ޚަބަރު

މަރުގެ މައްސަލައިގައި އައްޑޫއިން ހައްޔަރުކުރި ޒުވާނާ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ޢަމުރުކޮށްފި


އައްޑޫ ސިޓީގައި ތޫނު އެއްޗަކުން ޙަމަލާދީ މީހަކު މަރާލި މައްސަލައިގައި ހައްޔަރުކުރި ޒުވާނާ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ޢަމުރުކޮށްފިއެވެ.

އައްޑޫ ސިޓީގައި ރޭ ތޫނު އެއްޗަކުން ޙަމަލާދީ މަރާލާފައިވަނީ އުމުރުން 27 އަހަރުގެ ޒުވާނެކެވެ. މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 25 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ނަމަވެސް އޭނާއާބެހޭ އިތުރު ތަފްޞީލެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ.

މަރަދޫފޭދޫގައި ތޫނު އެއްޗަކުން ޙަމަލާދީ މާރާމާރީ ހިންގައިފައިވާކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ބުދަ ދުވަހުގެރޭ 23:38 އެހާއިރެވެ. މި މާރާމާރީގައި ޒަޚަމްވި ޒުވާނާ ނިޔާވީ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލަ ތަޙުޤީގު ކުރައްވަމުން އަންނަކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވެއެވެ.