ޚަބަރު

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާގެ ކޯލް ސެންޓަރ ތަޢާރަފުކޮށްފި


  • ކޯލް ސެންޓަރުގެ އައު ނަންބަރަކީ 1433

  • ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 1:30 އަށް ގުޅޭނެ

  • ކޯލް ސެންޓަރުގައި އެންމެ ޒަމާނީ ކޯލް މެނޭޖްމަންޓް ސިސްޓަމެއް

  • ބޭނުމަކީ އަވަސްކަމާއި އިތުބާރާއެކު ފަސޭހަ ޚިދުމަތެއް ދިނުން

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ މަސައްކަތްތައް ހަރުދަނާކޮށް ޚިދުމަތްތައް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އައު ކޯލް ސެންޓަރެއް ޤާއިމްކޮށް ވުޒާރާއަށް ގުޅޭނެ އައު ނަންބަރެއް ތަޢާރަފް ކޮށްފިއެވެ.

އެ އިދާރާގެ ޚިދުމަތްތަކަށް އެދި ގުޅުއްވާ ފަރާތްތަކަށް ފަސޭހަކަމާއި އަވަސްކަމާއި އެކު ޚިދުމަތް ދިނުމަށް ޤާއިމްކޮށްފައިވާ ކޯލް ސެންޓަރުގެ އައު ނަންބަރަކީ 1433 އެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، ކޯލް ސެންޓަރުގެ މި ނަންބަރަކީ މިހާރުވެސް ބޭނުން ކުރަމުންގެންދާ އިޖުތިމާޢީ ޚިދުމަތްތަކާގުޅޭ ހެލްޕްލައިން 1421 އަދި ކުޑަކުދިންނަށް ޚާއްސަކޮށްފައިވާ ހެލްޕްލައިން 1412 ގެ އިތުރުން ތަޢާރަފުކުރެވުނު މުޅިން އައު ނަންބަރެއްކަމަށެވެ. އަދި 1421 އާއި 1412 އަކީ 24 ގަޑިއިރު ގުޅޭ ހެލްޕްލައިންތަކަކަށް ވީނަމަވެސް، 1433 ނަންބަރަކީ ކަނޑައެޅިފައިވާ ވަކި ގަޑިތަކެއްގައި ގުޅޭނެ ނަންބަރެއްކަމަށެވެ.

އެގޮތުން 1433 އަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރު 01:30 އަށް ގުޅޭނެއެވެ. އަދި ކޯލު ނުނެގި ދާ ޙާލަތްތަކުގައި ކޯލުގެ މަޢުލޫމާތު ވަކި ސިސްޓަމެއްގައި ރައްކާކުރެވި ތަރުތީބުން، އެފަދަ ކޯލުތަކަށް ކޯލް ސެންޓަރުން ޖަވާބުދާރީވަމުން ގެންދާނެކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މި ބަދަލާއެކު ކޯލް ސެންޓަރުގައި އެންމެ ޒަމާނީ ކޯލް މެނޭޖްމަންޓް ސިސްޓަމެއް ޤާއިމުކުރެވި، މި ސިސްޓަމުގެ ޒަރީއާއިން ކޮންމެ ކޯލެއް ލޮގު ކުރެވި، ކަމާއިގުޅޭ ފަރާތްތަކާއި މަޢުލޫމާތު ހިއްސާކޮށް އާންމުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ހަރުދަނާ ވެގެން ދާނެކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، އަވަސްކަމާއި އިތުބާރާއި އެކު އެންމެ ފަސޭހަވާނެ ގޮތަކަށް ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަކީ އެ ވުޒާރާގެ އަމާޒުކަމަށެވެ. އަދި ރައްޔިތުންނާއި ގުޅިގެން މަސައްކަތްކޮށް ރައްޔިތުންނަށް ކުރިމަތިވާ މައްސަލަތަކުގެ ހައްލު ހޯދައުދިނުމަކީ ވުޒާރާގެ އަމާޒެވެ.