ޚަބަރު

ވަޒީރުންގެ މަޖިލީހަށް ރުހުން ހޯދުމަށްޓަކާ މަޖިލީހަށް ފޮނުއްވައިފި


  • ވަޒީރުންގެ މަޖިލިސް އެކުލަވާލައްވާ ހުވާކުރައްވާފައިވަނީ މިމަހު 17 ގައި

  • އައު ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައި 22 ވަޒީރުން ތިއްބަވާ

  • ވަޒީރުންގެ މަޖިލިސް އެކުލަވާލާތާ 7 ދުވަހުގެ ތެރޭގައި ރުހުން ހޯދަން ފޮނުވަންޖެހޭ

ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޢައްޔަންކޮށްފައިވާ 22 ބޭފުޅުންނަށް ރުހުން ހޯދުމަށްޓަކާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ޢައްޔަންކޮށްފައިވާ 22 ބޭފުޅުންގެ ނަންފުޅު، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި މަޖިލީހަށް މިއަދު ފޮނުއްވާފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް މެންބަރުން ޢައްޔަނު ކުރައްވާފައިވަނީ 17 ނޮވެންބަރު 2023 ވީ ހުކުރުދުވަހުގެ ރެއެވެ. އައު ސަރުކާރުގެ ވަޒީރުންގެ މަޖިލިސް އެކުލެވިގެންވަނީ 22 ބޭފުޅުންގެ މައްޗަށެވެ. ރިޔާސީ އައު ދައުރާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަލަށް 4 ވުޒާރާއެއް އުފައްދަވާފައެވެ. އަދި ކުރިންވެސް ހިންގަވަމުން ގެންދެވި 9 ވުޒާރާއެއްގެ ނަމަށް ބަދަލުގެންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އަލަށް އުފެއްދެވި ވުޒާރާތަކަކީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާ، ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާގެ އިތުރުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާއެވެ.

ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން:

· ދިފާޢީ ވަޒީރު - މުޙައްމަދު ޣައްސާން މައުމޫން
· ޚާރިޖީ ވަޒީރު - މޫސާ ޒަމީރު
· ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު - ޢަލީ އިޙްސާން
· މާލީ ވަޒީރު - ޑރ. މުޙައްމަދު ޝަފީޤް
· ތަޢުލީމީ ވަޒީރު - ޑރ. އިސްމާޢީލް ޝަފީޢު
· ޞިއްޙީ ވަޒީރު - ޑރ. ޢަބްދުالله ޚަލީލް
· އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު - މުޙައްމަދު ސަޢީދު
· މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވަޒީރު - އަޙްމަދު ޝިޔާމް
· ބަންޑާރަ ނައިބު - އަލްއުސްތާޛު އަޙްމަދު އުޝާމް
· އިސްލާމީކަންތައްތަކާބެހޭ ވަޒީރު - ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
· ފަތުރުވެރިކަމާބެހޭ ވަޒީރު - އިބްރާހީމް ފައިޞަލް
· އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު - ޑރ. ޢާއިޝަތު ޝިހާމް
· ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު - ޢަބްދުالله ރާފިޢު
· މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވަޒީރު - ޠާރިޤު އިބްރާހީމް
· ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާބެހޭ ވަޒީރު - ޑރ. ޢަލީ ހައިދަރު އަޙްމަދު
· ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު - މުޙައްމަދު އަމީން
· ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު - އާދަމް ނަޞީރު އިބްރާހީމް
· މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި، ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު - ޑރ. މަރްޔަމް މާރިޔާ
· އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު - ޑރ. ޢަބްދުالله މުއްޠަލިބް
· ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރު - ޑރ. ޢާއިޝަތު ރަމީލާ
· ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާބެހޭ ވަޒީރު - އިބްރާހީމް ވަޙީދު
· ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވަޒީރު - އާދަމް ޝަރީފް


ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ 129 ވަނަ މާއްދާގައިވާގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފިޔަވައި، ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރާ އެހެން މެންބަރުން އެ މަޖިލީހަށް ޢައްޔަންކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދާންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މީހުންގެ ނަންތައް، އެމީހުން ޢައްޔަންކުރެވޭ ދުވަހުން ފެށިގެން 7 ދުވަހުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި އެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.