ޚަބަރު

19 ވަޒީރުންނަށް ރުހުން ދީފި؛ ރުހުން ނުދެނީ 3 ވަޒީރަކަށް


  • ވަޒީރުންގެ މަޖިލިސް އެކުލަވާލައްވާ ހުވާކުރައްވާފައިވަނީ ނޮވެމްބަރު 17 ގައި

  • ވަޒީރުންނަށް ރުހުން ހޯދަން މަޖިލީހަށް ފޮނުއްވީ ނޮވެމްބަރު 20 ގައި

  • އައު ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައި 22 ވަޒީރުން ތިއްބަވާ

  • ވަޒީރުންގެ މަޖިލިސް އެކުލަވާލާތާ 7 ދުވަހުގެ ތެރޭގައި ރުހުން ހޯދަން ފޮނުވަންޖެހޭ

ރައީސުލްޖުމްހޫރިއްޔާގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންގެ ތެރެއިން 19 ވަޒީރުންނަށް ރުހުންދީ، 3 ވަޒީރަކަށް ރުހުން ނުދޭން ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ. ވަޒީރުންނަށް ރުހުންދިނުމާއި ގުޅޭ ވޯޓު ކުރިއަށްގެންގޮސްފައިވަނީ މިއަދު ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.

ރުހުން ދޭން ނިންމި ވަޒީރުންނަކީ:

• ދިފާޢީ ވަޒީރު - މުޙައްމަދު ޣައްސާން
• ޚާރިޖީ ވަޒީރު - މޫސާ ޒަމީރު
• ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު - ޢަލީ އިޙްސާން
• މާލީ ވަޒީރު – ޑރ. މުޙައްމަދު ޝަފީޤު
• ތަޢުލީމީ ވަޒީރު - ޑރ. އިސްމާޢީލް ޝަފީޢު
• ޞިއްޙީ ވަޒީރު – ޑރ. ޢަބްދުﷲ ޚަލީލް
• އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު - މުޙައްމަދު ސަޢީދު
• މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު - އަޙްމަދު ޝިޔާމް
• ފަތުރުވެރިކަމާ ބެހޭ ވަޒީރު - އިބްރާހިމް ފައިޞަލް
• އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު – ޑރ. ޢާއިޝަތު ޝިހާމް
• ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު – ޢަބްދުﷲ ރާފިޢު
• މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު - ޠާރިޤް އިބްރާހީމް
• ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު - މުޙައްމަދު އަމީން
• ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު - އާދަމް ނަޞީރު އިބްރާހީމް
• މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު - ޑރ. މަރިޔަމް މާރިޔާ
• އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު - ޑރ. ޢަބްދުﷲ މުއްޠަލިބު
• ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު - ޑރ. ޢާއިޝަތު ރަމީލާ
• ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު - އިބްރާހިމް ވަޙީދު
• ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު - އާދަމް ޝަރީފު ޢުމަރު

ރުހުން ނުދޭން ނިންމި ވަޒީރުންނަކީ:

• ބަންޑާރަ ނައިބު - އަޙްމަދު އުޝާމް
• އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު - ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
• ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު – ޑރ. ޢަލީ ޙައިދަރު އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް މެންބަރުން ޢައްޔަނު ކުރައްވާފައިވަނީ 17 ނޮވެންބަރު 2023 ވީ ހުކުރުދުވަހުގެ ރެއެވެ. އައު ސަރުކާރުގެ ވަޒީރުންގެ މަޖިލިސް އެކުލެވިގެންވަނީ 22 ބޭފުޅުންގެ މައްޗަށެވެ.

ރިޔާސީ އައު ދައުރާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަލަށް 4 ވުޒާރާއެއް އުފައްދަވާފައެވެ. އަދި ކުރިން ހިންގަވަމުން ގެންދެވި 9 ވުޒާރާއެއްގެ ނަމަށް ބަދަލުގެންނަވާފައެވެ.

ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ޢައްޔަންކޮށްފައިވާ 22 ބޭފުޅުންގެ ނަންފުޅު، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި މަޖިލީހަށް ފޮނުއްވާފައިވަނީ ނޮވެމްބަރުމަހުގެ 20 ވަނަ ދުވަހުއެވެ.

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ 22 ވަޒީރުންނަށް ރުހުން ދިނުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީން ނިންމުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވިއެވެ. އެހެންނަމަވެސް ވުޒާރާތަކުގެ މެންޑޭޓު ފާސްނުކުރާތީ ކަމަށްބުނެ، މަޖިލީހުން ނިންމީ އެ މައްސަލަ އަނބުރާ ކޮމެޓީއަށް ފޮނުވާށެވެ. މި މައްސަލަ އަނބުރާ ކޮމެޓީއަށް ފޮނުވާލީ ޑިސެމްބަރުމަހުގެ 18 ވަނަ ދުވަހުއެވެ.