ޚަބަރު

ވީހާވެސް ގިނަ ބަޔަކު ނިކުމެ ވޯޓު ދިނުމުގެ ހައްގު އަދާކުރައްވާ: މުއިއްޒު


  • ވީހާވެސް ގިނަ ބަޔަކު ވޯޓުލުމަށް ނިކުންނަވާ

  • ވޯޓުލުމަށް، ފަހު ވަގުތަށް މަޑު ނުކުރައްވާ

ރިޔާސީ އިންތިޚާބުގެ ވޯޓުލުމުގެ ހައްގު ވީހާވެސް އަވަހަށް އަދާކުރެއްވުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.

ވޯޓު ލުމުގެ ޤާނޫނީ ޒިންމާ އަދާކުރެއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ޤާނުނީ ޒިންމާ އަދާކުރެއްވުމަކީ ވަރަށް ބޮޑު އެދިވަޑައިގަތުމެއް ކަމަށެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމަށް ނުނިންކުންނަ މީހުންނާއި، ވަކިން ޚާއްސަކޮށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ހުރިހާ ބޭފުޅުންވެސް ވޯޓުލުމަކީ ވަރަށް ބޮޑު އިލްތިމާސެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ވޯޓުލުމަށް އެންމެ ފަހު ވަގުތަށް މަޑުނުކޮށް، ވީހާވެސް އަވަހަށް ވަޑައިގެން ވޯޓު ދެއްވުމަކީ ވަރަށް ބޮޑު އެދިވަޑައިގަތުމެއް ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ހެނދުނު 8 ފެށިގެން ހަވީރު 5 ޖެހުމާއި ހަމައަށް ކުރިއަށްދާނެއެވެ. ހަވީރު 5 ޖަހާއިރު ވޯޓުލުމަށް ކިއޫގައި މީހަކު ނެތްނަމަ، ކިޔޫ ބަންދުކުރުމަށްފަހު 30 މިނެޓްފަހުން ވޯޓު ގުނަން ފަށާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. ވޯޓުލާން ފެށުމާއެކު ވީހާވެސް އަވަހަކަށް ވޯޓުލުމުގެ ޙައްގު އަދާކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ.