ޚަބަރު

ބަޖެޓް ބަހުސް ފަށައިފި، އަމާޒަކީ މާދަމާއަށް ބަހުސް ނިންމުން


  • ބަޖެޓް ބަހުސް މިއަދާއި މާދަމާ ކުރުމަށް ވަނީ ތައާވަލުކޮށްފަ

  • މާދަމާގެ ޖަލްސާއަށް މާލީ ވަޒީރު ވަޑައިގަންނަވާނެ

  • އަންނަ އަހަރަށް ދައުލަތުން ލަފާކުރަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް

އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓުގެ ބަހުސް މާދަމާގެ ނިޔަލަށް ނިންމާލަން އަމާޒު ހިފައިފިއެވެ.

ކޮންމެ އަހަރަކުވެސް ދައުލަތުން ލަފާކުރާ ބަޖެޓު މަޖިލީހަށް ހުށަހެޅުމުން، ބަޖެޓް ދިރާސާ ކުރެއްވުމަށް މެމްބަރުންނަށް 7 ދުވަސް ދިނުމަށްފަހު ބަޖެޓް ބަހުސް ފަށައެވެ. ބަޖެޓް ބަހުސް ފެށީ މިއަދުއެވެ. އަދި މިރޭގެ 10 ޖެހުމާއި ހަމައަށް ބަހުސް ކުރިއަށް ގެންދިއުމަށް ވަނިންމާފައެވެ. އަދި މިއަދާއި މާދަމާވެސް ބަޖެޓަށް ބަހުސް ކުރިއަށް ގެންގޮސް ބަހުސް ނިންމާލުމަށް އަޟާޒުކޮށްފައިވާކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

އާންމު ކޮމިޓީން ނިންމާފައިވަނީ ބަޖެޓް ބަހުސްގައި ކޮންމެ މެމްބަރަކަށް 15 މިނިޓްގެ ވަގުތެއް ދިނުމަށެވެ. އަދި ކޮމެޓީން ބަޖެޓް ފާސް ކުރުމަށްފަހު ކޮމެޓީ ރިޕޯޓަށް ބަހުސް ކުރުމަށް 7 މިނިޓްގެ ފުރުސަތެއް ދިނުމަށް ވަނީ ނިންމާފައެވެ.

ބަޖެޓްގެ ބަހުސްއަށްފަހު މެމްބަރުންގެ ވާހަކަފުޅުތަކަށް ޖަވާބު ދެއްވުމަށް މާލީ ވަޒީރު މުހައްމަދު ޝަފީގަށް 45 މިނިޓްގެ ވަގުތެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ވަޒީރު ބަޖެޓާއި ގުޅޭގޮތުން މެމްބަރުން ދައްކަވާ ވާހަކަތަކަށް ޖަވާބުދާރީވުމަށް މާދަމާގެ ޖަލްސާއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވަނީ 49.5 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ޤާނޫނުގައި ބުނާގޮތުން މިމަސް ނިމުގެ ކުރިން މަޖިލީހުން ބަޖެޓް ފާސްކުރަން ޖެހެއެވެ.