އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނިންމައިފިނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމާއި ހަވާލުވެވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމުގައި އެމްޑީޕީގެ ޕީޖީ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. 
އަސްލަމް މިހެން ވިދާޅުވެފައި މިވަނީ މަޖިލީހުގެ ރައީސްގެ މަޤާމުގައި ހުންނެވި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް،  މުހައްމަދު ނަޝީދު އެމަޤާމުން ވަކިކުރުމަށް އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅަން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. 
ރައްޔިތުންގެ މަޖިލީހުގައި ޖެހިޖެހިގެން 4 ވަނަ ދައުރެއް އަދާކުރައްވަމުންދާ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމަކީ މަޖިލީހުގައި މިހާރު ތިއްބެވި މެމްބަރުންގެ ތެރެއިން މެދުނުކެނޑި އެންމެ ގިނަ ގިނަ ދުވަހު ދައުރު އަދާކުރައްވަމުން ގެންދަވާ އެއް މެމްބަރެެވެ. 
މަޖިލިސް ރައީސް މަޤާމުން ވަކިކުރުމަށް ނިންމި ނިންމުމާއި ގުޅޭގޮތުން އެމްޑީޕީގެ ޕީޖީ ގްރޫޕުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމުގައި ނޫސްވެރިޔަކު ވަނީ މަޖިލީހުގެ ރައީސްކަމުގެ މަޤާމަށް އަސްލަމްގެ ޝަޢުޤުވެރިކަން ހުރިތޯ އައްސަވާފައެވެ. 
އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސް ކަމުގެ މަޤާމާއި ގުޅޭގޮތުން ވާހަކަ ދައްކަވާނީ މަޖިލީހުގެ ރައީސް މަޤާމުން ވަކިވުމުން ކަމަށެވެ. އަދި މަޖިލީހުގެ ރައީސްކަމުގެ މަޤާމު ހުސްވުމުން އެ މަޤާމަށް އޭނާ ހަމަޖައްސަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމައިފިނަމަ އެމަޤާމާއި ހަވާލުވެވަޑައިގަތުމަށް ތައްޔާރަށް ހުންނެވިކަމަށް އަސްލަމް ވިދާޅުވިއެވެ. 
"އެކަމާއި ގުޅޭގޮތުން ނުވިސްނަން އަދި ވަކި ގޮތަކަށް. ދެން ޕާލިމަންޓްރީ ގްރޫޕުން ނިންމަވާނީ، ޕާލިމަންޓްރީ ގްރޫޕުން އެފަދަ ނިންމެވުމެއް ނިންމަވައި އަޅުގަނޑާއި ހަވާލު ކުރަން ނިންމަވައިފިއްޔާ އަޅުގަނޑު ހަމަ ހިތުގެ އަޑިން އެކަން ގަބޫލު ކުރާނަން." އަސްލަމް ވިދާޅުވިއެވެ. 
އެމްޑީޕީގެ ޕީޖީ ލީޑަރުކަމުގެ މަޤާމު ފުރުއްވަމުންދާ އަސްލަމް ވަނީ މިހާރު ހިނގަމުންދާ މަޖިލީހުގެ 19 ވަނަ ދައުރުގެ ރައީސްކަމަށް ވަޑައިގަތުމަށް މީގެކުރިންވެސް ޝަޢުޤުވެރިކަން ފާޅުކުރައްވާފައެވެ. އޭނާގެ ނަން މަޖިލީހުގެ ރައީސްކަމަށް އެފަހަރު ހުށަހެޅުއްވީ ރައީސް ނަޝީދެެވެ. ރައީސް ސާލިހުގެ ފަރާތުން އެ މަޤާމަށް ހުށަހެޅީ ހަސަން އަފީފްގެ ނަންފުޅެވެ. 
ނަމަވެސް މަޖިލިސް ރައީސްކަމަށް އައްޔަންކުރާނެ ބޭފުޅެއް ކަނޑައެޅުމާއި ގުޅޭގޮތުން އެމްޑީޕީގެ ޕީޖީ ގްރޫޕްގައި އުފެދުނު ހިޔާލު ތަފާތުން ހައްލުނުވުމުން އެންމެފަހުން ނިންމެވީ މަޖިލިސް ރައީސްކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އައްޔަން ވަޑައިގަތުމަށެވެ. 
މަޖިލީހުގެ ރައީސްކަމުގެ މަޤާމުން ރައީސް ނަޝީދު ވަކި ކުރެއްވުމަށް އެމްޑީޕީގެ ޕީޖީން މަސައްކަތް ކުރަމުންދާއިރު، މަޖިލީހުގެ ނައިބް ރައީސް އީވާ ޢަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލައެއްވެސް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.