ޚަބަރު

ރާއްޖޭގެ އައު ނައިބު ރައީސް: ހިންގުންތެރި ޒުވާން ލީޑަރެއް


  • ނައިބު ރައީސްކަން ކުރައްވާ އެންމެ ޒުވާން އެއް ބޭފުޅާ

  • ވިޔަފާރީގެ ދާއިރާއިން މާސްޓަރސް ހައްދަވާފައިވޭ

  • ފަރެސްމާތޮޑާ ދާއިރާގެ މެންބަރުކަން ދެ ދައުރުކުރެއްވި

  • ކުރު މުއްދަތެއްގެ ތެރޭގައި ރައްޔިތުންގެ އިތުބާރާއި ލޯބި ހޯއްދެވި

އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފަކީ ރާއްޖޭގެ ޖުމްހޫރީވެރިކަމުގެ ތާރީޚުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މައްސޫލިއްޔަތުތަކާއި ޙަވާލުވެވަޑައިގަންނަވާނެ އެންމެ ޒުވާން އެއް ބޭފުޅާއެވެ. އެމަނިކުފާނަކީ ތަޢުލީމީ، ޤާބިލް ހިންގުންތެރި ބޭފުޅެކެވެ.

ގދ. ފަރެސްމާތޮޑައަށް އުފަން އެރަށު ނޫވިލާގޭ އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ޕްރައިމަރީ ތަޢުލީމު ޙާޞިލުކުރެއްވީ، ޢަރަބިއްޔާ ސްކޫލުންނެވެ. އަދި ސެކަންޑަރީ ތަޢުލީމު ފުރިހަމަކުރެއްވީ، މައުޙަދުއް ދިރާސާތުލް އިސްލާމިއްޔާއިންނެވެ. އެމަނިކުފާނު ފާހަގަކުރެވިފައިވަނީ ސްކޫލް ދައުރުގައިވެސް ކިޔެވުމާއި އެއްވަރަށް އިތުރު ހަރަކާތްތައް ޝަޢުގު ހުންނަ އަދި އެކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވި ވަރަށް ހަރަކާތްތެރި ބޭފުޅެއްގެ ގޮތުގައެވެ.

ވަކިން ޚާއްސަކޮށް ބަހާއި އަދަބިއްޔާތާއި، ކުޅިވަރަށް ޚާއްސަ ޝަޢުގުވެރިކަމަކާއި ލޯތްބެއް ހުރި ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން އެކި ކަހަލަ ބަހުސް މުބާރާތްތަކާއި ސްކޫލް ކުދިންގެ ވާހަކަދެއްކުމުގެ މުބާރާތްތަކުގައި އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ކުޅިވަރުގެ ރޮނގުން ބަލާއިރު، ފުޓުބޯޅައާއި ވޮލީބޯޅަ ކުޅުއްވާ އުޅުއްވިއެވެ.

އެމަނިކުފާނަކީ ރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ގަވާއިދުތައް ރަނގަޅަށް ދެނެވަޑައިގެން ހުންނެވި، ބައިނަލްއަޤްވާމީ މުއާހަދާތަކަށް ލޯހުޅުވިފައިވާ ދިވެހި، އިނގިރޭސި އަދި ޢަރަބިބަހަށް ފަރިތަ ބޭފުޅޭކެވެ.

އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފުގެ ތަޢުލީމީ ވަނަރަވަށް ބަލާއިރު، އެމަނިކުފާނު ވަނީ މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން ސޯޝަލް ސަރވިސް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލުކުރައްވާފައެވެ. ހަމައެހެންމެ އިނގިރޭސިވިލާތުގެ އެންގްލިއާ ރުސްކިން ޔުނިވަރސިޓީން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޑިޕްލޮމާ އަދި ހަމަ އެދާއިރާއިން މާސްޓަރސް ފުރިހަމަކުރައްވާފައެވެ.

އެމަނިކުފާނަކީ ހިންގުމުގެ ދާއިރާގައި މަސައްކަތްޕުޅު ކުރައްވާ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ހިންގުންތެރި ބޭފުޅެކެވެ. އެގޮތުން ވަޒީފާގެ މައިދާނުގައި އެމަނިކުފާނު އަދާކުރެއްވި މަޤާމުތަކުގެތަކުގެ ތެރޭގައި ހުޅުމާލޭ ހޮސްޕިޓަލްގެ ސެކްރެޓެރީގެ މަޤާމާއި، މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ހިޔުމަން ރައިޓްސްގައި ސީނިއަރ ސޯޝަލް ސަރވިސް ވޯކަރެއްގެ މަޤާމު ހިމެނެއެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ އެސިސްޓެންޓް އިންވެސްޓިގޭޝަން އޮފިސަރެއްގެ މަޤާމާއި، ފުޓުބޯޅަ އެސޯސިއޭޝަންގެ ނައިބުކަންވެސް އަދާކުރައްވާފައެވެ.

ރާއްޖޭގެ ސިޔާސީ މައިދާނުގައި އެމަނިކުފާނު ހަރަކާތްތެރިވެވަޑައިގަންނަވަން ފެށްޓެވީ 2014 ވަނަ އަހަރުގައެވެ. އެގޮތުން އެމަނިކުފާނު އެ ދާއިރާއަކަށް ނިސްބަތްވެވަޑައިގަންނަވާ ފަރެސްމާތޮޑާގެ ރައްޔިތުންގެ ލާބަޔާ މަންފާއަށް އަދި ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމުގެ ރޫޙާއެކު 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވާދަކުރައްވާ އެދާއިރާގެ ގޮނޑި އެމަނިކުފާނު ކާމިޔާބުކުރެއްވިއެވެ.

އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ފާހަގަކުރެވެނީ ރައްޔިތުންނާއި ގުޅުންހުރި މުހިންމު މައްސަލަތަކުގައި މަޖިލީހުގެ ތަޅުމުގައި ވަކާލާތުކުރައްވާ، ދޫފަރިތަ ބޭފުޅެއްގެ ގޮތުގައެވެ.

ސިޔާސީގޮތުން ލިބިވަޑައިގެންނެވި ތަޖުރިބާއާއެކު އެމަނިކުފާނުގެ މަސައްކަތްޕުޅު ދާއިރާގެ ރައްޔިތުން ބަލައިގެންކަން އެންމެ ބޮޑަށް ހާމަވެގެންދާ ސަބަބަކީ 18 ވަނަ ރައްޔިތުންގެ މަޖިލިސް ނިމި، 19 ވަނަ މަޖިލީހުގައިވެސް ހަމަ ފަރެސްމާތޮޑާ ދާއިރާ ތަމްޞީލުކުރެއްވުމުގެ ފުރުޞަތު ދާއިރާގެ ރައްޔިތުންގެ ފުރިހަމަ ތާއީދާއެކު އެމަނިކުފާނަށް ލިބިވަޑައިގަތުމެވެ.

ރާއްޖޭގެ ޖުމްހޫރީ ވެރިކަމުގެ ތާރީޚަށް ބަލާއިރު، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މައިގަނޑު މައްސޫލިއްޔަތުތަކާއި، ޒިންމާތައް ބޮޑަށް ޚާއްސަ ކުރެވިފައިވަނީ އިޖްތިމާޢީ ދާއިރާއާއި ގުޅުންހުރި މަސައްކަތްޕުޅުތަކެވެ. ކުރައްވަނީ އިޖްތިމާޢީ ދާއިރާގެ މެންޑޭޓުގައި ހިމެނިވަޑައިގަންނަވާ މަސައްކަތްޕުޅުތަކެވެ.

އެހެންނަމަވެސް އައު ސަރުކާރާއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ޒިންމާތައް ވަނީ އިތުރުކުރައްވާފައެވެ. އިޖުތިމާޢީ ދާއިރާއާއި ގުޅޭ މަސައްކަތްޕުޅުތަކުގެ އިތުރުން، ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ކަންކަން ތަންފީޒްކުރެވޭ ގޮތް ބެލެހެއްޓެވުމުގެ ޒިންމާއާއިވެސް ޙުސައިން މުޙައްމަދު ލަޠީފް ހަވާލުވެވަޑައިގަންނަވާނެއެވެ.

ކުރު މުއްދަތެއްގެ ތެރޭގައި ރައްޔިތުންގެ އިތުބާރާއި ލޯބި ހޯއްދަވާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަޤާމާއި އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ޙަވާލުވެވަޑައިގަންނަވާއިރު، އެމަނިކުފާނާއިމެދު ފުރިހަމަ އިތުބާރު އެބައޮތްކަމަށް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ. އަދި އެމަނިކުފާނަށް އެ ފުރުޞަތު ދެއްވީ އެމަނިކުފާނަކީ ޒުވާން، ތަޢުލީމީ، ޤާބިލް ޚިދުމަތްތެރިއަކަށްވާތީކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.