ޚަބަރު

ލުބުނާނުގައި ބޮމެއް ގޮއްވައިލާ ފަލަސްޠީނުގެ ފަސް މީހުން ޝަހީދުކޮށްލައިފި


ލުބުނާނުގެ އިރުމަތީގައި އޮންނަ ޤުޞާޔާގައި ބޮމެއް ގޮއްވައިލައިގެން ދިން ޙަމަލާއެއްގައި ފަލަސްޠީނުގެ ފަސް މީހުން ޝަހީދުކޮށްލައިފިއެވެ. ބޮން ގޮއްވައިލާފައިވާ ޤުޞާޔާއަކީ ލުބުނާނާއި ސޫރިޔާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ރަށެކެވެ. މި ޙަމަލާގައި ޝަހީދުކޮށްލާފައި ވަނީ ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރާ ޕޮޕިޔުލަރ ފްރަންޓް ފޯ ދަ ލިބެރޭޝަން އޮފް ޕަލަސްޓައިންގެ ޖެނެރަލް ކޮމާންޑު (ޕީ.އެފް.އެލް.ޕީ-ޖީ.ސީ)ގެ ފަސް މެންބަރުންނެވެ.

މި ޙަމަލާގެ ފަހަތުގައި ވަނީ ޔަހޫދީ އިސްރާޢީލު ކަމުގައި ޕީ.އެފް.އެލް.ޕީ-ޖީ.ސީގެ އިސް އޮފިޝަލެއް ކަމުގައިވާ އަންވަރް ރާޖާ ތުހުމަތުކުރިއެވެ. މި ޙަމަލާގައި އިތުރު 10 މީހަކު ޒަޚަމުވެފައިވާއިރު، އޭގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިޔަސް ކަމުގައި ވެސް އޭނާ ބުންޏެވެ.

މި ޙަމަލާގެ ފަހަތުގައި ވަނީ ޔަހޫދީ އިސްރާޢީލު ކަމަށް ޕީ.އެފް.އެލް.ޕީ-ޖީ.ސީން ތުހުމަތު ކުރި ނަމަވެސް، ޔަހޫދީ އިސްރާޢީލުގެ އިސް އޮފިޝަލަކު ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ. ޔަހޫދީ އިސްރާޢީލުގެ ސަރުކާރުން މި ހަމަލާއާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. މި ފަދަ ޙަމަލާތަކުގެ ޒިންމާ ނެގުމަށް އިސްރާޢީލުން މީގެ ކުރިން ވެސް ވަނީ ދެކޮޅު ހަދާފައެވެ.

ޕީ.އެފް.އެލް.ޕީ-ޖީ.ސީގެ އިސް މެންބަރުންތަކެއް ޝަހީދުކޮށްލާފައި ވަނީ ޔަހޫދީ އިސްރާޢީލުން ރާވައިގެން ދިން ޙަމަލާއެއްގައި ކަމަށް ތުހުމަތު ކުރެވުނު ނަމަވެސް، ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި އެ މީހުން މަރުވީ ހަތިޔާރު ގުދަނެއްގައި އޮތް ރޮކެޓެއް ގޮވުމުގެ ސަބަބުންނެވެ. ނުވަތަ މައިންތަކެއް އެއްތަނުން އަނެއް ތަނަށް ގެންދިޔުމުގެ ތެރޭގައި އޭގެ ތެރެއިން މައިނެއް ގޮވުމުންނެވެ.

ނަމަވެސް، ޕީ.އެފް.އެލް.ޕީ-ޖީ.ސީން ދަނީ ޔަހޫދީ އިސްރާޢީލުން މި ޙަމަލާގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށް ބުނަމުންނެވެ. އެ ޖަމާޢަތުގެ އިސް އޮފިޝަލެއް ކަމުގައިވާ އަބޫ ވާއިލް އިއްސާމް ބުނީ، އެ ޖަމާޢަތުގެ ފަސް މީހުން ޝަހީދުކޮށްލުމުގެ ބަދަލު ހިފާނެ ކަމުގައެވެ. އަދި، މި ފަދަ ޙަމަލާތަކުގެ ސަބަބުން އެ ޖަމާޢަތުން ކުރަމުންދާ މަސައްކަތްތައް ހުއްޓައިނުލާނެ ކަމުގައި ވެސް އޭނާ ބުންޏެވެ.

