ދުނިޔޭގެ ވިޔަފާރި

ފިލިޕީންސްގެ އިގްތިސާދު ކުރިއަރާ މިންވަރު އަންދާޒާއަށްވުރެ މަތި:ވޯލްޑް ބޭންކް


ފިލިޕީންސްގެ މިއަހަރުގެ އިގްތިސާދު އަންދާޒާކުރި މިންވަރަށް ވުރެ ބާރަށް ކުރިއަރާނެކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.

ފިލިޕީންސްގެ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް،ޖީޑީޕީ އިތުރުވާނީ 5.4 އިންސައްތައަށް ކަމަށް ވޯލްޑް ބޭންކުން އޭޕްރީލް މަހު ލަފާކޮށްފައި އޮތް ނަމަވެސް ޖީޑީޕީ 6 އިންސައްތައަށް އިތުރުވާނެ ކަމަށް މިހާރު ލަފާކޮށްފައިވާ ކަމަށް ހަބަރުތައް ބުނެއެވެ. އަދި އަންނަ އަހަރާއި 2025 ވަނަ އަހަރުވެސް އެ ގައުމުގެ ޖީޑީޕީ 5.9 އިންސައްތައަށް އިތުރުވާނެ ކަމަށް ބޭންކުން ވަނީ ލަފާކޮށްފައެވެ.

އަހަރުން އަހަރަށް ބަލާއިރު ފިލިޕީންސްގެ ޖީޑީޕީ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވަނީ 6.4 އިންސައްތައަށް އިތުރުވެފައެވެ.

ވާރޗުއަލްކޮށް ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވޯލްޑް ބޭންކުގެ އިސް އިގްތިސާދީ މާހިރު، ރަލްފް ވެން ޑޯން ދެއްކެވި ވާހަކަފުޅާ ހަވާލާދީ ހަބަރުތައް ބުނާގޮތުން އިންފްލޭޝަނާއި މާލީ އުސޫލުތައްވެސް ހަރުކަށިކޮށްފައި އޮތް ފިލިޕީންސްގެ އިގްތިސާދީ ދުވެލި ހަލުއި ވެފައި ވަނީ އެތެރޭގެ ޑިމާންޑު އިތުރުވުމުންނެވެ.

ފިލިޕީންސްގެ އިންފްލޭޝަން މެއި މަހު ވަނީ ވިދިވިދިގެން 4 ވަނަ މަހު ދަށްވެފައެވެ. މެއި މަހުގެ އިންފްލޭޝަން 6.1 އިންސައްތައަށް ދަށްވެފައި އޮތް ނަމަވެސް މިއީ އަދިވެސް މަރުކަޒީ ބޭންކުގެ އަމާޒު ކަމުގައިވާ 2.0 އާއި 4.0 ދެމެދުގެ އަދަދަކަށްވުރެ މާ މަތީ އަދަދެކެވެ.

އިންފްލޭޝަން މަތިވެ ފިލިޕީންސްގައި ތަކެތީގެ އަގު ވޭތުވެދިޔަ 14 އަހަރުވެސް ނުދާހާ މައްޗަށް ގޮސްފައިވާ ކަމަށް މިދިޔަ ޖެނުއަރީ މަހުވެސް ވަނީ ރިޕޯޓުކޮށްފައެވެ. އެގޮތުން އެ ދުވަސްވަރު ފިޔާ ކިލޯއެއް ގާތްގަނޑަކަށް 12 އެމެރިކާ ޑޮލަރަށްވެސް ވަނީ ވިއްކާފައެވެ. .