ޚަބަރު

ޝަހީދުންގެ ދުވަސް ހަނދާންކޮށްދެނީ ޤައުމަށްޓަކާ ގުރުބާންވި އަބްޠާލުންގެ ޛިކުރާ


  • މިދުވަސް ފާހަގަކުރަނީ އަލިރަސްގެފާނުގެ ޖިހާދަށް ނިސްބަތްކޮށް

  • ޝަހީދުންގެ ދުވަސް އެންމެ ފުރަތަމަ ފާހަގަކުރަން ފެށީ 1980 ގައި

  • ޝަހީދުންގެ ޛިކުރާއިން ޒުވާން ޖީލު ހިތްވަރު ލިބިގަންނަންޖެހޭ

މިއަދަކީ ރާއްޖޭގައި ފާހަގަކުރާ ޝަހީދުންގެ ދުވަހެވެ. ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންކުރުމަށް ޖިހާދުކުރައްވަނިކޮށް އަލިރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހަށް ނިސްބަތްކޮށް މިދުވަސް ފާހަގަކުރިނަމަވެސް، މިއީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިންގެ މިނިވަންކަމުގެ ދިފާޢުގައި ޖިހާދުވެވަޑައިގެންނެވި ޤައުމީ ބަޠަލުންގެ ޛިކުރާ އާކުރުމުގެ މަޤްޞަދުގައި ފާހަގަކުރަމުން އަންނަ ދުވަހެކެވެ.

ދިވެހިރާއްޖޭގައި ޝަހީދުންގެ ދުވަސް ފުރަތަމަ ފާހަގަކުރީ 1400 ވަނަ އަހަރުގެ ޝަޢުބާންމަހުގެ 1 ވަނަ ދުވަހުއެވެ. އެއީ މީލާދީން 14 ޖޫން 1980 ގައެވެ.

ޝަހީދުންގެ ދުވަސް ރާއްޖޭގައި ފާހަގަކުރަނީ ހިޖުރީގޮތުން ކޮންމެ އަހަރެއްގެވެސް ޝަޢުބާން މަހުގެ އެއްވަނަ ދުވަހެވެ. "ޝަހީދުންގެ ދުވަސް" ފާހަގަކުރުމަށް ސަރުކާރުން ނިންމަވާފައިވަނީ ދިވެހި ޤައުމާއި މިނިވަންކަން ދިފާޢުކޮށް މާތްވެގެންވާ އިސްލާމްދީނުގެ ޙައްޤުގައި ހަނގުރާމަކުރައްވާ ޝަހީދުވެވަޑައިގެންނެވި ހިތްވަރުގަދަ ދިވެހި ބަޠަލް އައްސުލްޠާން ޢަލީ 6 ވަނަ ސިރީ އައުދަ ސިޔާކަ ކައްތިރި ބަވަނަ މަހާރަދުން ނުވަތަ އަލިރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހަށް ނިސްބަތްކޮށެވެ.

އަލިރަސްގެފާނު ޝަހީދުވެވަޑައިގަތީ ހިޖްރީ ސަނަތުން 965 ވަނަ އަހަރުގެ ޝަޢުބާންމަހުގެ އެއްވަނަ ދުވަހު ރާއްޖޭގެ މައްޗަށް ވެރިވެގަތުމަށް އައި ޕޯޗުގީޒް މީހުންނާ ހަނގުރާމަ ކުރައްވަން ހުންނަވަނިކޮށް، މާލޭ ހުޅަނގުފަރާތު އަތިރިމަތީގައެވެ. ބުނެވޭ ގޮތުގައި ޕޯޗުގީޒުންގެ އަތްދަށަށް ރާއްޖެދިޔައީ އަލިރަސްގެފާނު ޝަހީދުވެވަޑައިގަތުމަށްފަހުއެވެ. ޢަލިރަސްގެފާނު ފަސްދާނުލެވުނު ކަމަށް ތާރީޚުގައި ބުނަނީ އަވަހާރަވެގެން ވެއްޓިވަޑައިގަތް ތަނުގައެވެ. މަޝްހޫރު ޢަލިރަސްގެފާނު ޒިޔާރަތް ހުންނަނީ އެތަނުގައެވެ.

ޝަހީދުންގެ ދުވަހަކީ އަލިރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަސްކަމުގައިވިޔަސް، މިދުވަސް ޚާއްސަ ކުރެވެނީ ހަމައެކަނި އެރަސްގެފާނަކަށް ނޫނެވެ. ރާއްޖޭގެ މިނިވަންކަމާއި މާތްވެގެންވާ އިސްލާމްދީނާއި ރާއްޖޭގެ އަމިއްލަ ވެރިކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކާ މަސައްކަތް ކުރުމުގައި ޝަހީދުވެވަޑައިގެންނެވި އެތައް ބަޠަލުންނެއްގެ ޛިކުރާ އާކުރުމުގެ ގޮތުންނެވެ.

ރާއްޖޭގެ ތާރީޚަށް ބަލާއިރު މާޒީވި ދުވަސްތަކުގައި ދިވެހި ޤައުމަށްޓަކައި ޝަހީދުވި އެތައް ބަޠަލުންނެއް ދިވެހި ޤައުމުވަނީ ދެކިފައެވެ.

