ޚަބަރު

ސާކްގެ ސެކްރެޓަރީ ޖެނެރަލް ރައީސްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި


  • ރާއްޖެ ވަޑައިގެންނެވީތީ ސެކްރެޓަރީ ޖެނެރަލަށް ޝުކުރުއަދާކުރެއްވި

  • މި ސަރުކާރަކީ އުޖާލާ މުސްތަޤްބަލެއް އޮތް ސަރުކާރެއްކަމަށް އެސްޖީ ވިދާޅުވި

ސައުތު އޭޝިއަން އެސޯސިއޭޝަންސް ފޮރ ރީޖަނަލް ކޯޕޮރޭޝަން، ސާކްގެ ސެކްރެޓަރީ ޖެނެރަލް ގޯލަމް ސަރުވާރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހުކުރު ދުވަހު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވައި ކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ދަޢުވަތު ޤަބޫލުފުޅު ކުރައްވައި ރާއްޖެ ވަޑައިގެންނެވީތީ ސެކްރެޓަރީ ޖެނެރަލަށް ޝުކުރުއަދާކުރައްވާފައެވެ.

މިއަދުގެ ބައްދަލުވުމުގައި ސާކްގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ދެއްވި ފުރަތަމަ ތަޤުރީރަކީ، ހަރުދަނާ، އުއްމީދީ، އަދި ފުރިހަމަ ތަޤުރީރެއްގެ ގޮތުގައި ސިފަކުރައްވައި، މި ސަރުކާރަކީ އުޖާލާ މުސްތަޤްބަލެއް އޮތް ސަރުކާރެއްކަމަށް ޔަޤީން ކުރައްވައި ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ އާއި ސާކްގެ ސެކްރެޓަރީ ޖެނެރަލް ވަނީ ސަރަޙައްދީ ޤައުމުތަކުގެ ކުރިއެރުމަށް ސާކްގެ ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ސާކް ޤައުމުތަކުން ގުޅިގެން މަޝްވަރާ ކުރުމުގެ މުހިންމުކަމުގެ މައްޗަށް ދެބޭފުޅުން އަލިއަޅުއްވާލެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން، ސާކްގެ މެންބަރު ޤައުމުތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ރާއްޖެއިން އަބަދުވެސް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ސާކްގެ ސެކްރެޓަރީ ޖެނެރަލްއަށް ދެއްވިއެވެ.