ވިޔަފާރި

ޣައްޒާގެ މުސްލިމުން ރަމަޟާން މަހާ ކުރިމަތިލީ 31,000 ޝަހީދުންގެ ވަކިވުމާ އެކު


ފަލަސްޡީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަަދަދު 31,112 އަށް އުފުލިފައިވާ ކަން ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަ ކޮށްފިއެވެ. ޣައްޒާގައި ދިރިއުޅޭ 2.3 މިލިޔަނެއްހާ ރައްޔިތުން ބަރަކާތްތެރި ރަމަޟާން މަހާ ކުރިމަތިލާފައި މި ވަނީ, ޔަހޫދީންގެ ލާއިންސާނީ ޢުދުވާނާއި, ހައިހޫނު ކަމާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަކާ އެކުގައެވެ.

ޔަހޫދީންގެ ލާއިންސާނީ ޢުދުވާން ހަވަނަ މަހަކަށް ދެމިގެން ގޮސްފައިވާއިރު, ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ޣައްޒާއަށް ދީފައިވާ ރަޙުމު ކުޑަ ޙަމަލާތަކުގައި 67 މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. އަދި, މި ޢުދުވާނުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 72,760އަށް އުފުލިފައިވާ ކަމުގައި ވެސް އެ ވުޒާރާއިން ބުންޏެވެ.

ޣައްޒާގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 31,100 ފަހަނަ އަޅާފައިވާއިރު, އޭގެ ތެރެއިން 25,000އަކީ ކުށެއް ނެތް ޢާންމުންނެވެ. ޔަހޫދީންގެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނަމުންދާއިރު, އެމެރިކާއިން ވެސް ވަނީ މި ކަމާ އެއްބަސްވެފައެވެ. އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ވިދާޅުވީ, ޔަހޫދީ ފައުޖުގެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި 25,000 އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭ ކަމުގައެވެ.

ޣައްޒާގެ މުސްލިމުން ބަރަކާތްތެރި ރަމަޟާން މަހާ ކުރިމަތިލާފައި ވަނީ, ރޯދަ ހިފަން ފެށުމުގެ ކުރިން ޔަހޫދީންގެ ޢުދުވާންތައް ހުއްޓައިލާނެ ކަމުގެ އުންމީދާ އެކުގައެވެ. ނަމަވެސް, ރަމަޟާން މަހާ އެ މީހުން ކުރިމަތިލާން ޖެހިފައި މި ވަނީ ޔަހޫދީންގެ ބޮންތަކާއި މިސައިލްތަކާ އެކުގައެވެ. ލާއިންސާނީ ގަތުލުއާންމުތަކާ އެކުގައެވެ. ބަނޑުފުރާނަ މުއްތިކުރެވޭނެ ގޮތެއް ނެތިއެވެ. ހައިހޫނު ކަމާ ދެކޮޅަށް ހަނގުރާމަ ކުރުމާ އެކުގައެވެ.

މުލަ ރޯދާ ދުވަހުގެ ކުރީ ދުވަހު ތަރާވީޙް ނަމާދުގައި ބައިވެރިވާން ވީހާ ވެސް ގިނަ ޢަދަދެއްގެ ބަޔަކު މަސައްކަތް ކުރިއެވެ. ނަމާދު ކުރަން ޖެހުނީ މަގުތަކުގެ މަތީގައެވެ. ސަބަބަކީ, ޣައްޒާގެ ގިނަ މިސްކިތްތަކަށް ޔަހޫދީ ފައުޖުން ބޮންއަޅައި, އެ ތަންތަން ސުންނާފަތި ކޮށްލާފައި އޮތުމެވެ.

"އަޅުގަނޑުމެންގެ ހިތްތަކުގައި އެއްވެސް އުފާވެރިކަމެއް ނެތް. ކޮންމެ ޢާއިލާއެއްގައި އޮތީ ހިތާމަވެރި ކަން. ކޮންމެ ޢާއިލާއަކުން ވެސް މެންބަރުން ޝަހީދުވެއްޖެ،" ޣައްޒާގެ ރައްޔިތަކު ބުންޏެވެ.

ޔަހޫދީ ފައުޖުގެ ލާއިންސާނީ ޢުދުވާންތައް މެދުކަނޑައިލުމާ ގުޅޭ ގޮތުން މިޞްރާއި ޤަޠަރުން އިސްނަގައިގެން އަދިވެސް ދަނީ މަޝްވަރާތައް ބާއްވަމުންނެވެ. ނަމަވެސް, ޣައްޒާގެ ރައްޔިތުން ރަމަޟާން މަހާ ކުރިމަތިލާފައި މި ވަނީ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ނުހޯދިއެވެ. ޤަޠަރާއި މިޞްރުން މަސައްކަތް ކުރަމުން ދަނީ, ހާލުގައި ޖެހިފައިވާ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދެވޭނެ ގޮތްތައް އިތުރު ކުރުމަށެވެ.

މި ޢުދުވާނުގައި ޔަހޫ ފައުޖުން ވަނީ ޣައްޒާގެ އާބާދީގެ 80 އިންސައްތަ މީހުން, އެ މީހުންގެ ގެދޮރުން ބޭރުކޮށްފައެވެ. އޭގެ ތެރެއިން 1.5 މިލިޔަނެއްހާ މީހުން މި ވަގުތު ދިރިއުޅެމުން ދަނީ ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙުގައެވެ. އެ މީހުން ދިރުއުޅެމުން ދަނީ ވަގުތީ ހިޔާތަކާއި ފޭލިގެތަކުގައި ވަރަށް ނިކަމެތި ހާލުގައެވެ. ޔަހޫދީ ފައުޖުން މިހާރު ތައްޔާރުވަމުން ދަނީ އެއްގަމު މަގުން ރަފަޙަށް އަރައި ޢުދުވާންތައް ފުޅާކޮށް, އެތަކެއް ހާސް މުސްލިމުންގެ ފުރާނަ ނަގައިލުމަށެވެ.