ޚަބަރު

ޕާކިސްތާނުގެ ސަފީރަކަށް ނަޖީހާ ހަމަޖައްސަން މަޖިލީހަށް


  • ޚަދީޖާ ނަޖީޙާ ޕާކިސްތާނުގެ ސަފީރުކަމަށް އައްޔަން ކުރުމަށް ފޮނުވީ އިއްޔެ

  • އޭނާގެ މައްސަލަ ދިރާސާކުރުމަށް ވަނީ ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީއަސް ފޮނުވާފަ

  • ޚަދީޖާ ނަޖީޙާ އަކީ 1999 ވަނަ އަހަރުން ފެށިގެން ޚާރިޖީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅެއް

ދިވެހި ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅާ އައު ސަފީރަކަށް ހ.ސެލީނާ، ޚަދީޖާ ނަޖީޙާ އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ޕާކިސްތާނުގެ ސަފީރަކަށް ނަޖީޙާ އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ފޮނުއްވި ސިޓީފުޅު މިއަދު މަޖިލީއަށް ވަނީ އިއްވާފައެވެ. ޚަދީޖާ ސަފީރުކަމަށް އައްޔަން ކުރެއްވުމުގެ މަސަކައްކަތް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީއަށް ވަނީ ފޮނުވާފައެވެ.

ރާއްޖޭގެ ޚާރިޖީ ދާއިރާގައި 1999 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުންދާ ނަޖީޙާ ވަނީ ފޮރިން މިނިސްޓްރީގެ އެކި ވަޒީފާތަކާއި ބޭރުގެ އެކި ޤައުމުތަކުގައި ޚާރިޖީ ދާއިރާއާއި ގުޅުންހުރި މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ. ނަޖީޙާއަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވާފައިވަނީ އިއްޔެއެވެ.

ވެރިކަން ބަދަލުވުމުގެ އިންތިޤާލީ މަރުހަލާގައި ޤައުމުތަކަށް ސަފީރުން އައްޔަން ކުރެއްވުމަށް މަޖިލީހަށް ފޮނުވަމުންދާތީ އެކަމުގެ ކަންބޮޑުވުން އިންތިޤާލީ އޮފީހުން ވަނީ ފާޅު ކުރައްވާފައެވެ. މިހާލަތުގައި ސަފީރުން އައްޔަން ކުރެއްވުމާއި، ވަޒީފާތަކަށް މީހުން ނެގުމާއި، އައު މަޝްރޫޢުތައް ކުރިއަށް ނުގެންދިއުމަށް އިންތިޤާލީ ރައީސްގެ އޮފީހުން ވަނީ އެދިވަޑައިގެންފައެވެ.

ޕާކިސްތާނުގެ ސަފީރު ކަމަށް ޚަދީޖާ ނަޖީޙާ އައްޔަން ކުރަން ފޮނުވާފައިވާއިރު އިއްޔެވެސް ވަނީ ދެ ޤައުމަކަށް ސަފީރުން އައްޔަން ކުރުމަށް ފޮނުއްވާފައެވެ.