މުނިފޫހިފިލުވުން

ވާހަކަ: ދޮންބޭބެ


  • މިއީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ކުރުވާހަކަ މުބާރާތުގައި ބައިވެރިކޮށްފައިވާ ވާހަކައެއް

  • ވާހަކަ ލިޔުއްވީ: އިބްރާހީމް އަފްޟަލް ހ.ޖީޒާން

  • ހުށަހެޅުއްވީ: އާމިނަތު އަރޫޝާ ގދ.ހޯނޑެއްދޫ/ މާހި

  • އޮންއެއަރކުރާ ދުވަސް:16 މާރޗް 2024

ސެރިބްރަލް ޕާލްސީ އަކީ ކޮންފަދަ ބައްޔެއްކަމެއް މިހާރުގެ ޖީލުގެ ގިނަ ދިވެހިންނަކަށްވެސް ނޭގޭނެއެވެ. ކަންމިހެންހުރިއިރު، ނަވާރަސަތޭކަ އައްޑިހައިގެ ކުރީކޮޅުގެ ދިވެހިންގެ ކިބައިގައި މިބައްޔާމެދު ހޭލުންތެރިކަން ހުންނާނެ މިންވަރު ނިކަން ވިސްނާލައްވާށެވެ. އެޒަމާނަކީ އެއްވެސް އައިބެއްފަދަކަމެއް ހުންނަ މީހުންނާމެދު މުޖްތަމަޢު ވަރަށްވެސް އިހާނެތިކޮށް ކަންތައްކޮށްއުޅުނު ޒަމާނެކެވެ. އެއިރުގެ ހިންދީ ފިލްމުތަކަށް ބަލައިލިޔަސް މިކަން ވަރަށް ސާފުކޮށް ދޭހަވާނެއެވެ.

މިނަށްވުރެން ފަލަ، ނުވަތަ މާ އިސްކޮޅުން ދިގު ނުވަތަ ކުރު މީހުން އެޒަމާނުގެ ފިލްމުތަކުން ފެންނާނީ މުޅިންވެސް ޖޯކަރުންގެ ރޯލުއަދާކުރާތީއެވެ. އަދި ގިނަފަހަރު މިފަދަ މީހުން ސިފަކޮށްދީފައިވާނީ ވިސްނުންކޮށި ބުއްދިހަމަނުޖެހޭ ސޭކު ބައެއްގެގޮތުގައެވެ. ވީމާ އާންމުންގެ ގިނަބަޔަކުވެސް ދެކެނީ ބޭރުފުށަށް އައިބެއް ފެންނަންހުރިއްޔާ ސިކުނޑިގައިވެސް އުނިކަމެއް ހުންނާނެކަމަށެވެ. އަދި ޒުވާނުން ހާއްސަކޮށް މިފަދަ މީހުންނަށް ހީސަމާސާކޮށް މަލާމާތްކޮށް އުޅުމަކީ އެޒަމާނުގައި ވަރަށްވެސް އާދައިގެކަމެކެވެ.

އަޅުގަނޑުގެ މަންމަފަރާތު ބޮޑުބޭބެއަކީ މި ސުންޕާބަލީގެ ޝިކާރައަކަށްވެފައިވި މީހެކެވެ. ބޮޑުބޭބެއަށް އަޅުގަނޑުމެން ކިޔާއުޅުނީ ދޮންބޭބެއެވެ. މިބައްޔަކީ ވިހާއިރުމެ ނުވަތަ ވަރަށްވެސް ޅަފަތުގައި ސިކުނޑީގެ ބައެއްހިސާބުތައް އުފެދުމުގައި އަންނަ ހީނަރުކަމެއްގެ ސަބަބުން ޖެހޭބައްޔެކެވެ. އަޅުގަނޑުމެންގެ ތެރޭގައި ދުޅަހެޔޮސިއްހަތުގައިމިއެޅޭ މީހުން ވަރަށްވެސް ފަސޭހަކަމާއިއެކު ކޮށްއުޅޭ އާދައިގެ ކަންތައްތައްވެސް މިބަލިޖެހިފައިވާ މީހުންނަށް ވާނީ ބޮޑު މުސީބާތަކަށެވެ. އަޅުގަނޑުމެން ކިހާފަސޭހަކަމާއިއެކު ހެނދުނުތެދުވެ، ފައިވާނަށްއަރާ، އަވަހަށް ހަލުވިކޮށްގޮސް ފާހާނާކޮށްލާ، ދަތްއުނގުޅާލާ، ފެންވަރާލާހަދައިގެން އެބަ ތައްޔާރުވެލަމެއްނޫންތޯއެވެ؟

ދެން މިދެންނެވި ކަންތައްތައް އަޅުގަނޑުގެ ދޮންބޭބޭ ކުރަން އުޅޭނެގޮތް ތަސައްވަރުކުރެވޭތޯ ހިންގަވާށެވެ. ފުރަތަމަ މަރުހަލާއަކީ ހަމައެކަނި ދެފައި ފައިވާނަށް އަމާޒުކުރުމުގެ ބުރަމަސައްކަތެވެ. މިކަމަކީވެސް ދެތިންފަހަރު ކޮށްގެން މެނުވީ ކުރެވޭނެ ކަމެއްނޫނެވެ. އަދި މިބަލީގެ މީހުންނަށް އަހަރުމެން މިހިނގާއުޅޭހާ ފަސޭހަކަމާއެކު ސީދަލަކަށް ނުހިންގޭނެއެވެ. ވީމާ ފާހާނާއަށް ކުރާ ދަތުރަކީވެސް ބޮޑުވޭނެކެވެ. ދެން ދަތް އުނގުޅުން އަދި ފާހާނާ ކުރުން ފަދަ ކަންކަމީ އަޅުގަނޑުހިތުން އިތުރު މީހެއްގެ އެހީއަކާނުލާ ކުރަން ވަރަށްވެސް ދަތިވާނެ އަދި ނުރައްކާތެރިކަންކަމެވެ. އަޅުގަނޑުގެ ދޮންބޭބެއަށް އެހީތެރިވަނީ ކާފައާއި އަދި އަޅުގަނޑުގެ ބައްޕަފަރާތު ބޮޑުބޭއެކެވެ. އަދި އަޅުގަނޑުގެ ބޭބެއާ ބޮޑުދައިތައާ އޭނާގެ ކުދިންކޮޅުވެސް އެހީތެރިވެ އުޅުނެވެ. އަޅުގަނޑުމެން އުޅުނީ ކާފަމެންގެއާ ތަންކޮޅެއް ދުރުގާހުންނަ ގެއެއްގައިކަމުން، ދޮންބޭއަކާ އެހާ ގިނައިން ބައްދަލެއްނުވެއެވެ. ދެން ކާމޭޒުދޮށައް ހިންގަވާށެވެ.

