ޚަބަރު

ކަރީނާއާއި ކިއަރާ އަނެއްކާވެސް އެކުގައި ސްކްރީނަށް


  • މި ދެ ތަރިން އެކީ ފެނުނު "ގުޑް ނިއުސް" އަކީ ބޮޑު ހިޓެއް

  • ދެތަރިން އެކީ ފެނުމަށް ތައްޔާރުވާ ފިލްމު ޕްރޮޑިއުސްކުރަނީ ފަރުހާން އަޚްތަރާއި ރިތޭޝް ސިދުވާނީ

  • ފިލްމު ކުޅެން ދެ ތަރިންވެސް ވަނީ އެއްބަސްވެފައި

ބޮލީވުޑް ބަތަލާއިން ކަމަށްވާ ކަރީނާ ކަޕޫރުހާނާއި ކިއަރާ އަދުވާނީ އަނެއްކާވެސް އެކުގައި ސްކްރީނުން ފެންނަ ތައްޔާރުވެއްޖެއެވެ.

މި ފިލްމަކީ އަޝްވަނީ އައްޔަރު ތިވާރީ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމެއް ކަމަށާއި މި ފިލްމު ޕްރޮޑިއުސްކުރަނީ ފަރުހާން އަޚްތަރާއި ރިތޭޝް ސިދުވާނީގެ އެކްސެލް އެންޓަޓައިންމަންޓުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މީޑިއާތަކުން ބުނީ އަޝްވިނީގެ ސްކްރިޕްޓް ކަރީނާ އާއި ކިއާރާ އަށް ނެރޭޓްކޮށް ދިނުމުން، ދެ ތަރިން އެއާ ގަޔާވިލެއް ބޮޑުކަމުން ވަގުތުން އެއްބަސްވެފައިވާ ކަމަށް ފިލްމީ ޚަބަރުތައް ގެނެސްދޭ އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

އަޝްވިނީގެ އެންމެ ފަހުގެ ފިލްމަކީ ކަންގަނާ ރަނާވަތާ އެކީ 2020 ވަނަ އަހަރު ގެނެސްދިން "ޕަންގާ" އެވެ. އޭނާގެ އާ ފިލްމު ކަރީނާ އާއި ކިއާރާއާ އެކު އުފައްދަން ތައްޔާރީތައްވަމުން އަންނައިރު، މި ދެ ތަރިން އެކީގައި މަސައްކަތްކުރި ފުރަތަމަ ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ 2019 ވަނަ އަހަރު ދެއްކި "ގުޑް ނިއުސް" އެވެ.

ކިއަރާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ ހުކުރު ދުވަހު ސިނަމާތަކަށް ގެންނަން ތައްޔާރުވެފައިއޮތް ""ސަތިއަޕްރޭމް ކީ ކާތާ" އެވެ. ކަރީނާގެ 3 ފިލްމެއްގެ މަސައްކަތް މިހާތަނަށް ވަނީ ނިމިފައެވެ. ނަމަވެސް މިއިން އެއްވެސް ފިލްމެއް އަދި ސިނަމާތަކަކަށް ނުގެނެއެވެ. އެއީ "ދަ ކްރޫ" އާއި ޑައިރެކްޓަރު ހެންސަލް މެހެތާގެ ފިލްމަކާއި ޑައިރެކްޓަރު ސުޖޯއި ގޯޝްގެ ފިލްމެކެވެ. ކަރީނާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ދެއްކި "ލާލު ސިންގް ޗައްޑާ" އިންނެވެ.