ޚަބަރު

އިތުރުކުރި ފްލެޓްތައް ދޭނެ ފަރާތްތައް ކަނޑައަޅާފައިވަނީ ކޮމިޓީގެ ރެކޮމެންޑޭޝަންތަކާ އެއްގޮތަށް: އެމްއެންޑީއެފް


  • ފްލެޓް ދެނީ އެންމެ 10 ފަރާތަކަށްކަމަށް ދިޔަރެސްއިންވަނީ ބުނެފައި

  • ސިފްކޯ ހިޔާއަށް އިތުރުކުރި 30 ފްލެޓް

  • ދޭނެ ފަރާތްތައް ނިންމީ ކޮމިޓީގެ ރެކޮމެންޑޭޝަންތަކާ އެއްގޮތަށް

ސިފްކޯ ހިޔާއަށް އިތުރުކުރި 30 ފްލެޓް ދޭނެ ފަރާތްތައް ކަނޑައަޅާފައިވަނީ ރިޔާސީ އިންތިޚާބުގެ މާކުރިން މި ފްލެޓްތައް ދޭނެ ފަރާތްތައް ކަނޑައެޅުމަށް އެކުލަވާލި ކޮމިޓީގެ ރެކޮމެންޑޭޝަންތަކާ އެއްގޮތަށްކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމް.އެން.ޑީީ.އެފުން މިހެން ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ގާތްވެފައިވަނިކޮށް ސިފްކޯ ހިޔާއަށް އިތުރުކުރި 30 ފްލެޓް ދޭނެ ފަރާތްތަކުގެ ލިސްޓަށް ބަދަލުގެނެސް މިހާރު ފްލެޓް ދެނީ އެންމެ 10 ފަރާތަކަށްކަމަށްބުނެ ހަޤީޤަތާއި ޚިލާފު ދޮގު ޚަބަރެއްވަނީ ދިޔަރެސް ނޫހުން ގެނެސްދީފައިކަމަށެވެ.

މިކަމާއި ގުޅޭގޮތުން ތަފްޞީލު ދެއްވަމުން އެމް.އެން.ޑީ.އެފުން ވިދާޅުވީ، ސިފްކޯ ހިޔާއަށް އިތުރުކުރި 30 ފްލެޓް ދޭނެ ފަރާތްތައް ކަނޑައަޅާފައިވަނީ ރިޔާސީ އިންތިޚާބުގެ މާކުރިން މިފްލެޓްތައް ދޭނެ ފަރާތްތައް ކަނޑައެޅުމަށް އެކުލަވާލި ކޮމިޓީގެ ރެކޮމެންޑޭޝަންތަކާ އެއްގޮތަށްކަމަށެވެ. އަދި މި ފަރާތްތަކަށް ލިބިފައިވާ މާކްސްތަކާއެކު މިދިޔަ ޖުލައިމަހު ސިފައިންގެ މަރުކަޒުތަކުގައި އިޢުލާންކޮށްފައިވާކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުން ޤައުމީ ދިފާއީ ބާރުގެ އެކި ކަންކަމާއި ގުޅުވައިގެން ކަންކަމުގެ ޙަޤީޤަތް އޮޅުވާލައި، އެ މުއައްސަސާގެ ނަން ކިލަނބުކޮށްލުމަށް ފަތުރުމުންދާ ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކަތައް ހުއްޓާލުމަށް އެމް.އެން.ޑީ.އެފުން ވަނީ އިލްތިމާސްކޮށްފައެވެ.

"ސިފްކޯ ހިޔާ"ގައި ހިމެނެނީ 330 ފްލެޓެވެ. މިއީ މުޅިން 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. މިތަންތަނުގައި 1100 އަކަފޫޓު ހުންނާނެއެވެ.

އެމްއެންޑީއެފުން މީގެކުރިން ވިދާޅުވެފައިވަނީ، ސިފްކޯ ހިޔާގެ ރެސިޑެންޝަލް މަސައްކަތްތައް ނިމުމާއެކު ސިފްކޯ ފްލެޓްލިބިފައިވާ ފަރާތްތަކަށް ތަން ހަވާލުކުރުމަށް ގުރުއަތުލުން ބާއްވައި ލިބޭތަން ކަނޑައެޅުމުގެ ކަންކަން ކުރިއަށް ގެންދަވާފައިވާކަމަށެވެ. އަދި އެގްރިމެންޓްތައް ހެދުމުގެ ކުރިން، އެޕާޓްމަންޓްތައް ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތުދެއްވުމަށްފަހު އެއްބަސްވުން ޤާއިމްކޮށް ތަން ޙަވާލުކުރަން ފަށާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.