ޚަބަރު

ރާއްޖޭގައި ޤާއިމްކުރާ އިންވެސްޓްމަންޓްތަކަށް ފައިދާ ލިބުން އަވަސް: ސަޢީދު


ރާއްޖެއަކީ ބޭރުގެ އިންވެސްޓްމަންޓްތަކަށް ފައިދާ ލިބުން އަވަސް ޤައުމެއްކަން ފާހަގަކޮށް، ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މިހެން ވިދާޅުވީ، ޔޫއޭއީގައި ކުރިއަށްދާ އިންވެސްޓް މޯލްޑިވްސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ބާއްވާ 2 ވަނަ އިންވެސްޓްމަންޓް ފޯރަމްއެވެ.

ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ، މި ފޯރަމްގައި 190 ކުންފުންޏަކުން ބައިވެރިވާކަމަށެވެ. މީގެތެރޭގައި މިހާރު ވިޔަފާރި ކުރަމުންދާ ފަރާތްތަކާއި އަދި ވިޔަފާރިކުރުމަށް ޝައުގުވެރިވާ ފަރާތްތައްވެސް ހިމެނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެކަމުން ހާމަވެގެންދަނީ އިންވެސްޓަރުންގެ ޔަޤީންކަމާއި އިތުބާރު ރާއްޖެއަށް އޮތް މިންވަރުކަންވެސް ވަޒީރު ވިދާޅުވިއެވެ.

ރާއްޖެއަކީ އިންވެސްޓަރުންގެ ޝައުގުވެރިކަން ބޮޑު ތަނެއްކަން ރެކޯޑްތަކުން ހާމަވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖެއަކީ އިންވެސްޓަރުން އަވަހަށް ފައިދާ ލިބޭ ޤައުމެއްކަމަށެވެ.
އެގޮތުން ފަތުރުވެރިކަމުގެ ސިނާއަތަށް އިންވެސްޓްމަންޓްތަކުން ކުރާ ހޭދާ އަނބުރާ ލިބުން އެހެން މަންޒިލްތަކަށްވުރެ އަވަސްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އިންވެސްޓް ފޯރަމްގައި ތިބި ރާއްޖެއާއި އަދި ރާއްޖެއިން ބޭރުގެ ގިނަ އިންވެސްޓަރުންވެސް އެކަމަށް އެއްބަސްވާނެކަމަށް ސައީދު ވިދާޅުވިއެވެ.

ރާއްޖެއަށް އިންވެސްޓްކޮށްފައިނުވާ އެހެންނަމަވެސް އިންވެސްޓްކުރަން ޝައުގުވެރިވާ އިންވެސްޓަރުންނަށް މިއީ ރާއްޖޭގެ އިންވެސްޓްމަންޓް މާހައުލާއި އަދި ރާއްޖޭގައި ހުރި ފުރުސަތުތައް ދެނެގަތުމަށް އިންވެސްޓް މޯލްޑް ފޯރަމަކީ ރަނގަޅު ޕްލެޓްފޯމެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އިންވެސްޓް ފޯރަމް ކުރިއަށްދާ ޔޫއޭއީއަކީ ވިޔަފާރިއާއި ދަތުރުފަތުރުގައި މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ މިހާރުވެސް ރާއްޖޭގައި ޔޫއޭއީގެ ވިޔަފާރިތަކުން ބޮޑެތި އިންވެސްޓްތައް ކޮށްފައިވާކަމަށެވެ. އަދި ޔޫއޭއީގެ ވިޔަފާރިވެރިންނާއިއެކު ގުޅުން ބަދަހިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންދާ މަސައްކަތްތައް ފާހަގަކޮށް، އެކަމަށް ވަޒީރު ވަނީ ތައުރީފްކުރައްވާފައެވެ.

އިންވެސްޓް މޯލްޑިވްސް ފޯރަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ތަރައްޤީގެ ތަސައްވުރު ދައްކުވައިދޭ އަދި ޕްރައިވެޓް ސެކްޓަރއަށް ރާއްޖޭގައި ހުރި ފުރުސަތުތައް ހާމަކުރުމުގެ މަޤުސަދުގައި ކުރިއަށްގެންދާ ފޯރަމެކެވެ. މިއީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް އަދި އިތުރު ފުރުސަތުތައް ރާއްޖެއަށް ހޯއްދަވައިދެއްވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތެކެވެ. އެގޮތުން 17 ދާއިރާއަކުން އިންވެސްޓްކުރުމަށް މި ފޯރަމްގެ ތެރެއިން ވިޔަފާރިވެރިންނަށް ވަނީ ހުޅުވާލާފައެވެ.

އިންވެސްޓް މޯލްޑިވްސްގެ ފުރަތަމަ އެޑިޝަން ބާއްވާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހު ޗައިނާގައެވެ. މިފޯރަމްގައި ޗައިނާގެ ގިނަ އިންވެސްޓަރުންތަކެއް ވަނީ ބައިވެރިވެފައެވެ. އަދި މީގެ ފައިދާ ރާއްޖެއަށް އެތައް ގޮތަކުން ކުރާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިގޮތުން ފޯރަމްގެ ތެރެއިން ޗައިނާގެ ހުނާންގެ ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް ގްރޫޕުންވަނީ ރާއްޖެއާއި ގުޅުން ބަދަހިކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ.