި ހިފައިގެން ތެދުވިއެވެ. އަލްމާސް މަތި ބަލާލަމުން ދެލޯމަރާލާފައި ހިތާހިތާ ﷲއަށް ޝުކުރު ކުރިއެވެ. ރާފިއު އާއި ރާއިދު މިމަންޒަރު ބަލަން ކުރިމަތީ ތިބިއިރު ދެ މީހުންގެ މޫނުމަތިން ހިތްހަމަ ޖެހުމާއި، އުފާވެރިކަން ފެންނަން ހުއްޓެވެ. ނާދިޔާ އިސްޖަހާލަމުންގޮސް ބައްޕަ ކައިރިން ވެސް މާފަށްއެދުނެވެ. އެންމެން އެކުގައި ގޯތި ތެރެއަށް ނުކުތްއިރު ހަފްލާއަށް ދައުވަތުދިން ކުދިން ވެސް އެ ކުދިންގެ މަންމައާއެކު ގޯތިތެރެއަށް ވަންނަނީއެވެ. އަލްމާސް މޫނުމަތި އުޖާލާވެ އާދަޔާހިލާފު އުފާވެރިކަމެއް މިއަދު ފެންނަމުން ދިޔައެވެ. އައިޝާ މިފަހަރު އުފަންދުވަހުގެ ކޭކު ފެޅީ މާމަ އާއި ކާފައާއެކުވެވެ. އެ އުފާވެރި މަންޒަރުތަށް ނާދިޔާއާއި ރާއިދު ކެމެރާގައި ރައްކާކުރަމުން ދިޔައެވެ.
-ނިމުނީ-