އަޅުގަނޑުމެން ދިވެހިން ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ ރާއްޖޭގެ މިނިވަންކަމަށް ލޮޅުންއެރި ކޮންމެ ފަހަރަކު ދީނާއި ޤައުމުގެ ދިފާއުގައި ތެދުވި އެތައް ބަޠަލުންނެއް ޝަހިދުވިކަމެވެ. މިއީ ޤައުމަށްޓަކާ ޝަހީދުވެވަޑައިގެންނެވި ބަޠަލުންގެ ޛިކުރާއިން އަޅުގަނޑުމެން ހިތްވަރު ލިބިގަންނަވީ ދުވަހެވެ.

ޝަހީދުންގެ ދުވަސް ފާހަގަކުރާއިރު އަޅުގަނޑުމެން އެބޭފުޅުންގެ ޛިކުރާ އާކުރަންޖެހޭ ބޭފުޅުންގެ ތެރޭގައި ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވުމަށްޓަކާ އައްސުލްޠާނުލް ޣާޒީ ތަކުރުފާނުލް އަޢުޒަމް، ނުވަތަ މަޝްހޫރު ނަމުންނަމަ ބޮޑުތަކުރުފާނު ކުރެއްވި މަތިވެރި ޖިހާދުގައި ޝަހީދުވެވަޑައިގެންނެވި ބޮޑުތަކުރުފާނުގެ ބޭބޭފުޅު ޢަލިތަކުރުފާނާއި، ޕޯޗުގީޒުންނާއި ކުރިމަތިލައްވައި ޖިހާދު ކުރެއްވުމުގައި ޝަހީދުވެވަޑައިގެންނެވި ކަނބާ އައިޝާއާއި، ރާއްޖޭގެ ވެރިކަމާ ތޮޅެން މަލާބާރީންނާއި ހަނގުރާމަކުރައްވަނިކޮށް ޝަހީދުވެވަޑައިގެންނެވި ބޮޑުތަކުރުފާނުގެ ދަރިކަލުން އައްސުލްޠާން ޢިބްރާހީމް ކަލާފާނު (ތިންވަނަ)ގެ ނަންފުޅު ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެއެވެ.

ކައިރި މަޒީއަކަށް ޖެހިލާނަމަ 1988ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ތިންވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގައި ސިފައިންގެ މައިދޮރާށި ދިފާއުކުރަން މަސައްކަތް ކުރަމުންދަނިކޮށް ޝަހީދުވި ހދ. ކުޅުދުއްފުށީ ޙުސެއިން އާދަމާއި، އެދުވަހު ދިވެހިންގެ ތެރެއިން ޝަހީދުވެގެންދިޔަ ސިފައިންނާއި ޢާއްމު މީހުންގެ ޛިކުރާވެސް އާކުރުން މުހިއްމެވެ.

ޝަހީދުންގެ ދުވަސް ފާހަގަކުރާއިރު އަޅުގަނޑުމެން ހަނދާންކުރަންވީ މިއިން ކޮންމެ ބޭފުޅަކުވެސް ޝަހީދުވެވަޑައިގެންނެވީ ދިވެހި ޤައުމަށްޓަކައިކަމެވެ. ދިވެހި ޤައުމު އަޅުގަނޑުމެންނާއި ހަމައަށް ގެނެސްދެއްވުމުގެ މަތިވެރި ޢަޒުމުގައިކަމެވެ. އެބޭފުޅުން އެކުރެއްވި މަސައްކަތްޕުޅު އެގޮތަށް ނުކުރެއްވިނަމަ ރާއްޖެމިއަދު މިދެކޭ މިނިވަންކަމާއި ތަރައްޤީއާއި ކުރިއެރުން އަޅުގަނޑުމެންނަށް ނުފެނުނީސްކަން ޔަޤީނެވެ.

މިފަދަ ދުވަހެއް އަޅުގަނޑުމެންގެ ތެރޭގައި ފާހަގަކުރުމުގެ އެންމެ މުހިއްމު ބޭނުމަކީ ޤައުމުގެ ދަރިންގެ ހިތްތަކުގައި އެޤައުމަށްޓަކާ ޤުރުބާންވެ، ޝަހީދުވެ ގޮސްފައިވާ އަބްޠާލުންގެ ޛިކުރާ އާކުރުމެވެ. ޤައުމުގެ މާޒީގެ ހަނދާންތައް މިހާރުގެ ދަރިންނަށް ހަނދާންކޮށްދީގެން ޤައުމަށް ދިމާވެފައިހުރި އެކިއެކި ހުރަސްތަކުގައި އިހުގެ ދަރީން ސާބިތުކޮށްދީފައިވާ ޢަޒުމާއި ހިތްވަރު އަދުގެ ދަރީންނަށް ދަސްކޮށްދިނުމެވެ.

ޤައުމެއް ޤައުމެއްގެ ގޮތުގައި ދެމިއޮންނާނީ އެ ޤައުމެއްގެ ދަރީންގެ ހިތުގައި އެޤައުމަކަށް އޮންނަ ލޯތްބަކާއި، ޤަދަރެއްގެ މައްޗަށްކަން ވިސްނާދިނުމެވެ. ޤައުމަށްޓަކާ އެޤައުމެއްގެ ދަރީންނަށް ޤުރުބާންވެވޭ މިންވަރެއްގެ މައްޗަށްކަން ވަޒަންކޮށްދިނުމެވެ.