ހަމަގައިމުވެސް އުލާސަމްސަލެއް ބޭނުންމެއް ނުކުރެވޭނެއެވެ. އަދި އެފަދަ އެއްޗަކުން ލޮލަށްފަދަ ތަނަކަށް ހެރި ބޮޑު އަނިޔާއެއްވެސް ލިބިދާނެއެވެ. ވީމާ ކާއެއްޗެހި ކޮށާ މަށާދޭން ޖެހޭނީ އެހެންމީހަކަށެވެ. ދޮންބޭބެއަކީ ވަރަށްވެސް މިނިވަންކަމާއެކު އުޅެން ބޭނުންވާ މީހެއްކަމުން، ދޮންބޭބެއަށް ވެވޭވަރުގެ ކަމެއްވިއްޔާ އޭނަ ބޭނުންވާނީ އެކަމެއް އަމިއްލައަށް ކުރާށެވެ. މިހެންވެ ބަތްކޮޅާ ރިހަފޮދު މޮޑެންބޭނުންވާނީ އަމިއްލައަށެވެ. ކްރޭނެއްގެ އަތްގަޑުން ވެލިފުންޏެއް މޮޑެން އުޅެފިނަމަ އުޅޭނެ ހާލު އެބަ ސިފަކުރެވޭތޯއެވެ. ދެން އަދި އެ މޮޑުމަށްފަހު ކާއެތިކޮޅު ނަގާ އަނގަޔަށް އަމާޒުކުރުމަކީ އަނެއް ހަނގުރާމައެވެ. ދޮންބޭބެގެ ބަތްމޮޑުމާއި ކެއުން މިއަދުވެސް އަޅުގަނޑު ހަނދާންއެބަހުއްޓެވެ. ނަމަވެސް މިހާރު ވިސްނާލީމަ ހިތުގައި އުފެދެނީ ފަޚުރުވެރިކަމެވެ. ވަނީ ސެލިއުޓުކޮށްލާހިތެވެ. ދޮންބޭބެގެ ކެރިހުރިކަމާ އެހެރަ އަޒުމަކާއި ކެއްތެރިކަމަކަށް ހަމަ ސާބަހެވެ.

ދޮންބޭބެގެ ޅަފަތުގެ ދުވަސްވަރަކީ އަޅުގަނޑު އުފަންވުމުގެ ކުރިއެވެ. ނަމަވެސް މަންމަގެކިބައިން އިވިފައިވާ މަދު ވާހަކަތަކުންވެސް ސިފަކުރެވުނީ ދޮންބޭބެއަކީ ހަމައެހެން ކުދިންނެކޭވެސްއެއްފަދައިން ހަލަބޮލި، ބައެއްފަހަރު ލާނެއް އަދި ވަށައިގެންވާ މާޙައުލަށް ޝައުގުވެރުކަމާއިއެކު ނަޒަރުހިންގަމުންދިޔަ، ދުނިޔޭގެ މީރު ވަސްތަކާއި ރަހަތައް ދެނެގަތުމަށް ހިތްއަވަސްވެފައިވި ކުއްޖެއްކަމަށެވެ. އެޒަމާނަކީ މީސްމީހުން އެފަދަ ބައްޔެއްހުންނަ ކުދިން ގޭގައި ފޮރުވައިގެން ދުނިޔޭގެ ތޫނު ކަށިތަކުން ރައްކާތެރިކޮށް ގޭތެރޭގައި ގެންގުޅުނު ޒަމާނެކެވެ. ވީމާ ދޮންބެބެއަކީ ކުޑައިރު ގޭގައި ރައްކާތެރިކަމާއެކު ގެންގުޅުނު ކުއްޖެކެވެ. ބޮޑެތި މީހުންގެ ނަޒަރުން ބަލައިފިނަމަ އެއީ އެކުއްޖާއަށް ކުރެވުނު ހެޔޮކަމެކެވެ. ދެން އެކުއްޖާގެ ނަޒަރުންވެސް ވިސްނާލަން އެބަޖެހެއެވެ.

