ޚަބަރު

ހުވާކުރެއްވުމުގެ ރަސްމިއްޔާތަށްފަހު، ސްރީލަންކާގެ ރައީސްގެ ދެކަނބަލުން ފުރާވަޑައިގެންފި


  • ސްރީލަންކާގެ ރައީސް ރާއްޖެވަޑައިގަތީ މިމަހުގެ 16 ވަނަ ދުވަހު

  • ދެ ޤައުމުގެ ދެމެދު ގުޅުން ބަދަހިކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވި

  • ލަންކާއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމުގެ ދަޢުވަތު ރައީސަށް އެރުވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަގެ ދެކަނބަލުން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފިއެވެ.

ސްރީލަންކާގެ ރައީސްގެ ދެކަނބަލުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އަލްވަދާއު ވިދާޅުވީ، އައު ސަރުކާރުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރެވެ.

ސްރިލާންކާގެ ރައީސްގެ ދެކަނބަލުން ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުވާކުރެއްވުމަށް ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި، ބޭރުގެ ޢިއްޒަތްތެރިންގެ ޝަރަފްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ކުރުނބާ މޯލްޑިވްސްގައި ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުމުގައިވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ހަމައެހެންމެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ބައްދަލުކުރައްވާ، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގެ ތެރެއިން ސްރީލަންކާގެ ރައީސް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ފަސޭހަފުޅު ވަގުތެއްގައި ސްރީލަންކާއަށް ފުރަމާނަ ދަތުރުފުޅެއްކުރެއްވުމަށް ދަޢުވަތު އަރުވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ދަޢުވަތު ޤަބޫލުފުޅުކުރައްވާފައެވެ.

ރަނިލް ވިކްރަމަސިންގހާގެ މިދަތުރުފުޅަކީ އެމަނިކުފާނު ރާއްޖެއަށް ކުރެއްވި 3 ވަނަ ރަސްމީ ދަތުރުފުޅެވެ. އެންމެ ފަހުން އެމަނިކުފާނު ރާއްޖެވަޑައިގެންފައިވަނީ 2019 ވަނަ އަހަރު ސްރީލަންކާގެ އޭރުގެ ބޮޑުވަޒީރުގެ މަޤާމުގައި ހުންނަވައިގެންނެވެ.