ޚަބަރު

އީވާ މިއަދުވެސް ސަލާމުގައި، ޖަލްސާ ކުރިއަށް ނުގެންދެވި ދެ ހަފްތާ


  • ރައީސް ނަޝީދު މަޤާމުން ވަކިކުރުގެ މައްސަލަ މިދިޔަ 2 ހަފްތާގައިވެސް ވަނީ އެޖެންޑާކޮށްފައި

  • ނަމަވެސް ނާއިބު ރައީސް ސަލާމުގައި ހުންނެވުމުން އެއްވެސް ޖަލްސާއެއް ބޭއްވިފައި ނުވޭ

  • މިއަދުވެސް އީވާ ސަލާމުގައި ހުންނެވުމުން މައްސަލަ ކުރިއަށް ގެންދެވޭގޮތެއް ނުވި

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ މިއަދުވެސް ސަލާމުގައި ހުންނެވުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް މުޙައްމަދު ނަޝީދު ވަކިކުރެއްވުމަށް ހުށައަޅުއްވާފައިވާ ޤަރާރުގެ މައްސަލަ ކުރިއަށް ނުގެންދެވި ޖަލްސާ ކެންސަލް ކޮށްފިއެވެ.

މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރެއްވުމަށް އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވާ ހުށައަޅުއްވާފައިވާ މައްސަލައިގެ 14 ދުވަހުގެ ނޯޓިސް ހަމަވެ، ކޮންމެ ދުވަހެއްގެ ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް އީވާ ސަލާމުގައި ހުންނަވާތީ މިޖަލްސާ ބޭއްވޭ ގޮތެއް ވަނީ ނުވެފައެވެ. އީވާ ސަލާމުގައި ހުންނެވީ ޑެންގީ ޖެހިވަޑައިގެން އާލާސްކަންފުޅާ އުޅުއްވާތީއެވެ. އީވާ ވަނީ އާލާސްކަންފުޅާ އުޅުއްވާތީ، މެޑިކަލް ސެޓްފިކެޓާއި ބްލަޑް ރިޕޯޓްތައްވެސް މަޖިލީހާ ހިއްސާކުރައްވާފައެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަގައި ރިޔާސަތު ބަލަހައްޓަވަންޖެހޭނީ މަޖިލީހުގެ ނައިބު ރައީސްއެވެ. މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތެއްގައި ކަންކުރަންވީ ގޮތެއް މަޖިލީހުގެ ގަވާއިދުގައި ހިމަނާފައެއްނުވެއެވެ.

ނަމަވެސް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވިދާޅުވެފައިވަނީ މަޖިލީހުގެ ރައީސާއި ނާއިބު ރައީސް ރިޔާސަތު ނުބެލެހެއްޓޭ ހާލަތުގައިވެސް މަޖިލިސް ކުރިއަށް ގެންދެވޭނެކަން މަޖިލީހުގެ ޤަވާއިދުގައި ބަޔާންކުރާކަމަށެވެ. އެގޮތުން މަޖިލީހުގެ ޤަވާއިދުގެ 44 ވަނަ މާއްދާގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓޭނަމަ މަޖިލީހުގެ ރައީސް ކަނޑައަޅުއްވާ މެންބަރަކު ރިޔާސަތު ބަލަހަންޓަން ވާނެކަމަށް ބަޔާންކުރާ މާއްދާ މެންބަރުން ފާހަގަކުރައްވައެވެ. އަދި އެ މެމްބަރަކީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރަށް ވާންޖެހޭނެކަމަށްވެސް އެ މާއްދާގައިވެއެވެ. މި ގޮތުން މިހާތަނަށް މަޖިލީހުގައި ރައީސާއި ނައިބު ރައީސް ރިޔާސަތުގައި ވަޑައިގެން ނެތް ދުވަސްތަކުގައި ރިޔާސަތު ބަލަހައްޓަވަމުން ގެންދެވީ ވިލުފުށީ ދާއިރާގެ މެމްބަރު ޙަސަން ޢަފީފުވެ.

އެމްޑީޕީން ވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅަފައިވާ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށައަޅުއްވާފައެވެ. އެމައްސަލައިގެ ފުރަތަމަ އަޑު އެހުން މާދަމާ ހެނދުނު 9:30 އަށް ވަނީ ތާވަލް ކޮށްފައެވެ.

އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުގެ މެންބަރުން ވިދާޅުވަމުން ގެންދަވަނީ މަޖިލީހުގެ ރައީސްއާއި ނާއިބު ރައީސް ނެތި މަޖިލިސް ހުއްޓުވާފައި ބޭއްވޭނެ ގޮތެއް ޤަވާއިދުގައިވެސް ނެތްކަމަށެވެ. މަޖިލިސް ރައީސްގެ މައްސަލަ ކުރިއަށް ނުގެންދާތީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓްގެ މަސައްކަތްތަކާއި، މަޖިލީހުގައި ހުރި އެހެން މަސައްކަތްތައްވެސް ވަނީ ހުއްޓިފައެވެ.