އަޅުގަނޑުމެންގެތެރެއިން އެއްވެސް ކުޑަކުއްޖަކު ގޭގެތެރޭގައި ބޭރަށް ނުނެރި ގެންގުޅެވިދާނެހެއްޔެވެ. ދޮންބޭބެގެ ސިކުނޑީގައި ވިސްނުމުގެ އެއްވެސް މައްސަލައެއް ނެތްކަމުން އޭނާއަށް އާދައިގެ ކޮންމެ މީހަކަށް ނުވަތަ ކުއްޖަކަށް ވިސްނޭ މިންވަރަށް ހަމަރަނގަޅަށް ސާފުކޮން ކަންކަން އެނގެއެވެ. ހަމައެކަނި މައްސަލައަކީ އެހެންމީހުންފަދައިން ހަށިގަނޑުގެ ހަރަކާތްތަކަށް އަމިއްލަބާރު ނުފޯރުވޭކަމެވެ. ޒާތަކަށްބުނާނަމަ ކުށެއްނެތްމީހަކު ޖަލެއްގައި ބަންދު ކުރެވިފައި ވާކަހަލައެވެ. އެފަދަމީހެއްގެ ހިތް ކިހާ ތެޅިފޮޅޭނެހެއްޔެވެ؟ ސިކުނޑީގެތެރެއިން ކިހާ ހަޅޭކެއް ލަވާނެބާއެވެ؟ މީހާ ކިހާ މާޔޫސެއްވާނެބާއެވެ؟ ދޮންބޭބެ ބޮޑުވަމުން އަންނަވަރަކަށް އެހެން ކުދިންނެކޭވެސް އެއްފަދައިން ބޭރުގާ ދުވެ މަޖާކުރާހިތްވާނެތާއެވެ؟ މޫދަށްގޮސް ފަތާ ފީނާހިތްވާނެނޫންހެއްޔެވެ؟ މިހުރިހާ ކަމަކުން މަޙްރޫމުވެފައިވާ ދޮންބޭބެގެ ދިރިއުޅުން ކިހާ ހިއްދަތިވާނެހެއްޔެވެ؟ މިހާރުދެން ބަޔަކަށް ހީވެދާނެ އަޅުގަނޑަކީ ދޮންބޭބެއާ ވަރަށް ގާތް، ދޮންބޭބެއަށް ވަރަށް އަޅާލި، ކަމޭހިތި މީހެއްކަމަށް، އެހެނަސް ހަޤީޤަތަކީ އަދި އެއެއްނޫނެވެ. އެވާހަކަތައް އަދި ކިޔާދޭނަމެވެ. ދޮންބޭބެގެ ހަޔާތަކީ ފިލްމެއްނަމަ އޭނާވާނީ އެފިލްމުގެ ބަޠަލަށެވެ. އޭނައަށް އެހީތެރިވި އަޅުގަނޑުގެ ކާފަޔާ، މަންމަޔާ، ބޮޑުދައިތަޔާ، ބޮޑުދައިތަގެދަރިންނާ، އަޅުގަނޑުގެ ބައްޕަފަރާތު ބޮޑުބޭބެއަކާ، އަޅުގަނޑުގެ ބޭބެ ހިމެނޭނީ ސަޕޯޓިން އެކްޓަރުންގެ ގޮތުގައެވެ. މައިގަނޑު ނުބައިބައިބީހަކީ އަޅުގަނޑެއްނޫނެވެ. އެއީ ކާކުކަމެއް ނުވަތަ ކޮންބައެއްކަމެއް އަޅުގަނޑަކަށްނޭގެއެވެ. ނަމަވެސް އަޅުގަނޑުވެސް ހިމެނޭހުށީ ނުބައިބައި ޕާޓީގާކަންކަށަވަރެވެ.

ދޮންބޭބެ ޒުވާން ފުރައަށްއެޅީމާ ކާފަމެންނަކަށްވެސް އޭނާ ގޭތެރެއަކު މަޑެއްނުކުރެވުނެވެ. އުދުހެން ދަސްވީމާ އެއްވެސް ދޫންޏަކައްވެސް ބިންމަތީގަ ހިނގާފަ އުޅެވޭނެހެއްޔެވެ؟ ހަމަހިލާ ނޫޅެވޭނެއެވެ. ކާފަމެންގެ ނުރުހުމުގާވެސް ދޮންބޭބެ ބޭރުތެރޭގައި އުޅެންފަށައިފިއެވެ. ކާފަމެން ޖެހިލުންވީކަމަކީ މިދުނިޔެމަތީގައި އިންސާނުންގެ ސޫރައިގައި އެއުޅޭ ޖަނަވާރުންފަދަ މީސްމީހުންގެ ކިބައިން އަތުވެދާނެ ހަމަލާތަކަށެވެ. ދޮންބޭބެއަކީ ބުއްދިސަލާމަތުން ހުރި މީހެއްކަމުން އޭނައަށްވެސް އޭނަގެ ހާލަތު އެންގޭނެއެވެ. އަޅުގަނޑު ހިތުން މަދުބަޔަކަށްފިޔަވާ ނޭގޭނެ މިންވަރަކަށް ދޮންބޭބެ މިދުނިޔޭގެ ހިތިކަމުގެ ރަހަދެކަފައިވާނެވެ. އަޅުގަނޑު ކުޑައިރު ހިތައްއަރަނީ، ދެންފަހެ ދޮންބޭބެ ކީއްވެގެންބާ ބޭރުތެރޭގައި އުޅެގަތީކީއެވެ؟ އެއިރު، އެޒަމާނުގައި އަޅުގަނޑަކަށް ނުވިސްނުނެވެ. އަނެއްކާވެސް ތިޔަބޭފުޅުން ވިސްނާލައްވަންވީ ދޮންބޭބެއަކީވެސް ހަމައާދައިގެ ޒުވާނެއްކަމަށް، އޭރުން އޭނަގެ ހިތުގާވެސް ބޭރުތެރޭގައި އުޅެން ބޭނުންވާނެ މިންވަރު ވިސްނޭނެއެވެ. ހާއްސަކޮށް އެޒަމާނުގައި ފިރިހެން ކުދުދިންނެއް ގޭގެތެރޭގާ ތާށިވެފައެއް ނުތިބެއެވެ. އެ ފުރަތަމަ ދުވަސްކޮޅު އަލަށް މީސްމީހުންގެ ތެރެއަށް ނުކުމެ އުޅެންފެށުމުން، އެމީހުންގެކިބައިން އިވޭނެ ހުނުމާ، މަލާމާތުގެ ހޯބޯ ލެއްވުމާ އަމަލީގޮތުން ކުރާނެ ގޯނާތަކާއި، ބަސްބަހުން ދިން ހަމަލާތަކެއް އަޅުގަނޑެއް ނުދެކެމެވެ. ދޮންބޭބެއަށް ފުރަތަމަކޮޅު ރައްދުވި ހަމަލާތަކުން ދޮންބޭބެއަށް ކުރާނެ އަސަރާއި ހިއްދަތިކަން ފަހުން އަޅުގަނޑާ ހަމައަށް އައިއިރުމެ މީސްމީހުންގެ ކިބައިން އެފެނުނު ގޯނާތަކާ އެބުނި ރަހުމުކުޑަ ބަސްތަކުން އަޅުގަނޑަށް އެދުވަސްތައް ސިފަކުރެވެއެވެ.

ދެން އަޅުގަނޑު ޖެހިލާނީ އަޅުގަނޑާ ދޮންބޭބެއާ އެކުގާ އުޅެވުނު، ހަޔާތުގެ އެދުވަސްތަކަށެވެ. އަޅުގަނޑު ވަރަށް ކުޑައިރު އަޅުގަނޑާ އަޅުގަނޑުގެ ބޭބެއާ ޤުރުއާން ކިޔަވަންދަސްކުރަން ގެއާ ދުރުގާހުރި މިސްކިތަކަށް ދިއައިމެވެ. އަޅުގަނޑުމެންދެކުދިން އެކުލާހަށް ލާންށާއި އަނބުރާގެނެސްދެނީ ދޮންބޭބެއެވެ. އޭރު އޭނާވަނީ މުޅިމާލެތެރެއަށް ގިނަވެ، އާންމުވެ، ގިނަބަޔަކަށް އެނގޭ މީހަކަށްވެފައެވެ. ގިނަބަޔަކު އޭނާއަށްގޮވާއުޅެނީ އޭނަގެ ނަމުގެކުރިޔަށް "މޮޔަ" މިބަސް ލައިގެނެވެ. އެމީހުން އެދިން ހުތުރުނަމާ އެއްގޮތަށް ދޮންބޭބެ އެފަދަ މީހުން ކުރިމަތީގައި މޮޔަވައްތަރުތައްޖައްސާ އެމީހުން އިތުރަށްހޭނެފަދަ މަންޒަރުތައް ދައްކައެވެ. ބައެއްމީހުން އަޅުގަނޑުމެން ފެނުނީމާ ދޮންބޭބެކައިރި، މަލާމާތުގެ ރާގައް، ތީ ކަލޭގެ ދަރިންހޭވެސް އަހައެވެ.

އެފަދަމީހުންނަށް ދޮންބޭބެ އާނއެކޭވެސް ބުނެއެވެ. އަޅުގަނޑު އެފަދަ ތަންވަޅުތަކުގައި ވަރަށް ލަދުގަނެއެވެ. އަދި ދޮންބޭބެދެކެ ރުޅިއަރާގަނެގެން ފޫހިކަމާއެކު ބަލައިލަމެވެ. އަދި އެފަދައިން ބުނާ މީހުންކައިރި އަޅުގަނޑު ރުޅިއައިސްފައި އެއީ ދޮގެކޭވެސް ބުނަމެވެ. ހަޤީޤަތުތާ އެމީހުންނަށްވެސް އެކަންއެނގެއެވެ. އެފަދަމީހުން ހިނިއައިސްފާ އަޅުގަނޑަށް ބަލައިލުމުން އަޅުގަނޑަށް އިތުރަށް ރުޅިއާދެވެއެވެ. އެދުވަސްވަރު އަޅުގަނޑު ދޮންބޭބެއާ ހުރި ތިމާގެކަމާމެދު ލަދުގަނެއެވެ. ހަޤީޤަތަކީ ކުޑައިރުގާ އަޅުގަނޑަކީ ވަރަށް އަމިއްލައެދުންބޮޑު، އެހެންމީހުންނާމެދު ފިކުރުކުރުން ކުޑަ ކުއްޖަކީމެވެ. އެއިރު އަޅުގަނޑު ދޮންބޭބެދެކެ ވަރަށް ފޫހިވީމެވެ. އެއާ ޚިލާފަށް އަޅުގަނޑުގެ ބޭބެއަކީ އަޅުގަނޑަށްވުރެން ހެޔޮވިސްނޭ، ކަންކަމާމެދު ފިކުރުކުރާ، އެހެންމީހުންނަށް އަޅާލާ އޯގާތެރި ކުއްޖެކެވެ. ދޮންބޭބެވެސް އަޅުގަނޑުގެ ބޭބެދެކެ ވަރަށްލޯބިވިއެވެ. އަޅުގަނޑު މިހާރު ހިތައްއަރާ، އެއިރު އެކަންކަން ވިސްނުނުނަމަ ކިހާ ރަނގަޅުވީސްހެއްޔެވެ. މަންމަ ބޭރަށް އެއްޗެއް ގަންނަން ތަންކޮޅެއް ދުރަށްދާން ޖެހިއްޖިއްޔާ، ނުވަތަ އަޅުގަނޑުމެން ކުދިން ތަނަކަށް ގެންގޮސްލާންޖެހިއްޖިއްޔާ ދޮންބޭބެ އެހީތެރިވެއެވެ. މިފަދަކޮންމެފަހަރަކު އަޅުގަނޑު ހިތާހިތުން ބުނަމެވެ. "މީނަ ގަނޑަކު އަންނަންޖެހޭތަ؟ އެންމެ ނުބައި ދަނޑިވަޅު އަބަދުވެސް އާންނާނީ. މާލެތެރޭގައި އަބަދު އުޅޭފަދައިން އުޅުނީމަ ނިމުނީނު. މިގެއަށް އަންނަންޖެހޭތަ؟" ނަމަވެސް މިފަދަބަހެއް ދުލުންބޭރުކޮށްފިނަމަ، މަންމަ ވަރަށް ރުޅިއަންނާނެތީވެ އެއްޗެކޭނުބުނެ ތުންފިއްތައިން އިންނަނީއެވެ. ގޭގާ އިންނައިރު ދޮންބޭބެ އިންނާނީ ވަރަށް މައިތިރިކަންމަތީގައެވެ.

