މިއަދު ކުރިއަށްދާ ބައި އިލެކްޝަންތަކުގައި މިހާތަނަށް ވޯޓުލާފައިވަނީ 2633 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. 
އިލެކްޝަންސް ކޮމިޝަންގެ ސެކްޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާ، ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ، މިއަދު ކުރިއަށްދާ އިންތިޚާބުތަކުގައި އެއް ފޮށި ފިޔަވައި އެހެން ހުރިހާ ފޮއްޓެއްގެ ވޯޓުލުން ވަނީ 8:00 ގައި ފަށައިފައެވެ. ވޯޓުލުން ނުފެށެނީ މާލޭގައި ބަހައްޓާފައިވާ މ. މުލަކުގެ ފޮއްޓެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ. 
މިއަދު ކުރިއަށްދަނީ މާލެ ސިޓީ މޭޔަރު އަދި ކައުންސިލްގެ ތިން މެންބަރުން ހޮވުމަށް ބާއްވާ ބައި އިލެކްޝަނާއި މ. މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަނެވެ. 
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، މިއަދު ކުރިއަށްދާ ބައި-އިލެކްޝަންގައި ހެނދުނު 10:00 އާ ހަމައަށް 2633 މީހުން ވޯޓުލާފައިވާކަމަށެވެ. އޭގެ ތެރޭގައި 1007 އަންހެނުންނާއި، 1626 ފިރިހެންނުން ހިމެނެއެވެ. މިއީ ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ 4.70 އިންސައްތައެވެ. މި ބައި އިލެކްޝަންތަކުގައި ޖުމްލަ 56،002 މީހަކަށް ވޯޓުލުމުގެ ޙައްގު ލިބިފައިވެއެވެ. 
ޒަކަރިއްޔާ ވިދާޅުވީ ބައެއް އެހެން އާންމު އިންތިޚާބު ތަކާ އަޅާބަލާއިރު މިއަދު ހެނދުނު ވޯޓުލާން ނުކުތް މީހުންގެ އަދަދު ނިސްބަތުން މަދު ކަމަށެވެ. 
މިއަދުގެ މޫސުން ގޯސްވާނެކަމަށް ލަފާކޮށް ވޯޓުލުމަށް އެއް ގަޑިއިރު އީސީން އިތުރުކޮށްދެއްވާފައިވާއިރު ވީހާވެސް ގިނަ މީހުން މި އިންތިޚާބުގައި ވޯޓުލުން މުހިންމުކަމަށް ޒަކަރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ވީހާވެސް އަވަހަށް ވޯޓުލުމުގެ ޙައްގު އަދާ ކުރުމަށް އޭނާ އެދިވަޑައިގެންނެވިއެވެ. 
މިއަދުގެ ވޯޓުލުން ކުރިއަށްދާނީ ހަވީރު 17:00 އާ ހަމައަށެވެ. އޭގެ ފަހުން ވޯޓު ލެވޭނީ ސުންގަޑި ހަމަވުމުގެ ކުރިން ކިޔޫގައި ޖެހިފައިވާ ފަރާތްތަކަށެވެ. 
ޒަކަރިއްޔާ ވަނީ ކިޔޫތައް ބަންދުކުރާ ގަޑިއަށް ކިޔޫގައި ޖެހިފައިވާ މީހުންގެ އަދަދު މަދުނަމަ މިރޭ 19:00 ހާއިރު އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކުރެއްވޭނެ ކަމަށް ލަފާ ކުރައްވާފައެވެ.