ޚަބަރު

އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފަށާއިރު އެއްފަހަރާ 2 މީހުން އުފުލޭނެ: ވަޒީރު


  • މި ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ

  • މިކަމަށް ޚާއްސަކޮށް 15 މުވައްޒަފުން ވަނީ ނަގާފައި

  • ބޯޓުތަކުގައި ކުއްލި ހާލަތްތަކުގައި ބޭނުންވާނެ ހުރިހާ އާލާތްތަކެއް ހުންނާނެ

އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފަށާއިރު އެއްފަހަރާ 2 ބަލިމީހުން އުފުލޭނެކަމަށް ޞިއްޙަތާއި ބެހޭ ވަޒީރު ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ސިއްޙަތާއި ބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ސަރުކާރުގެ ފުރަތަމަ 14 ހަފްތާގައި ސިއްޙަތާއި ބެހޭ ވުޒާރާއިން ކޮށްފައިވާ ކަންތައްތަކާއި ބެހޭ މައުލޫމާތު ހިއްސާކުރެއްވުމަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ޢަބްދުﷲ ޚަލީލް ވިދާޅުވީ، އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފެށުމަށް މިހާރު ކުރެވެމުންދާ މަސައްކަތަކީ ބޯޓުގައި އިންސްޓޯލް ކުރަންޖެހޭ އެކިއެކި އާލާތްތައް އިންސްޓޯލްކުރުމުގެ މަސައްކަތްކަމަށެވެ. މި މަސައްކަތް މިހާރު ގާތްގަނޑަކަށް އެއްކޮށް ނިމިފައިވާކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މިކަމުގައި ބޭނުންކުރާނީ 2 ބޯޓް ކަމަށެވެ. އެއީ އެއަރޕޯޓްތަކަށް ޖައްސާ މަތިންދާބޯޓަކާއި ސީޕްލޭނެއްކަމަށެވެ. ސީޕްލޭންގެ ފައިދާއަކީ އިމަރޖެންސީ ހާލަތްތަކުގައި އެއަރޕޯޓެއް ނެތް ނުވަތަ އެއަރޕޯޓަކާއި ދުރު ހިސާބުގައި ހުރި ރަށްރަށުގައިވެސް ބޭނުންކުރެވުންކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފަށާއިރު 2 ބަލިމީހުން އެއްފަހަރާ އުފުލޭނެކަމަށް ވަޒީރު ޚަލީލް ވިދާޅުވިއެވެ.

"ޑޭސް8 ގެ މި ބޯޓަކީ މިހާރު މިވަގުތުން މިވަގުތައް އަޅުގަނޑުމެން މި ތައްޔާރުކުރަނީ 2 ޕޭޝަންޓުން އުފުލޭގޮތަށް. މި ބޯޓުގެ ކެޕޭސިޓީ އެބަހުރި އެއަށްވުރެ މާގިނަ ޕޭޝަންޓުން އުފުލޭގޮތަށް. މީގަ ހަމަ ސްޓްރެޗަރ ހަރުކުރަން ޖެހޭނީ. މި ބޯޓަކީ 38 މީހުން އުފުލޭ ވަރުގެ ކެޕޭސިޓީ ހުރި ބޯޓެއް." ވަޒީރު ވިދާޅުވިއެވެ.

އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފަށާއިރު މިވަގުތު ހުއްދަ ލިބިފައި އޮތީ ސްރީލަންކާއަށް ދަތުރުކުރުމަށެވެ. ސްރީލަންކާއިން 2 ގަޑިއިރުގެ ތެރޭގައި ހުއްދަ ލިބޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އިތުރު ޤައުމުތަކުންވެސް ހުއްދަ ހޯދުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް ވަޒީރު ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވީ އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފަށާއިރު 15 މުވައްޒަފުން މިކަމަށް ޚާއްސަކޮށް ނަގާ ތަމްރީންކޮށްފައިވާކަމަށެވެ.

"އަޅުގަނޑުމެން މިހާރުވެސް ރެކްރޫޓްކޮށްފައިވާނެ ސީދާ އެއަރ އެމްބިއުލާންސަށް ޚާއްސަކޮށްގެން 5 ނަރުހުންނާއި، 5 ޑޮކްޓަރުންނާއި އަދި އޭގެ އިތުރުން 5 ޓެކްނީޝަނުން. އެބޭފުޅުން ތަމްރީންކުރުމުގެ މަސައްކަތްވެސް އަޅުގަނޑުމެންނަށް މިއަދުގެ ނިޔަލަށް ނިންމާލެވޭނެ އެމްއެންޔޫއާއި ގުޅިގެން. އެކަންވެސް އަޅުގަނޑުމެންނަށް ވަނީ ފެށިގެންގޮއްސަ. ފަހަރެއްގެ މި އަދަދުތައް ޑިމާންޑަށް ބަލާފައި އިތުރުކުރަން ޖެހުންވެސް އެއީ އެކަށީގެންވާ ކަމެއް." ވަޒީރު ވިދާޅުވިއެވެ.

އެއަރ އެމްބިއުލާންސްގައި ކުއްލި ހާލަތުގައި ބޭނުންކުރާ އާލާތްތައް ހަރުކޮށްފައި ހުންނާނެއެވެ. އެގޮތުން އޮކްސިޖަންއާއި، ވެންޓިލޭޓަރާއި، އިމަރޖެންސީގައި ބޭނުންވާނެ ތަފާތު އިންޖެކްޝަން ފަދަ ތަކެތި ލިބެން ހުންނާނެއެވެ.

މި ޚިދުމަތް ފެށުމަށްޓަކައި އައިލެންޑް އޭވިއޭޝަނާއި، އުރީދޫ އާއި މަންތާ އެއަރގެ ފަރާތުން ލިބިފައިވާ އެހީތެރިކަން ސިއްޙީ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.

އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.