މިދެންނެވީ އޭނާގެ ހަށިގަނޑު އޭނައަށް ތަންދިން މިންވަރަކުން މައިތިރިވެ އިންނަވާހަކައެވެ. އޭނަގެ ކިބައިން ދުވަހަކުވެސް ބުއްދިގޯސްކަމުގެ ނުވަތަ އެއްވެސް މޮޔަކަމެއްގެ އަލާމާތެއް އަޅުގަނޑު ނުދެކެމެވެ. މަންމަދައްކާ ހުރިހާވާހަކައެއް ރަނގަޅަށް އަޑުއަހަންއިންދެއެވެ. އަދި އަހައިފިކޮންމެ ސުވާލަކަށް ހަމަ ރަނގަޅަށް ޖަވާބުދޭނެއެވެ. އާއެކެވެ. ވާހަކަދައްކަން އެހުންނަ އުނދަގޫކަމެއްގެ ސަބަބުން ޖަވާބެއްދޭން ވަރަށް އިރުނަގައެވެ. އެކަމަކު އެ ދޭ ޖަވާބުގައި އުނިކަމެއް ނުހުރެއެވެ. އަޅުގަނޑު އޭނައަށް ބަލަން އިންނައިރު ހިތައް އަރަނީ، އަޅެ ހަމަ ރީއްޗަށް އުޅެވެންއޮތްއިރު ރަށުތެރޭގައިވެސް ހަމަރަނގަޅަށް އުޅެވުނީހެއްނޫންހެއްޔެވެ. އެކަމަކު ބޭރުތެރޭގައި މޮޔައަކަށް ހެދި މީހުންގެ ކުރިމަތީގައި ޖޯކުވައްތަރުތައް ޖައްސާނެއެވެ. ހަމަ އެގޮތަށް މުޅި ރަށުތެރޭގައި އެނބުރި އެނބުރި ފެންނަހާ ތާކަށް ވަދެ ފެންނަހާ ތާކުން ކައިގެންބޮއެގެން ނޫޅުނަސް ފަރުޖެހިދާނެތާއެވެ؟ ހަމަގައިމުވެސް އޭނަގެ ގެއިން އޭނައަށް ކާން ލިބޭނެއެވެ. މިގެއަށް އަޔަސް ކާން ލިބޭނެއެވެ. ދެން އެންމެންގެ މަލާމާތް ރައްދުވާނެހެން އެ އުޅެނީ ކީއްވެގެންބާއެވެ؟ ދެން މިފަދަ ޚިޔާލުތަށްއައިމައި އަދިވަކިން ފޫހިކަމާއެކެ އެފަކީރަށް ދެލޯއަޅާލަމެވެ. އެއިރު އޭނާއަށް އަޅުގަނޑު މިބަލާ ބެލުން އެބަފެނޭބާއޭ އެއްފަހަރުވެސް ހިތަކަށް ނާރައެވެ. އެކަމަކު މިހާރު އެބައެނގެއެވެ. އޭނައަކީވެސް ދެލޯ ސަލާމަތުން ހުރި މީހެކެވެ. ވީމާ ހަމަގައިމުވެސް ފެންނާނެތާއެވެ. ޢޭނާއަށް މަގުމަތިން މޮޔައެކޭ ގޮވާ މީހުންގެ ކުރިމަތީގައި މޮޔައެއްހެން އުޅޭފަދައިން އަޅުގަނޑުގެ ފޫހިކަމުގެ ބެލުންތަކަކީވެސް އޭނާއަށް ނުފެންނަ އެއްޗެއްކަމަށް ހަދާލީތާއެވެ. ބައެއްފަހަރު ހިތަށްއަރާ އޭނާއާމެދު ހަމްދަރުދީގެ ނަޒަރަކުން ބެލުމަށްވުރެން އަޅުގަނޑުގެ ހަރުކަށި ފޫހިކަމުގެ ނަޒަރު އޭނާއަށްމާ ކަނމުދާނެއެވެ. ބައެއްގެ ކިބައިން ހަމްދަރުދީގެ ބެލުންތަކެއް އަމާޒުވުމަށްވުރެން އެފަދަބައެއްގެ ކިބައިން ރުޅިވެރިކަމުގެ ނަޒަރެން ފެނުން މާ ހިތައްފަސޭވަނެ ކަންނޭގެއެވެ. ވީމާ ފަހަރެއްގާ އަޅުގަނޑުގެ ފޫހިކަމުގެ ނަޒަރު އަޅުގަނޑުގެ ހަމްދަރުދީގެ ނަޒަރަށްވުރެން އޭނާއާށް ކަމުދާނެކަމަށް ހިތައް އަރައެވެ.

