ޚަބަރު

ސަވާދީއްތަ ދަތުރު: ހޯޑެއްދޫން ދައްކާލީ ސަޤާފަތާއި، ގުޅިފައިވާ ރަށްތަކުގެ ރީތިކަން


  • ހޯޑެއްދޫންވަނީ ހޫނު މަރުހަބާއެއް ކިޔާފައި

  • މިދަތުރު މިމަހުގެ 29ގެ ނިއަލަށް ކުރިއަށްދާނެ

  • މިއީ މީގެ 3 ވަނަ ދަތުރު

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އެމްއައިޓީޑީސީން އަހަރަކު އެއްފަހަރު، ސިލްސިލާ ގޮތެއްގައި ކުރިއަށްގެންދާ ބައިނަލްއަޤްވާމީ ޔޮޓްރެލީ ސަވާދީއްތަ ދަތުރުގެ ބައިވެރިންނަށް ގދ. ހޯޑެއްދޫން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ހޯޑެއްދޫއަށް ސަވާދީއްތައިގެ ބައިވެރިން ދިއުމާއެކު ދިވެހި ސަޤާފީ ބޮޑުބެރުން ވަނީ މަރުހަބާ ކިޔާފައެވެ.
އަދި އެރަށުގެ ތާރީޚު ދައްކުވައިދޭ ޑްރާމާއެއް ހުށައަޅާދިނުމާއި، ބަންޖާއި ރައިވަރުވެސް ވަނީ ކިޔާފައެވެ.

ސަވާދީއްތައިގެ ބައިވެރިންވަނީ ހެނދުނުގެ ވަގުތުގައި ހުވަދޫގައި ކައިރިކައިރީގައި އޮންނަ ރަށްތަކަށް މޫދުން ހިނގާފައި ގޮސްފައެވެ. ހޯޑެއްދޫން ދިގެރެހާއަށް މިބައިވެރިން ހިނގާފައި ދިޔައެވެ.

ރޭގަނޑުގެ ވަގުތުގައި ބައިވެރިންނަށް ވަނީ ބޮޑުބެރާއިއެކު ޝޯއެއް ހުށައަޅާދީފައެވެ. ހޯޑެއްދޫގައި ބައިވެރިން ހޭދަކުރި 2 ދުވަހުގެ ތެރޭގައި އެ ރަށުގެ ތާރީޚީ ތަންތަން ވަނީ ސަވާދީއްތަ ދަތުރުގެ ބައިވެރިންނަށް ދައްކާލާފައެވެ.

މިއީ "ސަވާދީއްތަ ދަތުރު"ގެ 3 ވަނަ ދަތުރެވެ. މި ދަތުރު ކުރިއަށްދާނީ މިމަހުގެ 29ގެ ނިއަލަށެވެ. މި ދަތުރުގެ ތީމަކީ "މޯލްޑިވްސް - އަ ސްމޯލް ކަންޓްރީ ވިތް އަ ބިގް ހާރޓް" އެވެ.

10 ޔޮޓަކުން 55 ދަތުރުވެރިން ބައިވެރިވާ ގޮތަށް ސަވާދިއްތަ ދަތުރު ފެށީ މާލެ އަތޮޅު ކުޑަގިރިން މިމަހުގެ 10 ވަނަ ދުވަހުއެވެ. ރެލީގައި ބައިވެރިވަނީ އޮސްޓްރޭލިޔާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ފިންލޭންޑާއި ޢަރަބި އެކުވެރި އިމާރާތް (ޔޫއޭއީ)ގެ ޔޮޓްތަކެވެ. ދަތުރުގެ ބައިވެރިން އެންމެ ފުރަތަމަ މަޑުކޮށްފައިވަނީ ވ.ފުލިދޫގައެވެ.