ޚަބަރު

ޣައްޒާގެ ޢާންމުންނަށް އަމާޒުކޮށް ޙަމަލާ ދިނުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން: ރަޝިއާ


އޮކްޓޫބަރު ހަތް ވަނަ ދުވަހު ޣައްޒާގެ ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ދިން ޙަމަލާއެއްގެ ބަދަލުގައި ކަމަށް ބުނެ ޔަހޫދީ ފައުޖުތަކުން ޣައްޒާގެ އާންމުންނަށް ޙަމަލާ ދިނުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސެގޭ ލަވްރޮވް ވިދާޅުވެއްޖެއެވެ. ޔަހޫދީން ޙިޞާރުކޮށްފައި އޮތް ޣައްޒާގެ ޙާލަތު ދެނެގަތުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުއަށް ލަވްރޮވް ވަނީ ގޮވައިލައިފައެވެ.

ޤަޠަރުގެ ވެރި ރަށް ދޯހާގައި ބޭއްވި މަހާސިންތާއަކަށްފަހު މީޑިއާތަކާ ވާހަކަފުޅުދައްކަވަމުން ލަވްރޮވް ވިދާޅުވީ ޙަމާސުން ޔަހޫދީންނަށް ކުއްލި ގޮތަކަށް ދިން ޙަމަލާއަކީ އެއްވެސް ސަބަބަކާއި ނުލައި ދިން ޙަމަލާތަކެއް ނޫން ކަމަށެވެ. ނަމަވެސް އެއީ ގާތްގަޑަކަށް ޤަރުނެއް ވަންދެން ޣައްޒާ ޙިޞާރުކޮށްފައި އޮތް އޮތުމުންނާއި، ފަލަސްޠީނުގެ އަމިއްލަ މިނިވަން ދަޢުލަތެއް އޮންނާނެ ކަމަށް ބުނެ އެތައް ދުވަހެއް ވަންދެން ވަޢުދުވަމުން އައި ވަޢުދު ފުއްދައިނުދިނުމުން ދިން ޙަމަލާއެއް ކަމަށް ލަވްރޮވް ވިދާޅުވިއެވެ.

ލަވްރޯވް ވާހަކަފުޅާ ގުޅިގެން ޔަހޫދީ ދަޢުލަތުގެ ބޮޑުވަޒީރު ބުންޔާމީން ނަތަންޔާހޫ ވަނީ ރަޝިއާގެ ރައީސް ވުލަމިޑިއަރ ޕުޓިންނަށް ފޯނުން ގުޅުއްވައި ޔަހޫދީންނާ ދެކޮޅަށް ރަޝިއާއިން ދައްކާފައިވާ ވާހަކަތަކާމެދު ނުރުހުން ފާޚުކުރައްވައިވައިފައެވެ.

އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން ޖައްބާރު ޔަހޫދީ ފައުޖުތަކުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް 18،000 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެތެރޭގައި ގިނައި ކުޑަކުދިންނާއި އަންހެނުންނެވެ.