ޚަބަރު

"އައްޑޫ އީދިސަމާ" އާއެކު ޢީދުގެ ފޯރި އައްޑޫގައި ގަދަވާނެ


  • އެކި އުމުރުފުރާތަކަށް ޚާއްސަކޮށްގެން ކުޅިވަރުގެ ގިނަ މުބާރާތްތަކެއް

  • ޢީދު ޝޯވއާއެކީ ހަވާ އެރުވުން

  • ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަންނާނުންގެ ތަފާތު ހުށަހެޅުންތައް

1444 ވަނަ އަހަރުގެ އަޟްޙާ ޢީދު އައްޑޫ ސިޓީގައި ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމައިފިއެވެ.

"އައްޑޫ އީދިސަމާ" ގެ ނަމުގައި ކުރިއަށް ގެންދާ މި ކުޅިވަރުތަކަކީ އެކި އުމުރުފުރާގެ އެކިފަރާތްތަކަށް ބައިވެރިވޭގޮތަށް ގިނަ ކަންތައްތަކެއް ހިމެނޭހެން ގެންދެވޭ ހަރަކާތެއްކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއެވެ. މި ހަރަކާތްތަކުގެ ތެރޭގައި ސިފައިންގެ ޕެރޭޑާއި، މަސް ރޭހަކާއި، ބޮޑުމަސް ބޭނުމާއި ވާދެމުން، ޢީދު މާލި އަދި ޢާއިލީ ހަވީރު ފަދަ ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަޟްޙާ ޢީދު ނަމަދު ބޮޑު ޖަމާޢަތުގައި ކުރުމާއި، ހެނދުނުގެ ސައި އައްޑޫ ސިޓީގެ އަވަށްތަކުގައި ހެނދުނު 7 ޖަހާއިރު އޮންނާނެއެވެ. އެއައްފަހު އައްޑޫގައި އުޟު ޙިޔާ ކަތިލުން 8:30 އިން ފެށިގެން ކުރިއަށްދާނެއެވެ.

މިފަހަރު އައްޑޫ ސިޓީގައި ކުރިއަށްގެންދާނެ އެންމެ ތަފާތު އެއް ހަރާކާތަކީ ސިފައިންނާއި، ކައުންސިލް ގުޅިގެން ބާއްވާ ސިފައިންގެ ޕެރޭޑެވެ. މި ޕެރޭޑް ކުރިއަށް ދާނީ ޖޫން 28 އިން 30 އަށެވެ. 28 ވަނަ ދުވަހު ޕެރޭޑް ކުރިއަށް ދާނީ ހިތަދޫ ބޮޑުމަގުގައެވެ. 29 ވަނަ ދުވަހު ކުރިއަށް ދާނީ މަރަދޫ ފޭދޫ ބޮޑު މަގުގައެވެ. އަދި 30 ވަނަ ދުވަހު ހުޅުމީދޫ ބޮޑުމަގުގައި މި ޕްރޭޑް ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުންވެސް އައްޑޫގެ އެކި އަވަށްތަކުގައި ކުޅިވަރުގެ އިތުރު ޙަރަކާތްތަކެއް ބާވަން ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ބައިބަލާ، ފައިގަތަޅާ، ތެކްބޯލް ކޮމްޕެޓިޝަން، މިކްސް ވޮލީބޯލް އަދި ފުޓްބޯޅަ މުބާރާތް ހިމެނެއެވެ.

އައްޑޫގައި އެންމެ ފޯރިގަދަކޮށް ގެންދަން އައްޑޫ ކައުންސިލުން ނިންމައިފައި ވަނީ އެރަށު ހިތަދޫގައި ބާއްވާ ދުންމާރި ޝޯވއެވެ. މި ޝޯވގައި އިންޑިޔާ އާއި ދިވެހިރާއްޖޭގެ އެކި ފަންނާނުންގެ ހުށެއެޅުންތައް ފެނިގެންދާނެއެވެ. މި ޝޯވ ބާއްވަން ހަމަޖެހިފާވަނީ 1 ޖުލައި ވާ ހޮނިހިރު ދުވަހުގެ 20:00 ޖަހާއިރު ހިތަދޫ ސްޓޭޖް ސަރަހަދުންނެވެ. ޢީދު ޝޯވއާއެކީ ހަވާ އެރުވުމުގެ ހަރަކާތްތައްވެސް އެރޭ ކުރިއަށްދާނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މާލެއާއި ރާއްޖޭގެ އެކި ހިސާބުތަކުގައިވެސް އަންނަނީ އަޟްޙާ ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށްޓަކާ ތައްޔާރުވަމުންނެވެ.