ދުނިޔޭގެ ވިޔަފާރި

ގެދޮރު ވިއްކާ އަގު ސިންގަޕޫރުގައި ދަށަށް!


  • މިއީ މިދިޔަ 3 އަހަރުތެރޭގައި އަގުތައް ދަށަށްދިޔަ ފުރަތަމަ ފަހަރު

  • ގެދޮރު ވިއްކާ އަގުތަކުގެ އިތުރުން، ކުލި ބޮޑުވާ މިންވަރު ވަނީ ދަށަށް ގޮސްފައި

  • މިއީ ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ނަތީޖާކަމަށް ތަޖުރިބާކާރުން ބުނޭ

ސިންގަޕޫރުގައި ގެދޮރު ވިއްކާ އަގުތައް މިއަހަރުގެ ދެ ވަނަ ކުއާޓަރުގައި ދަށަށް ގޮސްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ސިންގަޕޫރުގެ އަރބަން ރީޑެވެލޮޕްމަންޓް އޮތޯރިޓީ، ޔޫއާރުއޭއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއީ 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރަށްފަހު، މިދިޔަ 3 އަހަރުތެރޭގައި ގެދޮރު ވިއްކާ އަގުތައް ސިންގަޕޫރުގައި ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ސިންގަޕޫރުގައި ގެދޮރު ވިއްކާ އަގުތަކުގެ ޕްރައިސް އިންޑެކްސް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 194.8 ގައި ހުރުމަށްފަހު، މިހާރު އެ އަދަދު ވަނީ 194.4 އަށް ވެއްޓިފައެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ކޮންޑޮމޯނިއަމްއާއި އެޕާޓްމަންޓްތަކުގެ އަގުތައް 2.6 އިންސައްތަ އުފުލުނުއިރު، ނިމުނު ދެވަނަ ކުއާޓަރުގައި އެ އަގުތައް ވަނީ 0.6 އިންސައްތަ ދަށަށް ގޮސްފައެވެ.

ވަކި ވަކި ސަރަހައްދުތަކަށް ބަލާއިރު އެންމެ ބޮޑަށް އަގުތައް ދަށަށް ގޮސްފައިވަނީ 2.5 އިންސައްތައާއެކު ސިންގަޕޫރުގެ މެދުތެރޭގެ ސަރަހައްދުތައް ނުވަތަ ސެންޓްރަލް ރީޖަނުންނެވެ. އަދި ސެންޓްރަލް ރީޖަނުން ބޭރު ސަރަހައްދުތަކުން ވިއްކާ ގެދޮރުގެ އަގުތައް އުފުލެމުންދިޔަނަމަވެސް، އަގުތައް އުފެލެމުންދާ ދުވެލި ވަނީ މަޑުޖެހިފައެވެ.

ސިންގަޕޫރުގައި ގެދޮރުގެ އަގުތައް ދަށަށްދާން ފަށާފައިވާއިރު، އަލަށް ހަދަން ފެށި ހައުސިންގ ޔުނިޓާއި ވިއްކި ޔުނިޓްތަކުގެ އަދަދުވެސް ވަނީ ދެވަނަ ކުއާޓަރުގައި އިތުރުވެފައެވެ. އެ މުއްދަތުގައި 2976 މާލީ މުއާމަލާތެއް ހިންގާފައިވާއިރު، މިއީވެސް އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު އިތުރު އަދަދެކެވެ.

ގެދޮރު ވިއްކާ އަގުތަކުގެ އިތުރުން ޕްރައިވެޓް ގެތަކުގެ ކުލި އުފުލޭ މިންވަރުވެސް ސިންގަޕޫރުގައި ވަނީ މަޑުޖެހިފައެވެ. އެގޮތުން އަހަރުގެ ފުރަތަމަ ކުއާޓަރުގައި ގެދޮރު ކުއްޔަށް ދޭ އަގުތައް 7.2 އިންސައްތަ އުފުލުނުނަމަވެސް، ނިމުނު ކުއާޓަރުގައި އެ އަދަދު ވަނީ 2.8 އިންސައްތައަށް ވެއްޓިފައެވެ.
ޕްރައިވެޓް ގެތަކުގެ އިތުރުން، ފްލެޓްތަކާއި ކޮންޑޮމޯނިއަމްގެ ކުލިތައްވެސް އުފުލޭ މިންވަރު ދަށަށް ދަމުންދާކަމަށް ހަބަރުތައް ބުނެއެވެ.

ތަޖުރިބާކާރުން ބުނާގޮތުން ގިނަ އަދަދެއްގެ ކޮންޑޮމޯނިއަމްތަކާއި ފްލެޓްތައް ނިމި، ބާޒާރަށް ނެރުމަކީ އަގުތައް ދަށަށް ދިޔަ ސަބަބެކެވެ. އަދި ބޭރު ފަރާތްތަކުން ގެދޮރު ގަންނަނަމަ ނަގާ ޓެކްސް ބޮޑުކުރުމަކީވެސް އަގުތައް ތިރިވާން ދިމާވި ސަބަބެއްކަމަށް ބައެއް ފަރާތްތަކުން ލަފާކުރެއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ގެދޮރު ގަނތް ފަރާތްތަކުގެ ތެރެއިން 80 އިންސައްތަ މީހުންނަކީ ސިންގަޕޫރު މީހުންނެވެ. އަދި ބޭރު ފަރާތްތަކުން ގެދޮރު ގަންނަން ހިންގާ މުއާމަލާތްތަކުން ނަގާ ޓެކްސް ބޮޑުކުރުމުން ފްލެޓާއި ކޮންޑޮމޯނިއަމް ގަނތް ބޭރު މީހުންގެ އަދަދު ވަނީ ދަށަށް ގޮސްފައިކަމަށްވެސް ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ.