ޚަބަރު

ކައުންސިލްތަކުގެ ޕާރފޯމަންސް އިންޑެކްސް ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ރައީސް


  • ރައީސް މިހެން ވިދާޅުވީ، ލާމަރުކަޒީ ދުވަހާއި ގުޅިގެން ފޮނުވި ޚިޠާބުގައި

  • ކައުންސިލްތައް މިހާރުވަނީ އެއް ވިއުގައަކުން ގުޅާލެވިފައި

  • މި ސަރުކާރުން ކައުންސިލްތަކަށް ވަކި ވުޒާރާއެއްވެސް ވަނީ އުފައްދާފައި

ކައުންސިލްތަކުގެ މެދުގައި ވާދަވެރި ރޫޙެއް އުފެއްދުމަށް ކައުންސިލްތައް މިންކޮށް، ޕާރފޯމަންސް އިންޑެކްސް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ލާމަރުކަޒީ ދުވަހާއި ގުޅިގެން ފޮނުވި ޚިޠާބުގައެވެ.

މިއަދަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގަން ފެށިތާ 13 އަހަރު ފުރި 14 ވަނަ އަހަރު ގުނަން ފެށޭ ދުވަހެވެ. ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ފުރިހަމަ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ހިނގާކަން ކަށަވަރުކޮށް، ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ކައުންސިލްތަކަށް ޤާނޫނުން ލިބިދީފައިވާ ބާރާއި އިޚްތިޔާރު އޭގެ އެންމެ ފުރިހަމަ މާނައިގައި ތަންފީޒުވާކަން ކަށަވަރު ކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމަށެވެ.

ލޯކަލް ކައުންސިލްތަކަކީ ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ މުހިންމު އެއް އިދާރާކަމަށާއި، އެހެންކަމުން ލޯކަލް ކައުންސިލްތަކުގެ އެންމެ މުހިންމު އެއް ދައުރަކީ ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ސަރުކާރުގެ އިދާރާތަކާއި ގުޅިގެން ހަމަހަމަކަމާއެކު ރައްޔިތުން އެދޭގޮތަށް ބައްޓަންކުރުމަށް މަސައްކަތްކުރުންކަމަށް ރައީސް ވިދާޅުވިއެވެ. މި ގޮތަށް ކައުންސިލްތަކުގެ ހިންގުން ބައްޓަން ކުރެވޭނީ ރައްޔިތުންގެ ޚިޔާލާއި ބައިވެރިވުން އިތުރުކޮށްގެންކަން ރައީސް ފާހަގަކުރެއްވިއެވެ. މިމަގަށް ކަންކަން ފަހިކުރުމަށްޓަކައި ޚާއްޞަކޮށް، ކައުންސިލްތަކުން ރައްޔިތުންނަށް ދޭ ޚިދުމަތް ރަނގަޅުކޮށް، ކައުންސިލްތައް ބާރުވެރި ކުރުމަށްޓަކައި ވުޒާރާތަކާއި ހުރިހާ މުއައްސަސާތަކުން ވެސް ކައުންސިލްތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދީ، ޚާއްޞަގޮތެއްގައި ރައްޔިތުންނާގުޅޭ ކަންކަން ރާވައި ހިންގުމުގައި ކައުންސިލްތަކާއި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

ކައުންސިލްތަކުގެ އިހްތިސާސުގައި ހިމެނިފައިނުވާ ފަޅުރަށްތައް ކައުންސިލްތަކާ ހަވާލުކުރެވޭނެ ސިޔާސަތެއް އެކަށައަޅައި މިހާރު ތަންފީޒު ކުރަމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ. މިސިޔާސަތުގެ ސަބަބުން ކައުންސިލްތަކަށް މާލީ ކުރިއެރުން ލިބި، ރަށްރަށުގެ ރައްޔިތުންނަށް އިޖުތިމާޢީ ކުރިއެރުމާއި، އިޤްތިޞާދީ ނަފާ ލިބިގެންދާނެއެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކުރިއެރުވުމަށް ހުރިހާ ކައުންސިލްތަކެއް މިހާރުވަނީ އެއް ވިއުގައަކުން ގުޅާލެވި، ދައުލަތުގެ ހުރިހާ މުއައްސަސާތަކަކާއެކު ފަސޭހަކަމާއެކު މުއާމަލާތު ކުރެވޭނެ، ލިޔެކިޔުން ޢަރުޝީފު ކުރެވޭނެ ނިޒާމެއް ޤާއިމުކުރެވިފައިކަމަށްވެސް ރައީސް ވިދާޅުވިއެވެ. ކައުންސިލްތަކުން ކުރާ އިދާރީ ގިނަ މަސައްކަތްތަކާއި ފައިސާގެ މުޢާމަލާތްތަކާއި ބަލަހައްޓަންޖެހޭ ދަފްތަރުތައް ބެލެހެއްޓުމާއި ކައުންސިލްގެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުމުގެ އެޕްލިކޭޝަންތައް، ފަރުމާކޮށް އޭގެ ލުއިފަސޭހަކަން ކައުންސިލްތަކުން ދަނީ ތަޖުރިބާ ކުރަމުންކަމަށް ރައީސް ވިދާޅުވިއެވެ.

މި ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ކައުންސިލްތަކުގެ އެންމެހައި އިދާރީ މަސައްކަތްތައް ހިންގުމަށް ބޭނުންވާ ސިސްޓަމް އެޕްލިކޭޝަންތައް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ކައުންސިލްތަކުގެ މަސައްކަތް ހަރުދަނާކޮށް، ކައުންސިލްތައް ޒިންމާދާރުކޮށް ޖަވާބުދާރީކުރުވުމަށާއި ކައުންސިލްތަކުގެ މެދުގައި ބިނާކުރަނިވި، ވާދަވެރި ރޫޙެއް އުފެއްދުމަށް ކައުންސިލްތައް މިންކޮށް، އަދި ކައުންސިލް ޕާރފޯމެންސް އިންޑެކްސް އިތުރަށް ތަރައްޤީކޮށް ފުރިހަމަ ކުރުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންކަމަށް ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމު ހިންގުމުގައި ރައްޔިތުންނާއި ކައުންސިލްތަކާއި ސަރުކާރާ ގުޅުވައިދީ، އަދި ކައުންސިލްތަކާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ސަރުކާރުގެ ތެރެއިން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ލިބިދީ، ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ވަކި މިނިސްޓްރީއެއްވެސް މި ސަރުކާރުން ވަނީ އުފައްދާފައެވެ. އަދި އެ މިނިސްޓްރީ އުފެއްދުމުގެ ނަތީޖާ ދަނީ ފެންނަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.