ކުޅިވަރު

ސިފައިންގެ 19 އަހަރުވީ ރިކޯޑު ސާއިދު ސްޕޯޓްސްއިން މުގުރާލައިފި


32 ވަނަ ގައުމީ އެތުލެޓިކްސް ޗެންޕިއަންޝިޕުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ސާއިދު ސްޕޯޓްސްއިން ހޯދިއިރު، އަންހެން ބައިގެ ޗެމްޕިއަންކަން ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުން ހޯދައިފިއެވެ.

މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަކަން ސާއިދު ސްޕޯޓްސްއިން ހޯދިއިރު، މިއީ 2005 ވަނަ އަހަރު ފެށިގެން ބޭއްވުނު ގައުމީ މުބާރާތްތަކުގައި ޗެމްފިއަންކަން ހޯދި ސިފައިން އަތުން މި މަގާމު ގެއްލުނު ފުރަތަމަ ފަހަރެވެ. އަދި މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުން މި މަގާމު ވިދިވިދިގެން ހޯދި މިއީ ތިންވަނަ ފަހަރެވެ. އެޓީމުން އަންނަނީ އަންހެން ތަށި 2017 ވަނަ އަހަރުން ފެށިގެން ހޯދަމުންނެވެ. ޓްރެކް އެންޑް ފީލްޑުން ވަނީ ދާދިފަހުން ކުޅުދުއްފުށީގައި ބޭއްވި ޖޫނިއަރ އެތުލެޓިކްސްގެ ޗެމްޕިއަންކަންވެސް ހޯދާފައެވެ.

ތިން ދުވަހަށް ކުރިޔަށްދިޔަ މި އަހަރުގެ މުބާރާތުގައި ދެ ރިކޯޑެއް ފެނިގެންދިޔައިރު، މުބާރާތުގެ ރެކޯޑެއް އިއްޔެ މުގުރާލާފައިވަނީ އަންހެނުންގެ 400 މީޓަރު ދުވުމުގައެވެ. މުބާރާތުގެ ރެކޯޑެއް މިބައިގައި މުގުރާލީ ނަސީރު ސްޕޯޓްސް އެކެޑަމީން ވާދަކުރި ލަންކާ އެތުލީޓް ކަވިންދި ސަންޖްނާއެވެ. ދެން މުބާރަތުގައި ގައުމީ ރެކޯޑެއް ގާއިމުކުރީ މުބާރާތުގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ހޯދި ޓްރެކް އެންޑް ފީލްޑްގެ އައިޝަތު އައިނީ މުހަންމަދެވެ.

މުބާރާތުގައި ފިރިހެން އެންމެ މޮޅު އެތުލީޓަކީ ދިވެހި ސިފައިން ކުލަބުން ވާދަކުރި ހަސަން ސާއިދެވެ. ސާއިދު މި ފަހަރުގެ މޮޅު އެތުލީޓުގެ މަގާމު ހޯދިއިރު، އޭނާ ވަނީ 100 އާއި 200 މީޓަރުން ރަން މެޑަލް ހޯދައިފަ އެވެ. އެންމެ ފަހުން ދެ ފަހަރު ވެސް ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމު ހޯދާފައިވަނީ ދިވެހި ސިފައިންގެ ކްލަބްގެ ސާއިދު އެވެ. އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނު ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އައިނީ ވަނީ އަންހެނުންގެ ޑިސްކަސް އުކުމުންނާއި ޝޮޓް ޕުޓް އިވެންޓުން ރަން މެޑަލް ހޯދައިފަ އެވެ. މިއީ ފީލްޑް އިވެންޓްތަކުގައި ވާދަކޮށް އަންހެން އެތުލީޓަކު، ގައުމީ އެތުލެޓިކްސް މުބާރާތުގެ މޮޅު އެތުލީޓުގެ މަގާމު ހާސިލްކޮށް، ހޯދި ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.

މުބާރާތުގައި ފިރިހެނުންގެ 1500 މީޓަރު ދުވުމުން، އެއްވަނަ ހޯދީ ނަސީރު ސްޕޯޓްސްއިން ވާދަކުރި ސްރީ ލަންކާގެ ހަބަރަކަޑަ އަރަޗީލާގޭ އެވެ. އޭނާގެ ޓައިމިން އަކީ 3 މިނިޓް 58.32 އެވެ. ދެވަނައަށް ދިޔަ ދިވެހި ސިފައިންގެ ކްލަބްގެ ހުސެއިން ފަޒީލް ހާރޫންގެ ޓައިމިން އަކީ 4 މިނިޓް 3.59 އެވެ. ފަޒީލް ވަނީ 5000 މީޓަރު ދުވުމުން އެއްވަނަ ހޯދައިފައެވެ. އެއީ 15 މިނިޓް 50.95 އިން ދުވެގެންނެވެ. ދެވަނައަށް ދިޔައީ އައިލެންޑް ރަނާސްއިން ދުވި ޔޫސުފް އިބްރާހިމވެ. އޭނާގެ ޓައިމިން އަކީ 16 މިނިޓް 51.12 ސިކުންތެވެ. މުބާރާތުގައި 100 މީޓަރާއި 200 މީޓަރުގެ އަންހެން ބައިން، އެއްވަނަ ހޯދި ޝަރީފް ސްޕޯޓްސްގެ އަހްނާ ނިޒާރަށް މިއީ ރަނގަޅު މުބާރާތެކެވެ.

މެދުކެނޑުމަކަށް ފަހު ދުވުމުގެ ތެރެއަށް އެނބުރި އައިސް، ރަނގަޅު ޓްރެއިނިން އަކަށް ފަހު، ސާއިދު ސްޕޯޓްސްގެ މުހައްމަދު ނާއިލް ވަނީ 400 މީޓަރު ދުވުމުން އެއްވަނަ ހޯދައިފައެވެ.

މި ފަހަރުގެ ގައުމީ އެތުލެޓިކްސް މުބާރާތުގައި ޖުމްލަ އެކު، 20 ކްލަބަކުން 214 އެތުލީޓުން ވަނީ ވާދަކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ، 132 ފިރިހެން އެތުލީޓުންނާއި 82 އަންހެން އެތުލީޓުންނެވެ. މި ފަހަރުގެ މުބާރާޓުގައި ރާއްޖޭގެ ތިން ސިޓީއަކުން ޓީމުތައް ވަނީ ވާދަކޮށްފައެވެ.