ޚަބަރު

ރައީސް ނަޝީދުގެ މައްސަލައިގައި ސުޕްރީމް ކޯޓުގެ އަޑުއެހުމެއް ހޯމަ ދުވަހަށް


  • އެމްޑީޕީއިން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތީ 30 އޮކްޓޯބަރުގައި

  • އަޑުއެހުން ތާވަލުކޮށްފައިވަނީ ހޯމަ ދުވަހުގެ 10:00 އަށް

  • މައްސަލަ ހުށައެޅީ ޖަލްސާ ކުރިއަށް ގެންދެވޭނެ ގޮތެއް ނެތުމުން

  • މި މައްސަލަ ނިންމުމަށްފަހު ނޫނީ އެހެން ކަމެއް ކުރިއަށް ނުގެންދެވޭނެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީއިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންނަ ހޯމަ ދުވަހަށް ތާވަލްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތެއް ހޯދަން އެމް.ޑީ.ޕީއިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ އެކޯޓަށް ބަލައިގެންފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިމަހުގެ 6 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ތާވަލުކޮށް، އެ އަޑެހުމަށް މިހާރު ވަނީ ޗިޓް ފޮނުވައިފައެވެ. މި މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ ބެންޗަކުންނެވެ. އގޮތުން މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ތެރޭގައި ފަނޑިޔާރު އަލްއުސްތާޛް މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އަލްއުސްތާޛް ޙުސްނުއްސުޢޫދު، ފަނޑިޔާރު އަލްއުސްތާޛް ޢަލީ ރަޝީދު ޙުސައިން، އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ހިމެނިވަޑައިގަންނަވައެވެ.

އެމްޑީޕީއިން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލާގައި ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލުކުރާ ޖަލްސާއަށް ނައިބު ރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއަށް އަމަލު ކުރަންޖެހޭ ގޮތަށް މާނަކޮށްދިނުމަށެވެ. އަދި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށް ފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް މާނަކޮށްދެއްވުމަށްވެސް އެމްޑީޕީއިން ވަނީ ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލާގައި އެދިވަޑައިގެންފައެވެ.

މީގެ އިތުރުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވަނިކޮށް، އެ މައްސަލަ ކުރިއަށް ނުގެންގޮސް އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެކަން މަޖިލީހުގެ ގަވާއިދުގެ 205 މާއްދާގެ (ރ) އެނގޭކަމަށް ވެސް އެމްޑީޕީއިން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލާގައި ބަޔާންކުރެއެވެ.

މަޖިލީހުގެ ގަވާއިދުގެ އެ މާއްދާގައި ބުނެފައިވަނީ، މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށައެޅުމަށްފަހު އެވަގުތު މަޖިލީހަށް ހުށައެޅިގައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސްކުރެވޭނީ ނުވަތަ ގޮތެއް ނިންމަންވާނީ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރާމެދު ގޮތެއް ނިންމުމަށްފަހުކަމަށެވެ.

އެހެންކަމުން އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުންވަނީ މަޖިލީހުގައި އިތުރު މަސައްކަތެއް ކުރިއަށް ގެންދެވޭނީ ރައީސް ނަޝީދު މަޤާމުން ވަކިކުރުމުގެ މައްސަލައަށް ގޮތެއް ނިންމުމަށްފަހުކަމަށް ވިދާޅުވެފައެވެ.

މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރެއްވުމަށް އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވާ ހުށައަޅުއްވާފައިވާ މައްސާލައިގެ 14 ދުވަހުގެ ނޯޓިސް ހަމަވެ، އެ މައްސަލަ އޮކްޓޯބަރު 29 ވަނަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކުރިއެވެ. ނަމަވެސް އެ ޖަލްސާއަށް މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ސަލާމް ވިދާޅުވެފައިވާތީ ޖަލްސާ ވަނީ ކެންސަލްކޮށްފައެވެ. އަދި ޖެހިގެން އައި ދުވަހުގެ ޖަލްސާއަށްވެސް އެ މައްސަލަ އެޖެންޑާކުރުމަށްފަހު އީވާ ސަލާމުގައި ހުންނެވުމުން ވަނީ ކެންސަލް ކުރައްވާފައެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަގައި ރިޔާސަތު ބަލަހައްޓަވަންޖެހޭނީ މަޖިލީހުގެ ނައިބު ރައީސްއެވެ. މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތެއްގައި ކަންކުރަންވީ ގޮތެއް މަޖިލީހުގެ ގަވައިދުގައި ހިމަނާފައެއްނުވެއެވެ. މަޖިލީހުގެ ޤަވާއިދު އެގޮތަށް ބަޔާންކުރާތީ، ޖަލްސާ ކުރިއަށްގެންދެވޭނީ މަޖިލީހުގެ ނާއިބު ރައީސަށްކަމަށް މަޖިލީހުގެ އަމީން ޢާންމު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އެމްޑީޕީގެ ޤާނޫނީ ޓީމުން ވަނީ ޢަމީން ޢާންމުގެ ނިންމުން ޤާނޫނު އަސާސީގެ 82 ވަނަ މާއްދާއާއި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއާ ޚިލާފުކަމަށް ވިދާޅުވެފައެވެ. މަޖިލީހުގެ ޤަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާންކުރަނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓޭނަމަ މަޖިލީހުގެ ރައީސް ކަނޑައަޅުއްވާ މެންބަރަކު ރިޔާސަތު ބަލަހަންޓަން ވާނެކަމަށެވެ. އަދި އެ މެމްބަރަކީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރަށް ވާންޖެހޭނެކަމަށްވެސް އެ މާއްދާގައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެއްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް އެމް.ޑީ.ޕީއިން ސުޕްރީމް ކޯޓަށް ހުށައަޅަފައިވާ މައްސަލައަށް، އެމަނިކުފާނު މިހާރު ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްއިން ތަދައްހުލްވާން ވަނީ ނިންމާފައެވެ.