ޚަބަރު

ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ހަވާލުކުރުން، ކުރީގެ ސީއެޗްއެސްސީ ޢިމާރާތަށް


  • މިހާރު ސޮއިކުރުން ކުރިއަށްގެންދަނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގައި

  • އަންގާރަ ދުވަހުން ފެށިގެން ކުރީގެ ސީއެޗްއެސްސީ އިމާރާތުގައި

  • ސޮއިކުރަން ދާން މިނިސްޓްރީއިން ގުޅައި، ގަޑި އަންގާނެ

މާލެއިން ގޯތި ލިބުނު މީހުންނާއެކު ގޯތީގެ ރަޖިސްޓްރީގައި ސޮއިކުރުން އަންގާރަ ދުވަހުން ފެށިގެން ކުރިއަށްދާނީ ކުރީގެ ސީއެޗްއެސްސީ ޢިމާރާތުގައިކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން ވިދާޅުވެއްޖެއެވެ.

ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމާއި، ބިން ކަނޑާ ހަވާލުކުރުމުގެ މަސައްކަތް މިނިސްޓްރީން ފެށީ އޮގަސްޓްމަހުގެ 27ވަނަ ދުވަހުއެވެ. މި މަސައްކަތް މިހާތަނަށް ކުރިއަށްގެންގޮސްފައިވަނީ ހުޅުމާލޭގައި ހުންނަ ސިންތެޓިކް ޓްރެކްގައެވެ. ނަމަވެސް މިިނިސްޓްރީން މިހާރު މިވަނީ ރަޖިސްޓްރީގައި ސޮއިކުރުމުގެ މަސައްކަތް، މާލޭގައި ހުންނަ ކުރީގެ ސީއެޗްއެސްސީ އިމާރާތަށް ބަދަލުކުރުމަށް ނިންމަވާފައެވެ. އެގޮތުން އަންގާރަ ދުވަހުން ފަށައިގެން ދެން ގޯތީގެ ރަޖިސްޓްރީގައި ސޮއިކޮށް ދޫކުރާނީ، އެ ސެންޓަރުންނެވެ.

މިނިސްޓްރީން ވިދާޅުވީ ގޯތި ލިބުނު މީހުންނަށް މިނިސްޓްރީން ގުޅައި، ރަޖިސްޓްރީގައި ސޮއިކުރަން ދާންވީ ގަޑިތައް އަންގަމުންދާނެކަމަށެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގައި ހިމަނުއްވާފައިވާ، ބިންވެރިޔާ ސްކީމްގެދަށުން ޖުމްލަ 19639 މާލެގެ ރައްޔިތުންނަށް ގޯތި ލިބެއެވެ. ޖޮއިން އެޕްލިކޭޝަންތައް ހިމެނޭހެން އެއީ 9001 ގޯއްޗެވެ.

ގޯތި ދޫކުރަނީ ހުޅުމާލެ، ގުޅީފަޅު އަދި ގުރާފަރު ފަޅުންނެވެ. ހުޅުމާލެއިން 1351 ގޯތި، ގުޅިފަޅުން 2218 ގޯތި އަދި ގިރާވަރު ފަޅުން 5432 ގޯތި ދޫކުރެއެވެ. މި ގޯތި ތަކުގެ ތެރެއިން 1250 އަކަފޫޓާއި 1650 އަކަފޫޓާއި 2050 އަކަފޫޓުގެ ގޯތިތައް ދެއްވާނީ ހުޅުމާލެއާއި، ގުޅިފަޅާއި ގިރާވަރު ފަޅުންނެއެވެ. އަދި 2450 އަކަފޫޓުން ފެށިގެން 4000 އަކަފޫޓާ ދެމެދުގެ ގޯތިތައް ދޫކުރައްވާނީ ހުޅުމާލެއާއި ގުޅިފަޅުންނެވެ.

ސަރުކާރުން ވިދާޅުވެފައިވަނީ ގޯތި ލިބުނު ހުރިހާ މީހުންނަށް ނޮވެމްބަރު 5ގެ ކުރިން ގޯތި ހަވާލުކޮށް ނިންމާނެކަމަށެވެ.

މި މަސައްކަތަށް ގުޅިފަޅު އަދި ގިރާފަރު ފަޅު ހިއްކުމުގެ މަޝްރޫޢުގެ ބޮޑުބައިގެ މަސައްކަތް ނިމި، އެތަންތަނުން ބިން ކަނޑާ ދޫކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދެއެވެ.

އަދި ހުޅުމާލެ އިތުރަށް ހިއްކައިގެން ބިން ދޫކުރުމުގެ މަޝްރޫޢުގައި، ހުޅުމާލެ ފަޅު އިތުރަށް ހިއްކުމުގެ މަޝްރޫޢުވެސް ސަރުކާރުން ވަނީ ފަށްޓަވާފައެވެ.