ޚަބަރު

"ތާރީޚު ނުދަންނަ މީހެއްގެ މިސާލަކީ މޫ ނެތް ގަހެއްގެ މިސާލު"


  • ތާރީޚަކީ ކޮންމެ ދިވެއްސަކަށް އެނގެންޖެހޭ އެއްޗެއް

  • ގައުމުދެކެ ލޯބިވެވޭނީ ތާރީޚު އެނގިގެން

  • ތާރީޚުވެސް ތަފާތު ނަޒަރުން ކިޔެވެންހުރޭ

މިއަދަކީ ގައުމީ ތާރީޚު ދުވަހެވެ. ގައުމަށް ޚާއްސަ ގައުމީ ތާރީޚު ދުވަހެއް ފާހަގަކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ ތާރީޚަކީ އިންސާނާއަށް ނުވަތަ އިންސާނުންތަކަކަށް ދިމާވެފައިވާ ކަންތައްތަކާއި، ތަޖުރިބާތައް އެބަޔެއްގެ ސަލާމަތް ކަށަވަރުކުރުމާއި އެބައެއްގެ މާދަމާ ކަނޑައަޅައި ދެނެގަތުމަށް ވަރަށް މުހިންމު އެއްޗަކަށް ވާތީއެވެ. އޭގެ މައްޗަށް ބިނާކޮށް މުސްތަޤްބަލް ކަނޑައަޅަން އެނގޭތީއެވެ.

ތާރީޚަކީ މުސްތަޤްބަލުގެ މޫނުބަލާ ލޯގަނޑޭ ވަރަށް ގިނައިން ބުނެވެއެވެ. މިހެން ބުނެވެނީ ގައުމެއް ދެމިއޮތުމަށްޓަކައި ގައުމެއް މާދަމާއަށް ގެންދިއުމަށްޓަކައި ތާރީޚުގެ މުހިންމު ކަމުގެ ސަބަބުންނެވެ.

ރާއްޖެއަކީ ވަރަށް މުއްސަނދި ތާރީޚެއް ލިބިފައިވާ ޤައުމެކެވެ. ފަހުގެ ހޯދުންތަކުގައި ބައެއް ބޭފުޅުން ލަފާކުރައްވާގޮތުގައި ރާއްޖެއަށް 10،000 އެއްހާ އަހަރުވެއްޖެއެވެ. އަދި ރާއްޖޭގައި މީހުން ދިރިއުޅޭތާ ނުވަތަ ދައުލަތެއް އޮންނަތާ 4000 އެއްހާ އަހަރު ވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވީ، ތާރީޚަކީ ކޮންމެ ގައުމެއްގައި އެ ގައުމެއްގެ ކޮންމެ ދަރިއަކަށް އެނގުން މުހިންމު އެއްޗެއްކަމަށެވެ. ތާރީޚަކީ މާދަމާ ކަނޑައެޅުމަށް ބޭނުންވާ ފިލާގަނޑެއްކަމަށާއި، އެބައެއްގެ ސަލާމަތަށްޓަކައި ތާރީޚު މުހިންމުވާކަމަށް ވަޒީރު ވިދާޅުވިއެވެ. އިލްމުވެރިން ވިދާޅުވާގޮތުގައި ތާރީޚު ނުދަންނަ މީހެއްގެ މިސާލަކީ މޫ ނެއް ގަހެއްގެ މިސާލުކަމަށާއި މާނައަކީ މޫ ބުރިކޮށްލެވިފައިވާ ގަހެއްގެ މިސާލުކަމަށް ވަޒީރު ވިދާޅުވިއެވެ.

"ގައުމެއްގެ މާދަމާ ކަށަވަރުކުރުމަށްޓަކައި ގައުމެއް އެހިސާބަށް އައިގޮތް އެނގެންޖެހޭ ގައުމުގެ ދަރިންނަށް. އެހެންވީމަ އަޅުގަނޑުމެންގެ މުސްތަޤްބަލް ކަނޑައެޅުމަށްޓަކައި އަޅުގަނޑުމެންނަށް ލިބިގެންވި އިމާއި އަޅުގަނޑުމެންނަށް ލިބިގެންވި ބިމާއި، އެތަންތަން އަޅުގަނޑުމެން ދެމެހެއްޓިގޮތާއި އެތަންތަނާއި އަޅުގަނޑުމެންނާއި އޮތް ގުޅުމާއި މިހުރިހާ ކަމެއް އަޅުގަނޑުމެންނަށް އެނގުނީމަ އަޅުގަނޑުމެންނަށް ދިވެހި ފަސްގަނޑުދެކެ ލޯބިވާންވެސް އެނގޭނީ. އަޅުގަނޑުމެންނަށް ލޯބިވެވޭ ފަސްގަނޑެއް އަޅުގަނޑުމެން ދިފާއުކުރާނީ، އަޅުގަނޑުމެން ސަލާމަތްކުރާނީ." ވަޒީރު ވިދާޅުވިއެވެ.

ދަރިވަރުންނާއި ޒުވާނުންނަށް ތާރީޚު އަންގައިދިނުމަށް މިހާރު މާބޮޑު މަސައްކަތެއް ކުރެވެމުންދާ މަންޒަރު ނުފެންނަކަމަށް ވަޒީރު ވިދާޅުވިއެވެ. ބައެއް ކޮލެޖްތަކުގެ ބައެއް ކޯސްތަކުގައި ތާރީޚު ކިޔަވައިދިންނަމަވެސް އެންމެ އެދެވޭ ގޮތުގައި މި މަސައްކަތް ކުރެވެމުން ނުދާކަން ފާހަގަކުރެއްވިއެވެ.

މިހާރު ތާރީޚު ބޮޑަށް ކިޔަވައިދެވެނީ މައުލޫމާތު ތަކެއްގެ ގޮތުގައިކަމަށާއި ނަމަވެސް ތާރީޚުވެސް ތަފާތު ނަޒަރުން ކިޔެވެން ހުންނަކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ތާރީޚު ބަލަން ދަސްކުރާ ގޮތްތަކާއި، ތާރީޚު ތަހުލީލުކުރަން ދަސްކުރާ ގޮތްތަކުގެ އިތުރުން ތާރީޚު ސިފަކުރަން ދަސްކުރާ ގޮތްތަކެއްވެސް ހުންނަކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ޒަމާނުގެ ފިލްމު އުފެއްދުމާއި މިފަދަ ވަސީލަތްތައް ބޭނުންކޮށްގެން ތާރީޚް އުނގަންނައިދެވިދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.