މިހާރު ވިސްނާލީމާ ބައެއްކަންތައްތައް އެބަ އެނގެއެވެ. ކަމުގެ ހަޤީޤަތަށް ބަލައިފިނަމަ، އެދުވަސްވަރު އޭނާގެ ކުރިމަތީގައި އޮތީ ދެ ގޮތެކެވެ. ފުރަތަމަ ގޮތަކީ މީސްތަކުންގެ ހަމްދަރުދީ ރައްދުވޭވޭ ހުންނާނެފަދަ ނިކަމެތި އެކަނިވެރި ދިރިއެޅުމެއް އުޅެ އުމުރުގެ ދުވަސްތައް ދުއްވާލުމެވެ. އަދި ހަޤީޤަތަކީ އޭނާއަކީ ހަމަބުއްދިހުރި ހެޔޮވިސްނޭ މީހެއްކަމަށް މީހުންނަށް އެނގޭނެފަދަ ދިރިއުޅުމެއް އުޅުނަސް، އެކަން އެނގިހުރެމެ އޭނާއަށް މަލާމާތްކޮށް އޭނާ ހިތުގައި ޖައްސާނެފަދަ މީހުންވެސް އުޅޭނެކަމެވެ. އެފަދަ މީހުންނަކީ މިއަދުގެ މިހޭލުންތެރި ދުނިޔޭގައި އުޅުނަސް، ނިކަމެތި މީހާއަށް ނިކަމެތިކޮށް ހިތާނެ މީހުންނެވެ. ހާއްސައެއީއަށް ބޭނުންވާ މީހުންނަށްވެސް ގޯނާކުރާކަށް އެފަދަ މީހުންނެއް ފަހަކަށްނުޖެހޭނެއެވެ. ދެން އަދި އެހާ ހޭލުންތެރިކަމެއްނެތް ޒަމާނެއްގައި އެފަދަމީހުންގެ ކިބައިން ކިހާ ޒާތްޒާތުގެ އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެ ނޫންތޯއެވެ. ދެވަނަގޮތަކީ އޭނާ އެއުޅުނުފަދައިން ފިކުރެއްޚިޔާލެއް ނެތް މީހަކަށްހެދިގެން ދުނިޔޭގައި އުޅުމެވެ. ކުރިންދެންނެވިފަދަ އަނިޔާވެރިބަޔެއްގެ ކުރިމަތީގައި މިހިރީ ބުއްދިގޯސްވެ ނުވަތަ މޮޔަވެފައިވާ މީހެއްނަމަ، އެއަނިޔާވެރިންނަށް ހަމަބުއްދީގައި ހުރި މީހަކަށް ގޯނާކުރުމުން އެލީބޭ އުފަލެއް ނުލިބޭނެއެވެ. އަދި އެފަދަމީހަކު ދޮންބޭބެއަށް ގޯނާ ކުރީމާ އޭނައަށްވެސް ކޮންމެވެސް މޮޔަ ހަރަކާތަކެއްކޮށްލައިގެންނަމަވެސް އެމީހުންނަށް ރައްދުގައި ކޮންމެވެސްކަމެއް ކުރެވިދާނެއެވެ. މިގޮތުން ދޮންބޭބެ ގެންގުޅޭ އެއްއުކުޅަކީ، މީހަކު މިނަށްވުރެން ބޮޑަށް އުނދަގޫކުރަންފަށާފިއްޔާ އޭނާ މޮޔަމީހަކުފަދައިން ހަމައިންނައްޓާގެން ތަޅާފޮޅާގަނެ، އެތާކައިރިތިބި މީސްމީހުންނަށްވެސް އިވޭނެފަދަ ގަދައަޑެއް ލެއްވުމާއި، އެއްޗެހިއުކާ، ތަނގަނޑުމީހުންނަށް އެކަމަކަށް ބީރުކަންފަތެއްދީގެން ނުތިބެވޭވަރު ކޮށްލުމެވެ. ނަތީޖާއެއްގެގޮތުން އެހިސާބުގަނޑަށް މީހުންއެއްވެއެވެ. އެތަނުންކޮންމެވެސް ހެޔޮލަފާ މީހަކު މިދެމެދަށްވަދެ ދެފަރާތްވެސް މައިތިރިކުރަން މަސައްކަތްކުރާނެއެވެ. އެފަދަ ދަނޑިވަޅުގައި އެއްކަލަ ޖެއްސުންކުރާ މީހާއަށް އެހެންމީހުން ބުނެ އުޅޭ އެއްޗަކީ، "ކަލޭގެ މޮޔަކަންއަދި މާބޮޑެއްނު. ކަލެއަށް އެބައެނގޭ އެއީ ހަމަބުއްދި ހުރި މީހެއް ނޫންކަން. ދެން އެކަން އެނގިހުރެ މުޅިތަނގަޑު މީހުންނަށް އުނގޫވާފަދަ ކަންކަން ތިކުރަނީ ކީއްވެތަ؟ ކަލެއަކީވާ ހަމަބުއްދު ހުރިމީހެއްތަ؟" މިހެން ކަންތައްކުރުމުގެ ފުރުޞަތު ދޮންބޭބެއަށް އެއޮތީ އޭނާ އެހެންމީހުން ކުރިމަތީގައި ތިމާމީހާއަކީ މޮޔައެއްކަމަށް ހެދިގެން އުޅުމުގެ ސަބަބުން އަދި މީގެ އިތުރުން ބައެއްމީހުން އޭނަގެ ކިބައިން އެފެންނަ މޮޔަ ހަރަކާތްތައް ބަލާފަ ހީ ސަމާސާ ކުރުމަށްޓަކައި އެމީހުންގެ މުނިފޫހިފިލުވުމައްޓަކައި އޭނައަށް ހޮޓަލުން ނުވަތަ އެމީހެއްގެ ގެއިން ހިލޭ ކާންދީވެސް ހަދައެވެ.

އަޅުގަނޑުހިތުން މިހެން ކަންތައް ކުރުމީ ދޮންބޭބެއަށް އެމީހުންގެ ކިބައިން ހިފޭ ޒާތެއްގެ ބަދަލުހިފުމެކެވެ. އަދި ކަމުގެ ޙަޤީޤަތަށް ބަލައިފިނަމަ، ހަމަހޭގާ ހުރިމީހަކު އެއީ ބުއްދިގޯސް މީހެއްކަމަށް ދެކޭނީވެސް ވިސްނުންކޮށި މީހުންނެވެ. އެވަރުން ނުވިތާކު އެފަދަމީހުންއަތުން ކައިބޮއެހެދުމުން އޭމީހުންނަށް އިތުރު ގެއްލުމެއްވެސް އެބަދެވެއެވެ. ގޮތަކަށްބަލައިފިނަމަ ދޮންބޭބެ އޭނައަކީ މޮޔައެއްކަމަށް ދެކޭމީހުންގެ ކިބައިން ޒާތެއްގެ ޓެކްސެއް ނަގަނީއެވެ.

ކުރިން ބުނެވިދިޔަ ގޮތްގޮތަށް ކަންތައްކޮށް އުޅުނީ ގިނައިން ފިރިހެނުންނެވެ. މަދުމަދުން އަންހެނުންވެސް އެފަދަކަންތައްތައް ކޮށް އުޅުނެވެ. ދެން އަޅުގަނޑު ކިޔައިދޭނީ ދޮންބޭބެއަށް ހާއްސަކޮށް އަންހެނުންގެކިބައިން ލިބޭ ގޯނާތަކުގެ ވާހަކައެވެ. އަޅުގަނޑާއެކު ދޮންބޭބެ އުޅެންފެށީ އޭނަގެ އުމުރުން ފަންސަވީހަކަށް އަހަރުވީފަހުންނެވެ. މިހެންބުންޏަސް މިއަދަދަކީ މުޅިންހެން އަނދާޒާއެކެވެ. ދޮނެބޭބެގެ އުފަންދުވަހެއް، އޭނައަށް އުމުރުންވީ އަހަރެއް އަހާކަށް އަޅުގަނޑު ދުވަހަކުވެސް ހިތަކަށްވެސްނާރައެވެ. މީވެސް އަޅުގަނޑު ދޮންބޭބެދެކެ ވެވުނު ފޫހިކަމެއްގެ ނަތީޖާއެވެ.

