މުނިފޫހިފިލުވުން

"ނީނާ" ގެ ޓްރެއިލަރ ދޫކޮށްލައިފި، ބެލުންތެރިންނަށް އަނެއްކާވެސް ތަފާތު ފިލްމެއް


  • ނީނާ ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އޯގަސްޓް 6 ގައި

  • އޮލިމްޕަހުގައި 30 ޝޯވ ދައްކާނެ

  • މިއީ އައި ފިލްމްސްގެ ދެވަނަ ފީޗަރ ފިލްމް

  • ސަސްޕެންސް އަދި ތްރިލަރއަށް ލޯބިކުރާ ފަރާތްތަކަށް ތަފާތު ފިލްމަކަށްވާނެ

ދިވެހި ސިނަމާތަކުގައި ދެން އެންމެ އަވަހަށް އެޅުވުމަށް ތައްޔާރުވާ "ނީނާ"ގެ ޓްރެއިލަރ އާއްމުންނަށް ދޫކޮށްލައިފިއެވެ. މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އޯގަސްޓްމަހުގެ 6 ވަނަ ދުވަހުއެވެ. މިއީ އައި ފިލްމްސްގެ ދެވަނަ ފީޗަރ ފިލްމެވެ.

އައި ފިލްމްސްގެ ކުރިއަށް އޮތް ފީޗަރ ފިލްމް "ނީނާ" ރިލީޒްކުރާނެ ތާރީޚު އިޢުލާންކޮށްފައިވަނީ މެއި 30 ވަނަ ދުވަހުއެވެ. ފިލްމް ޕްރިމިއަރކުރާނެ ތާރީޚު އިޢުލާންކުރުމާއެކު މި ފިލްމަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރުކުރަމުންނެވެ. ޕްރިމިއަރ ތާރީޚު އިޢުލާންކުރުމަށް ބޭއްވި އިވެންޓުގެ ތެރެއިން ފިލްމުގެ ރަސްމީ ޕޯސްޓަރާއި، ޓީޒަރ ޓްރެއިލަރ، ޕްރޮމޯޝަނަލް ލަވަ އަދި މެއިން ޓްރެއިލާވެސް މީޑިއާތަކަށް ދައްކާލިއެވެ. އެހެންނަމަވެސް ފިލްމުގެ ފުރަތަމަ ޓީޒާ ޓްރެއިލަރ އާއްމުކޮށް އެންމެންނަށް އައި ފިލްމްސްއިން ދޫކޮށްލީ މިދިޔަ ޖޫންމަހުގެ 7 ވަނަ ދުވަހުއެވެ.

ކުޑަ ދުވަސްކޮޅެއްގެ އިންތިޒާރަކަށްފަހު މިހާރު މިއޮތީ ފިލްމުގެ ރަސްމީ ޓްރެއިލަރވެސް މިހާރު އާއްމުންނަށް ދޫކޮށްލާފައެވެ. ބެލުންތެރިން ނޭވާ ހިފަހައްޓާލަންޖެހޭ ތަފާތު ކަންތައްތަކެއް ފިލްމުގައި ފެނިގެންދާނެކަން މި ޓްރެއިލަރ ބަލާލުމުންވެސް އެނގިގެންދެއެވެ. ރަސްމީ ޓްރެއިލަރގެ އިތުރުން ފިލްމުގެ ޕްރޮމޯޝަނަލް ލަވަވެސް މީގެ ކުރިން ބެލުންތެރިންނަށް ވަނީ ދޫކޮށްލާފައެވެ. "އަލިފާން" މި ނަން ދީފައިވާ މި ލަވަ ކިޔާފައިވަނީ މަޝްޙޫރު ލަވަކިޔުންތެރިޔާ އަންދަލާ ޙަލީމެވެ.

"ނީނާ" ގެ އޮފިޝަލް ޓްރެއިލަރ

މި ފިލްމު އޯގަސްޓް 6 ގައި ސިނަމާތަކަށް ގެނައުމަށް ނިންމާފައިވާއިރު، ފިލްމުގެ 30 ޝޯވ ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. އައި ފިލްމްސްގެ ފުރަތަމަ ފިލްމެކޭވެސް އެއްފަދައިން މި ފިލްމަކީވެސް ބެލުންތެރިންނަށް ތަފާތު ރަހަތަކެއް ގެނެސްދޭނެ "ސަސްޕެންސް" އަދި "ތްރިލާ" ބައިތައް ހިމެނޭނެ ފިލްމެއްކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.

މި ފިލްމުގެ ވާހަކަ ލިޔެ ޑައިރެކްޓްކުރީ އިލްޔާސް ވަޙީދު (އިއްލެ) އެވެ. ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ ހިތްވަރުގަދަ އަންހެނަކު އޭނާގެ ދިރިއުޅުމުގައި ދިމާވާ ކަންތައްތަކާ ކުރިމަތިލާގޮތުގެ މައްޗަށެވެ.

