ދުނިޔޭގެ ވިޔަފާރި

26 އަހަރަށްފަހު ޤަތަރު އެއަރވޭސްގެ ސީއީއޯ މަޤާމުން އިސްތިއުފާދެއްވަނީ


  • އަކްބަރް އަލްބަކްރް އެ މަޤާމާއި ހަވާލުވެވަޑައިގެންނެވީ 1997 ވަނަ އަހަރު

  • މަޤާމުން އިސްތިއުފާދެއްވާނީ އަންނަމަހުގެ 5 ދުވަހު

  • އިސްތިއުފާދެއްވާ ސަބަބެއް ހާމައެއް ނުކުރައްވާ

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އަދި އެންމެ ބޮޑު އެއަރލައިންތަކުގެ ތެރޭގައި ހިމެނޭ ޤަތަރު އެއަރވޭސްގެ ޗީފް އެގްޒެކްޓިވް އޮފިސަރ، ސީއީއޯގެ މަޤާމުގައި މިދިޔަ 26 އަހަރު ހުންނެވި އަކްބަރް އަލްބަކްރް އެ މަޤާމުން އިސްތިއުފާދެއްވުމަށް ނިންމައިފިއެވެ.

ޤަތަރު އެއަރވޭސްގެ ސީއީއޯގެ މަގާމާއި 1997 ވަނަ އަހަރު ހަވާލުވެވަޑައިގެންނެވި އަކްބަރު، އެ މަޤާމުން އިސްތިއުފާދެއްވުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 5 ދުވަހުއެވެ. މީގެކުރިން މިކަމާއި ގުޅޭ އެއްވެސް ވާހަކައެއް ދެއްކުމެއް ނެތި މަޤާމުން އިސްތިއުފާދެއްވަން އޭނާ ނިންމެވުންވީ ގިނަ ބަޔަކަށް ހައިރާންކަން ގެނުވިކަމެއްކަމަށް ހަބަރުތައް ބުނެއެވެ.

ޤަތަރު އެއަރވޭސްގެ ސީއީއޯގެ މަޤާމުން އަކްބަރް އިސްތިއުފާދެއްވާ ސަބަބެއް އޭނާވެސް އަދި އެއަރލައިނުންވެސް ހާމަކޮށްފައެއް ނުވެއެވެ. ޤަތަރު އެއަރވޭސްއިން ބުނީ އަކްބަރުގެ ބަދަލުގައި އެ މަޤާމަށް އައްޔަންކުރުމަށް ނިންމާފައިވަނީ ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަ ދޯހާ ހަމަދު އެއަރޕޯޓްގެ ސީއީއޯގެ މަޤާމުގައި ހުންނެވި މުހައްމަދު އަލްމީރްއެވެ.

ޤަތަރު އެއަރވޭސްގެ ސީއީއޯގެ މަޤާމުން އިސްތިއުފާދެއްވުމަށް ނިންމާފައިވަނީ އަކްބަރަކީ އެ އެއަރލައިން ކޮޅަށްޖަހައި، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއަރލައިނަށް ހެއްދެވުމުގައި މުހިއްމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އަދި އޭނާއަކީ އޭވިއޭޝަން ދާއިރާގައިވެސް ނުފޫޒުގަދަ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.