ޚަބަރު

ޤައުމީ ޔުނިވަރސިޓީގެ ޑީން އޮފް ރިސާޗަށް ޑރ. ޝަހުނީޒާ، ރަޖިސްޓްރާއަކަށް ޟާމިރު


  • ޑރ. ޝަހުނީޒާ ވިދާޅުވީ އަމާޒަކީ ޔުނިވަސިޓީގެ ރިސާޗްގެ ދާއިރާ ފުޅާކުރުން ކަމަށް

  • ޟާމިރު ވިދާޅުވީ ދެވަނަ ޓާމުން ފެށިގެން ދަރިވަރުންގެ ޚިދުމަތްތައް ޑިޖިޓަލްކުރާނެ ކަމަށް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޑީން އޮފް ރިސާޗްގެ މަޤާމަށް ޑރ. މަރިޔަމް ޝަހުނީޒާ ނަޞީރު އަދި ރަޖިސްޓްރާގެ މަޤާމަށް މުޙައްމަދު ޟާމިރު އައްޔަންކޮށްފިއެވެ.

މި ދެބޭފުޅުންނާ މަޤާމު ހަވާލުކުރެއްވީ ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި ވައިސް ޗާންސެލަރ ޑރ. ޢައިޝަތު ޝެހެނާޒް އާދަމެވެ.

މަޤާމާ ހަވާލުވުމަށްފަހު ވާހަކަދައްކަވަމުން ޔުނިވަރސިޓީގެ ޑީން އޮފް ރިސާޗްގެ މަޤާމަށް އައްޔަންކުރެވުނު ޑރ. މަރިޔަމް ޝަހުނީޒާ ނަޞީރު ވިދާޅުވީ ޔުނިވަރސިޓީގެ ރިސާޗްގެ މަސައްކަތް ކުރިއަރުވާ ތަރައްޤީކުރުމަކީ އަމާޒެއްކަމަށެވެ. އެގޮތުން ޕޯސްޓް ގްރެޖުއޭޓް ދަރިވަރުންނަށް އަމާޒުކޮށް ހިންގޭ ކޮންފަރެންސްތަކުގައި ދަރިވަރުންގެ ބައިވެރިވުން އިތުރުކޮށް ކަރުދާސް ހުށައަޅާ މިންވަރު އިތުރުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ބޭރުގެ ޔުނިވަރސިޓީތަކާއި ގުޅިގެން އެކިކަހަލަ ރިސާޗް ހެދުމުގެ މަގު ފަހިކުރުމުގެ މަސައްކަތް ކުރައްވާނެކަމަށްވެސް ޑރ. ޝަހުނީޒާ ވިދާޅުވިއެވެ.

"އަޅުގަނޑުގެ ތަޞައްވުރަކީ ރިސަރޗްގެ މަސައްކަތް ވަރުގަދަކޮށް، އިތުރަށް ތަރައްޤީކޮށް، ޔުނިވާސިޓީގެ ރޭންކިން މަތިކުރުމަށް މަސައްކަތްކުރުން. އަދި މި ޔުނިވަރސިޓީއަކީ މި ރީޖަންގެ އެންމެ ނަން ހިނގާ ޔުނިވަރސިޓީތަކުގެ އެއް ހަމައިގައި ފައިތިލަ ސާބިތުކުރުމަށް މަސައްކަތްކުރުމަކީ ވެސް އަޅުގަނޑުގެ އެއް އަމާޒު." ޑރ. ޝަހުނީޒާ ވިދާޅުވިއެވެ.

ޔުނިވާސިޓީގެ ރަޖިސްޓްރާގެ މަޤާމަށް އައްޔަންކުރެއްވި މުޙައްމަދު ޟާމިރު ވިދާޅުވީ ރަޖިސްޓްރާގެ ޙައިސިއްޔަތުން ޔުނިވަރސިޓީގެ ދަރިވަރުންގެ އިދާރީ ކަންކަން އިތުރަށް ހަރުދަނާކުރުމަކީ އޭނާގެ އަމާޒުކަމަށެވެ. އެގޮތުން މިއަހަރުގެ ދެވަނަ ޓާމުން ފެށިގެން ދަރިވަރުންނަށް ދެވޭ މައިގަނޑު ޚިދުމަތްތައް ޑިޖިޓަލްކުރާނެ ކަމަށް ވިދާޅުވިއެވެ. އަދި އެ ޚިދުމަތްތަކަށް ދަރިވަރުންގެ ޕޯޓަލުން އެދެވޭ ގޮތް ހަމަޖެހޭނެކަމަށް ވިދާޅުވިއެވެ. އަދި އެމްއެންޔޫ ސްޓޫޑެންޓް މޯބައިލް އެޕެއް ތަޢާރަފްކުރުމަކީވެސް އޭނާގެ ތަޞައްވުރެއްކަމަށް ޟާމިރު ވިދާޅުވިއެވެ.

"މިއަހަރުގެ ދެވަނަ ޓާމުން ދަރިވަރުންނަށް ދެވޭ މައިގަނޑު ޚިދުމަތްތައް ޑިޖިޓަލް ކުރެވި، ދަރިވަރުންގެ ޕޯޓަލްގެ ތެރެއިން ޚިދުމަތްތައް ދެވޭނެ. އަދި އެމްއެންޔޫ ސްޓޫޑެންޓް މޯބައިލް އެޕެއް ތަޢާރަފްވުމަކީ އަޅުގަނޑު ދެކޭ އެއް ހުވަފެން." ޟާމިރު ވިދާޅުވިއެވެ.

ޑރ. މަރިޔަމް ޝަހުނީޒާ ނަޞީރު މީގެ ކުރިން ހުންނެވީ ޤައުމީ ޔުނިވަރސިޓީގެ ސީނިއަރ ރިސާޗް ފެލޯއެއްގެ މަޤާމުގައެވެ. ޑރ. ޝަހުނީޒާ ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރިސާޗް އެންޑް އިނޮވޭޝަންގެ ޑެޕިޔުޓީ ޗާންސެލަރގެ މަޤާމުވެސް އަދާކޮށްފައެވެ.

މުޙައްމަދު ޟާމިރު މީގެ ކުރިން ވެސް ހުންނެވީ ޤައުމީ ޔުނިވަރސިޓީގެ ރަޖިސްޓްރާގެ މަޤާމުގައެވެ. މިއަދު އައްޔަންކުރެވުނީ އެމަޤާމުގެ ދެވަނަ ދައުރަށެވެ. މުޙައްމަދު ޟާމިރު އަންނަނީ 22 ފެބްރުއަރީން 2020 ވަނަ އަހަރުން ފެށިގެން ރަޖިސްޓްރާކަމުގެ މަޤާމު އަދާކުރައްވަމުންނެވެ.