ޚަބަރު

އީވާގެ މައްސަލައިގައި މަޖިލިސް ނުހުއްޓި ކުރިއަށްދެވޭނެ ހައްލުތަކެއް ދެއްވައިފި


ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސްކަމުގެ މަޤާމުން ވަކި ކުރެއްވުމަށް މަޖިލީހުގެ 50 މެމްބަރުންގެ ސޮޔާއިއެކު، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ މަޤާމުން ވަކި ކުރެއްވުމަށް ހުށަހަޅުއްވާފައިވާ ޤަރާރުގެ މަސައްކަތް މަޖިލީހުގެ ނިޒާމުގެ ތެރެއިން ނުހުއްޓި ކުރިއަށް ދެވޭނެ ގޮތެއް ހަމަޖެއްސެވުމަށް މަޖިލީހުގެ ރައީސްގެ ކިބައިން މަޖިލީހުގެ އަމީން އާންމު އެދިވަޑައިގެންފިއެވެ.

އީވާގެ މައްސަލަ މިއަދު އެޖެންޑާ ކުރައްވާފައި ވަނިކޮށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއްވެސް މަޖިލީހަށް ހުށަހަޅުއްވާފައިވާތީ މަޖިލީހުގެ ރިޔާސަތަށް ވަޑައިގެންނެވުމަށް އުޒުރުވެރިވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. މަޖިލީހުގެ ނައިބް ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވިދާނެ ގޮތުގެ ލަފާތަކެއް އަމީން އާންމު ފޮނުއްވި ސިޓީގައި ވަނީ ހިމަނުއްވާފައެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ކުރިއަށް ގެންދަވާ ޖަލްސާއެއްގެ ރިޔާސަތުގައި އިންނަވާނީ މަޖިލީހުގެ ރައީސެވެ. އެއާއެކު އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތަކާމެދު ވަނީ ސުވާލު އުފެދިފައެވެ.

މަޖިލީހުގެ އަމީން ޢާންމު ވިދާޅުވީ މަޖިލީހުގެ ކޮމެޓީތައް އެކުލަވާނުލެވި އޮތުމަކީ މިމައްސަލަ މަޖިލީހުގައި ކުރިއަށް ނުދާންވީ ސަބަބެއް ނޫންކަމަށެވެ. އަމީން ޢާންމު ވަނީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ތިއްބަވާ މެމްބަރުންގެ ނިސްބަތަށް އައި ބަދަލު، ޕާޓީތަކުގެ މެދުގައި އެއްބަސްނުވެވުނަސް، އެކަމާ ގުޅޭގޮތުން މަޖިލީހުން ގޮތެއް ކަނޑައެޅުއްވުމަށްޓަކައި އެމައްސަލަ ދެން އެންމެ އަވަހަށް އޮންނަ މަޖިލީހުގެ އާންމު ޖަލްސާއަކަށް އެޖެންޑާކޮށް ދެއްވުމަށް ނަޝީދުގެ އަރިހުން އެދިވަޑައިގެންފައެވެ.

މީގެ އިތުރުން މިސިޓީގައި މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމުގެ މަސްއޫލިއްޔަތު މަޖިލީހުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މަޖިލީހުގެ ރައީސް ކަނޑައެޅިގެން އެހެން ފަރާތަކާ ހަވާލުކުރައްވައ،ި އެ ޖަލްސާގައި މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ކ) ގައި ބުނާ ބަހުސްގެ ވަގުތުތަކާއި އަދަދުތައް މަޖިލީހުން ކަނޑައަޅުއްވައި، އެ ގަރާރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްވެސް ޖާގަ އޮތް ކަމަށް ވަނީ ވިދާޅުވެފައެވެ.

އީވާގެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދެވޭނެ އިތުރު ލަފައެއްގެ ގޮތުގައި މަޖިލީހުގެ ޢާންމު ޖަލްސާއެއް ބާއްވައި، ޖަލްސާގައި ބަހުސްގެ ވަގުތު ކަނޑައެޅުއްވުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.

މަޖިލީހުގެ އަމީން އާންމު ވަނީ މަޖިލީހުގެ މަސައްކަތްތައް ހުއްޓުމަކަށް އަޔަ ނުދެއްވުމަށްޓަކައި، މަޖިލީހަށް ހުށަހަޅުއްވާފައިވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ ވެއްދި ހިސާބުން މަޤާމުން އެއްފަރާތްވެ، ދެއްވި ޔަގީންކަމާއި އެއްގޮތަށް މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ފަހިކޮށްދެއްވުމަށް މަޖިލީހުގެ ރައީސްގެ ކިބައިން އެދިވަޑައިގެންފައެވެ.

އީވާގެ މައްސަލަ މިހާތަނަށްވެސް އެޖެންޑާ ނުކުރެވި ވަނީ، މަޖިލީހުގެ ކޮމެޓީތައް އެކުލަވާނުލެވި، ޢާންމު ކޮމެޓީން ކަނޑައަޅަންޖެހޭ ވަގުތު ކަނޑައެޅިފައި ނެތުމުންނެވެ. މަޖިލީހުގެ ކޮމެޓީތައް އެކުލަވާލުމުގައި މިހާތަނަށްވެސް ދޭންޖެހޭ އެންމެ ބޮޑަކަށް ދޫދެއްވާފައިވާނެ ކަމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީން ވަނީ ބުނެފައެވެ.