ދެން މިހާރު ތިޔަބޭފުޅުން ނިކަން ހިންދުކޮޅަކަށް އަމިއްލަ ޒުވާން ދައުރު ހަނދުމަފުޅުކޮއްލައްވާށެވެ. އެއިރު ތިމާމީހާގެ ހަށިގަނޑުގައިއެހުރި ހީވާގިކަމާ، ރީތިކަމާ، ބާރުގަދަކަމާ، ހަކަތައިން މުޅިހަށިގަނޑު ދިއްލިފައިވާކަހަލަ އެ މަސްތުވީ ޒުވާންކަމުގެ ވިދަވިދާ ހުރި ދައުރަށް ނަޒަރު ހިންގާލަބައްލަވާށެވެ. ތީގެތެރެއިން ބައެއް ބޭފުޅުންނަށް އެއީ މިހާރު މިހިނގަމުންދާ ދުވަސްތަކެވެ. އަދި އަނެއްބައި ބޭފުޅުންނަށް އެއީ ފާއިތުވެގޮސްފައިވާ ދުވަސްވަރެކެވެ. ކޮންމެއަކަސް ތީގެތެރެއިން ގިނަބޭފުޅުންނަށް ހަމަގައިމުވެސް އެދައުރުގައި ދެކަމެއް ފެނިފައި، އޭގައި އަތުންހިފާ، ހިތުން އިހުސާސްކޮށްފައި ވާނެއެވެ. މީގެން ފުރަތަމަކަމަކީ ރަޙުމަތްތެރިންނާއިއެކު ޒުވާންކަމުގައި ހީސަމާސާ ކުރުމުގައި، އެތަކެއް ސަކަރާތްތަކެއް ޖެހުމުގައި، އުމުރުގެ އެންމެ ހަލަބޮލި ދުވަސްތައް ހޭދަކުރަންލިބުނު ފުރުޞަތެވެއެވެ.

އަޅުގަނޑު ހިތައްއަރާ، ދޮންބޭބޭގެ ރައްޓެހިންތިބިބާއެވެ؟ ނޫނީ އެއީ އޭނަގެ ކިބައިން މުނިފޫހިފިލުވަމުން ގެންދިޔަ ބައެއްބާވައެވެ؟ އެތާނގާ އޭނައަކީ ހަޤީޤަތުގައި މޮޔައެއްނޫންކަން ދެނަހުރެމެ ތެދުވެރި ރަޙުމަތްތެރިކަމުގެ އަތެއްދިއްކޮށްލި މީހަކުވީބާއެވެ؟ ދެވަނަކަމަކީ ޒަމާނުއްސުރެން ޝާއިރުން އެމީހުންގެ ކުޅަދާނަކަން ބަޔާންކޮށްދޭން ނެގި މައުޟޫއެވެ. އާދެ، މިދަންނަވަނީ ލޯބީގެވާހަކައެވެ.

ބުއްދިސަލާމަތުންހުރި ކޮންމެ އިންސާނަކަށް މި ޤުދުރަތީ އިހުސާސް ކުރެވޭނެއެވެ. ހަމަގައިމުވެސް އުމުރުން އެއްފަހަރުނަމަވެސް މިލޯބިއައިސް ލާނެއްކަމާއެކު ބީހިލާނެއެވެ. ދެންފަހެ ދޮންބޭބެއަށް މިފަދަ ލޯތްބެއް ވެވުނުބާއެވެ؟ އަދިވެވުނަސް އެފަދަ ލޯތްބެއް ލިބުނުބާއެވެ؟ އެފަދަ ލޯބިންފުރިފައިވާ ނަޒަރަކުން އެކަކުވެސް ބަލައިލިބާއެވެ؟ ހަމަގައިމުވެސް އަޅުގަނޑެއް އެފަދަ މަންޒަރެއް ނުދެކެމެވެ. އަޅުގަނޑަށް ފެނުނީ ބައެއް އަންހެނުން އޭނަގައިގާ ސިއްރުން ބީހޭން މަސައްކަތް ކުރިތަނެވެ. ގިނަފަހަރު މިފަދަ ކަންތައްތައް ކޮށްއުޅުނީ މީސްމީހުންނާ އިނދެގެންތިބި ތިރީހަކަށްއަހަރުންމަތީގެ އަންހެނުންނެވެ. ނަމަވެސް އެފަދަމީހުންވެސް ބޭރުފުށަށް ދައްކާނީ ދޮންބޭބެއަކީ އެމީހުންނަށް މަޖާ މޮޔައެއްކަމަށެވެ. ޒުވާން އަންހެންކުދިންގެ ކިބައިން ފެނުނީ މަލާމާތާ ސަމާސާ ކުރުމެވެ. އަދި ބައެއް އަންހެނުން އޭނަދެކެ ބިރުގަނެއެވެ. ނޫނީ ބިރުގަންނަކަމަށް ހެދިގެން އުޅެއެވެ. ބައެއް އަންހެނުން އޭނައަށް ބަލައިލަނީ ވަރަށް ފަކުރުންނެވެ. ދެންފަހެ ބުނެދެއްވަބައްލަވާށެވެ؟ އެފަދަ ޒުވާންކަމެއްގައި ހުރީ ކޮންއަރާމެއްތޯއެވެ؟ ކޮންފޮނިކަމެއްތޯއެވެ؟ ހިފެހެއްޓުމެއްނެތި ކަރުނަ އޮހޮރަނީ މިފަދަ ހަޔާތެއް ތަޙައްމަލު ކުރަންޖެހިފައިވާމީހުންނެވެ.

ތިޔަބޭފުޅުން ހިތައްއަރާނެ، މިހާރުދެން މިވާކަހަތައް ދެއްކުމުގައި އޮތީ ކޮންބޭނުމެއްހެއްޔެވެ؟ އެއިރު ނުބެހެއްޓި އޯގާތެރިކަމެއް މިހާރު ބެހެއްޓިދާނެހެއްޔެވެ؟ މިހާރު ދޮންބޭބެ ދުނިޔެދޫކުރިތާވެސް އެތަކެއް އަހަރުވެއްޖެއެވެ. ދޮންބޭބެ ނިޔާވިއިރު އަޅުގަނޑު ހުރީ ކިޔަވަން ރާއްޖޭން ބޭރަށް ގޮހެވެ. އެއިރުއަދި ކާފަވެސް ދުނިޔޭގައި ހުއްޓެވެ. ދޮންބޭބެ ދިރިއުޅުނީކީ ސާފު ބޯކިރުފޮދެއްފަދަ ސާފު ދިރިއުޅުމެއްނޫނެވެ. ހިތާމައިގެ އެފަދަ ފުން ކަނޑެއްގައި ފަތާފައިދާ މީހަކަށް އެހާ ސީދަލަށް ފެތޭނެހެއްޔެވެ؟ ގިނަބަޔަކަށް ދޮންބޭބެ ފެންނާނީ ބޭރުތެރެއިންނެވެ. އެއީ އެމީހުން ދެކެފަރިތަ އެ މޮޔަ މީހާކަމުގައެވެ. އެމީހުންނަށް އެފެންނަނީ ދޮންބޭބެގެ އެއް މޫނެވެ. އެއް ޝަޚްޞިއްޔަތެވެ. ނަމަވެސް އަޅުގަނޑަށް ދޮންބޭބެ ގޭތެރޭގައި އުޅޭއިރު އެ ދައްކާ މޫނުވެސް ފެނިފައިވެއެވެ. އަޅުގަނޑު ބޭނުންވަނީ އެ ދޮންބޭބެ ތިޔަބޭފުޅުންނަށްވެސް ތަޢާރަފުކޮށްދިނުމަށެވެ. މިހާރު ދޮންބޭބެ ގިނަމީހުންގެ ހަނދާނުންވެސް ފިލާ ނެތިދާނެއެވެ. އާއެކެވެ.

ދޮންބޭބެ މިދުނިޔެ މަތީގައި މީހުން ތަޢުރީފުގެ ބަސްތައް އަމުނާނެފަދަ ކަމެއް ކުރިކަމެއް އަޅުގަނޑަކަށް އެނގިފައެއްނެތެވެ. ނަމަވެސް އަޅުގަނޑު ދެކޭގޮތުގާ ހުރިހާއެންމެނެއް އެއްތިލަފަތަކުންނުކިރޭނެއެވެ. ވާހަކަ ނުދެއްކޭ މީހެއްގެ ކިބައިން މުހަންމަދު ރަފީއު ފަދައިން ލަވަކިޔާފާނެކަމުގެ އުންމީދު ކޮށްގެން ނުވާނެއެވެ. ދޮންބޭބެއަށް މިދުނިޔޭގެ ގިނަ ދޮރުތަކެއް ހުރީ ލައްޕާ، އޭގައި ބޮޑުތަޅު އަޅުވާފައެވެ. އެކަމަކުވެސް، ބުނާމީހަކަށް ހަމަބުނެވިދާނެއެވެ. ގޭގައި ރީތިކޮށް މަޑުމަޑުން ހުރެ އުމުރު ހޭދަކޮށްލެވުނީ ނޫންހެއްޔެވެ؟ ފާޑުކިޔަންވެއްޖިއްޔާ އޮންނާނީ އެފާޑުކިޔުންތައް ލިޔާނެ ކަރުދާސް މަދުވެފައެވެ. ހަޤީޤަތުގާ އަޅުގަނޑުމެންގެތެރެއިން ކޮންމެ މީހެއްގެ ހަޔާތައް ބަލައިލިޔަސް އެއަށް ފާޑުކިޔާ ކޮޅުންލާނެހެއްޔެވެ؟ ވީމާ ތިހަރުކަށިކަން އިހަށް އެއްފަރާތްކޮށްލައްވާފައި އެ ނިކަމެތި އިންސާނާގެ ހަޔާތަށް ރަހުމުގެ ލޮލަކުން ބައްލަވާލައްވާށެވެ.

މިހާރު ދޮންބޭބެގެ ހަޔާތާމެދު ވިސްނާލީމާ އަޅުގަނޑުގެ ހިތް ކުދިކުދިވާވަރަށް އަސަރުކުރެއެވެ. މިއަދު ހިތްއެދެނީ ވަގުތުގެފަރުދާ ކަޝްފުކޮށްލާފައި ގޮސް ދޮންބޭބެ ގައިގައި ބައްދާލާ ފިރުމާލުމަށެވެ. ނަމަވެސް އެއީކީ ވާނެކަމެއްނޫނެވެ. މިއަދު ލަދުވެތިވެ ކިތަންމެ ވަރަކަށް ރުޔަސް އެކަމަކުން ދޮންބޭބެއަށް އަރާމެއް ނުވަތަ ދޮންބޭބެގެ ފުރާނަޔަށް ފިނިކަމެއް ލިބޭނެހެއްޔެވެ؟ އަޅުގަނޑު ހިތުން ދޮންބޭބެގެ ހަޔާތުގައި ކުރިމަތިވެފައިވާ ހުރަސްތަކަށް ބަލައިފިނަމަ އޭނާ އެ އުޅުނީ ވަރަށްވެސް ހިތްވަރުގަދަ ދިރިއުޅުމެކެވެ. މިރަހުމުކުޑަ ދުނިޔެއިން އެއުކިހާ ހިތާމައިގެ ތީރުތަކަށް އޭނާ ޖެހުލުމެއްނެތި އެ ދިއްކޮށްލީ އޭނަގެ މެއެވެ. އެލިބުނު ހުރިހާ ޒަހަމުތަކެއް ހިތުތެރޭގާ ފޮރުވާލާފައި މިދެނިޔެއަށް ޖަވާބުދިނީ ހިނިތުންވުމަކުންނެވެ.

އެއެކަނިވެރި ރޭތައް އޭނާ ކަޑައްތުކުރީ ކިހިނަކުންބާވައެވެ؟ އެމާޔޫސްކަމުގެ އަނދިރިކަން ކަޅަށްވުރެ އަނދިރިވާނެއެވެ. އަޅުގަނޑުގެ އެހިތްވަރުގަދަ ދޮންބޭބެގެ ނަމަކީ ޒުބައިރުއެވެ. މިއަދުދެން ދޮންބޭބެއަށްޓަކައި ކުރެވޭނެހާވެސް ކަމަކީ މާތްކަލާނގެ އެ ހިތްވަރުގަދަ ނިކަމެތި ދޮންބޭބެގެ ފާފަތައް ފުއްސަވާ، ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާތޯއެދި ދުޢާ ކުރަމެވެ. ތިޔަހުރިހާބޭފުޅުންގެ ކިބައިންވެސް މިދުޢާއަށް އާމީން ކިޔާނެކަމަށް އަޅުގަނޑު އުންމީދުކުރަމެވެ. އާމީން.
- ނިމުނީ -