އެ ކެރެކްޓަރއެއްގެ މައްޗަށް ފިލްމުގެ ނަމާއި ވާހަކަ ނިސްބަތްވާ "ނީނާ"ގެ ރޯލުން ފެނިގެންދާނީ އައި ފިލްމްސްގެ ފުރަތަމަ ފީޗަރ ފިލްމް "ބަވަތި"ގެ ލީޑްރޯލުން ފެނުނު ބަތަލާ ނުޒުޙަތު ޝުޢައިބެވެ. ހަމައެހެންމެ ފިރިހެން ލީޑް ރޯލުން ފެނިގެންދާނީ މިހާރު ދިވެހި ފިލްމް އިންޑަސްޓްރީގައި ކުރިއަރަމުން އަންނަ ޝަރަފް ޢަބްދުﷲ އެވެ. ފިލްމުގައި ނުޒޫގެ މައިގަނޑު 3 ލުކެއް ފެނިގެންދެއެވެ.

ލީޑް ދެ ތަރިންގެ އިތުރުން ފިލްމުގެ މުހިއްމު ރޯލުތަކުން ފެނިގެންދާ ބައެއް މޫނުތަކުގެ ތެރޭގައި ކުރީގެ މަޝްޙޫރު ބަޠަލާ މަރިޔަމް ރަޝީދާ، މަރިޔަމް ޝަކީލާ، އާދަމް ރިޒްވީ، ނަތާޝާ ޖަލީލް އަދި ޢަލީ އިނާޒް ހިމެނެއެވެ. ހަމައެހެންމެ ފީޗަރ ފިލްމަކުން އަލަށް ތަޢާރަފުވާ ބައެއް މޫނުތައްވެސް މި ފިލްމުގެ އެކި ރޯލުތަކުން ފެނިގެންދާނެއެވެ.

"ނީނާ" މި ފިލްމާއި ގުޅޭގޮތުން ވާހަކަދައްކަމުން ފިލްމުގެ ޑައިރެކްޓަރ އިލްޔާސް ވަޙީދު ބުނީ ފިލްމުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާކަމަށެވެ. އަދި "ބަވަތި" އެކޭ އެއްފަދައިން މިފަހަރުގެ ފިލްމުންވެސް ދިވެހި އޯޑިއަންސްއަށް ތަފާތު އެކްސްޕީރިއަންސްއެއް ގެނެސްދިނުމަކީ މުޅި ޓީމުގެ އަމާޒުކަމަށް އޭނާ ބުންޏެވެ.

"ފިލްމުގެ ޝޫޓިންގަ ނޫޅޭނެ ނުނިމޭ އެއްވެސް މަސައްކަތެއް. ލަވަތައް ހުރިހާ އެއްޗެއް ނިމިފައި. ޕޯސްޓް ޕްރޮޑަކްޝަންގެވެސް ބޮޑުބައި ނިމިފައި. މިއުޒިކްވެސް ނިމި ހުރިހާކަމެއް އަނެއްހެން ނިމިފައި. މިސާލަކަށް މި އަންނަ ހަފްތާގައި އަޅުވާ ވާހަކަ ބުނެއްފިއްޔާ އެޓްލީސްޓް ވީކެއްގެ ވޯކް މިހުރީ ކުރަން" އިލްޔާސް ބުންޏެވެ.

"ނީނާ" މި ފިލްމުގެ މަސައްކަތް އައި ފިލްމްސްއިން ފެށީ ކޯވިޑްގެ ކުރިންނެވެ. ނަމަވެސް ކޯވިޑްގެ ސަބަބުން ފިލްމުގެ މަސައްކަތްތައް މެދުކެނޑިފައި އޮތުމަށްފަހު، ސްކްރީނަށް ފިލްމު އަންނާތީ ނުޒުޙަތާއި ޝަރަފްވެސް ވަނީ ފިލްމާމެދު ފޮނި އުއްމީދުތަކެއް ކުރެވޭކަން ފާހަގަކޮށްފައެވެ.

މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ މާލޭ ސިޓީގެ އިތުރުން ލ. އަތޮޅުގެ ރަށްތަކުގައެވެ. ފިލްމް ޕްރޮޑިއުސްކުރުމުގައި އިލްޔާސްގެ އިތުރުން އާސިމް ޢަލީ އަދި އަޙްމަދު ވަޙީދު މަސައްކަތްކޮށްފައިވެއެވެ. ސިނެމެޓޯގްރަފީގެ މަސައްކަތްތައް ކޮށްފައިވަނީ އިބްރާހީމް ވިސާން (ކަނޑި) އެވެ. އެޑިޓިން އާއި ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތަށް ކޮށްފައިވަނީ "ބަވަތި" ގައި ވެސް އެ މަސައްކަތްތައް ކުރި ޓީމުކަމަށްވާ "އޯކޭޒް އިންކް" އިނެވެ.