ޚަބަރު

"ރަސްއައިން" އެޕް: މަސްވެރިކަން ތިޔާގި ސަރަޙައްދުތައް ވަގުތުން ބަލާލެވޭނެ މުހިންމު އެޕެއް


  • ރަސްއައިން އެޕުން މަސްވެރިކަން ރަނގަޅު ސަރަޙައްދު ބަލާލެވޭނެ

  • މޫސުމާ ގުޅޭ މަޢުލޫމާތު ފެންނާނެ

  • ކުއްލި ޙާލަތްތަކުގައި އެލަރޓް ފޮނުވުމަށްވެސް އެޕް ބޭނުންކުރެވޭނެ

މަސްވެރިންނާއި ރާއްޖެ ސަރަޙައްދުން ކަނޑުދަތުރުކުރާ އުޅަނދުތަކަށް ބޭނުންވާ މުހިންމު ގިނަ މަޢުލޫމާތުތަކެއް ހިމެނޭ "ރަސްއައިން" އެޕްލިކޭޝަން އިފްތިތާޙުކޮށްފިއެވެ.

މި އެޕްލިކޭޝަން އިފްތިތާޙުކޮށްދެއްވީ ޤައުމީ ދިފާޢީބާރުގެ ވައިގެ ބާރު އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ.

ދިވެހިރާއްޖެއަކީ 99.7% ކަނޑު އޮންނަ ޤައުމެކެވެ. ރާއްޖެ އޮންނަ ސަރަޙައްދަކީ ދުނިޔޭގެ އެކި ޤައުމުތައް ކަނޑުމަގުން ގުޅާލަދޭ މައި އެއް ސަރަޙައްދެވެ. ރާއްޖެ އޮންނަ ސަރަޙައްދު ހުރަސްކޮށް އެތައް ސަތޭކަ އުޅަނދެއް ދަތުރުކުރެއެވެ.

"ރަސް އައިން" އެޕްލިކޭޝަންގައި މަސްވެރިންނަށް ބޭނުންވާ މަޢުލޫމާތުގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޭނުންކުރާ އުޅަނދުތަކަށް ބޭނުންވާ މުހިންމު މަޢުލޫމާތުތައް ފޯރުކޮށްދެއެވެ.

މި އެޕްލިކޭޝަންގައި ހިމެނޭ މަސްވެރިންނާ ގުޅުންހުރި މުހިންމު ކަންކަމުގެތެރޭގައި ދިވެހިރާއްޖޭގެ ތަފްސީލީ ޗާޓާއި ކަނދުފަތިތައް ހިމެނޭ ހިސާބު އަދި އެކި ދުވަސްތަކުގައި މަސް އައިންތައް އޮންނަ ސަރަޙައްދާ މަސްވެރިކަން ތިއާގި ސަރަޙައްދުތަކާގުޅޭ މަޢޫލޫމާތު މަސްވެރިންނަށް ލިބޭނެއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި އެޕްލިކޭޝަން ވެގެންދަނީ މަސްވެރިކަމުގެ ސިނާޢަތަށް ޒަމާނީ ބަދަލުތައް ގެނައުމަށް ސަރުކާރުން ކަނޑައަޅާފައިވާ ޢަމާޒަށް ވާސިލުވުމަށް ގެނެވުނު މުހިންމު ބަދަލަކަށްކަމަށެވެ. މީގެ ސަބަބުން ރާއްޖޭގެ ކަނޑުތަކުކުގައި މަސްވެރިކަން ހުރިނެތްގޮތް ފަސޭހައިން ދެނެގަނެވި، ވަގުތާ ޚަރަދު ސަލާމަތްކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރަށްވުރެ ބޮޑަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޭނުންކުރުމަށްވެސް މަގުފަހިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

"މަސްވެރިންނަށް މަސް އައިންތައް ރިއަލްޓައިމްކޮށް ބަލާލެވޭނެ. ކޮންމެ ދުވަހަކު އެ މަޢުލޫމާތު އަޕްޑޭޓްވާނެ. މިއާއެކު ރާއްޖޭގެ ކަނޑުގެ ސަރަޙައްދު މިހާރަށްވުރެ ބޮޑަށް ބޭނުންކުރަން ފެށޭނެ." ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ކަނޑުގެ ސަލާމަތާ ރައްކާތެރިކަމާ ގުޅޭ މަޢުލޫމާތުތައް ފޯރުކޮށްދެއެވެ. އެގޮތުން ކުއްލި ޙާލަތްތަކުގައި އެލަރޓް ފޮނުވުމާއި މުސުމާ ގުޅޭ މަޢުލޫމާތު ވަގުތުން ބަލާލެވޭނެއެވެ. މީގެއިތުރުން ކަނޑުގެ އޮއިވަރާ ދޔަވަރަށް އަންނަ ބަދަލުތަކުގެ މަޢުލޫމާތު ލިބޭނެއެވެ. އަދި ކަނޑުމަތީގައި ދިމާވާ ޙާދިސާތަކުގައި ޤައުމީ ދިފާޢީ ބާރުގެ އެހީތެރިކަން ހޯދުމަށްވެސް މި އެޕްގެ ސަބަބުން ފަސޭހަވެގެންދާނެއެވެ.

މީގެއިތުރުން ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ މީހުންނަށް ޚާއްސަކޮށް، ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި ޑައިވް ސައިޓްތަކުގެ މަޢުލޫމާތުވެސް "ރަސްއައިން" އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެއެވެ.

މި އެޕްލިކޭޝަން އެންޑްރޮއިޑް އަދި އައިއޯއެސް ފޯނުތަކަށްވެސް ލިބޭނެއެވެ.