ޕީ.އެފް.އެލް.ޕީ-ޖީ.ސީއަކީ ލުބުނާނާއި ސޫރިޔާގެ ބައެއް ސަރަޙައްދުތަކުގައި ހަރަކާތްތެރިވާ ޖަމާޢަތެކެވެ. އަދި، އެ ދެ ޤައުމުގެ އަސްކަރިއްޔާގައި ވެސް އެ ޖަމާޢަތުގެ މެންބަރުން ހަރަކާތްތެރިވެއެވެ. އެ ޖަމާޢަތުން މީގެ ކުރިން ވެސް ވަނީ ޔަހޫދީ އިސްރާޢީލާ ދެކޮޅަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ.

ސަރަޙައްދީ ރޮނގު ހުރަސްކޮށް ޔަހޫދީ އިސްރާޢީލުން މީގެ ކުރިން ލުބުނާނަށް ޙަމަލާދީފައި ވަނީ ވަރަށް މަދު ފަހަރަކުއެވެ. ނަމަވެސް، އޭޕްރިލް މަހުގެ ތެރޭގައި ޔަހޫދީ އިސްރާޢީލުގެ ޓެރެރިސްޓު އަސްކަރިއްޔާއިން ވަނީ ލުބުނާނުގެ ދެކުނުގެ ސަރަޙައްދަކަށް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދީފައެވެ.

އެ ޙަމަލާތައް ދީފައި ވަނީ ލުބުނާނުގައި ހަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތަކުން އިސްރާޢީލަށް ރޮކެޓް ޙަމަލާތަކެއް ދިނުމުން، އެ ކަމުގެ ބަދަލުހިފުމުގެ ގޮތުންނެވެ. އެއީ ހަމާސް ޖަމާޢަތުގެ މުޖާހިދުންނަށް އަމާޒުކޮށް ދީފައިވާ ޙަމަލާތަކެއް ކަމަށް އިސްރާޢީލުން ބުނި ނަމަވެސް، އެ ޙަމަލާތަކުގައި ޒަޚަމުވެފައި ވަނީ ސޫރިޔާގެ ރެފިއުޖީންގެ ދެ މީހުންނެވެ.

ސޫރިޔާގެ ސަރުކާރަށް ތާޢީދުކުރާ ޕީ.އެފް.އެލް.ޕީ-ޖީ.ސީއަކީ ޕީ.އެފް.އެލް.ޕީގެ މައި ޖަމާޢަތުން 1968 ވަނަ އަހަރު ވަކިވެފައިވާ ގޮތްޕެކެވެ. ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި ވެސް ޕީ.އެފް.އެލް.ޕީ-ޖީ.ސީން ވަނީ ސޫރިޔާގެ ސަރުކާރުގެ ފައުޖުތަކާ ގުޅިގެން ހަނގުރާމަ ކޮށްފައެވެ. އެ ޖަމާޢަތް ހަރަކާތްތެރިވާ ސަރަޙައްދުތަކުގައި ތެރޭގައި ދިމިޝްޤުގައި އޮންނަ ޔަރްމުކް ރެފިއުޖީ ކޭމްޕާއި ބެއިރޫތުގައި އޮންނަ ބުރްޖް އަލް-ބަރަޖްނާ ރެފިއުޖީ ކޭމްޕު ހިމެނެއެވެ.

މީގެ ކުރިން އެ ޖަމާޢަތުން ޔަހޫދީ އިސްރާޢީލާ ދެކޮޅަށް ދީފައިވާ ޙަމަލާތަކުގެ ތެރޭގައި 1968 ވަނަ އަހަރު އިސްރާޢީލުގެ އެލް އާލްގެ މަތިންދާބޯޓެއް ހިސާރުކުރުމާއި، އެއާ ޖެހިގެން އައި އަހަރު އިސްރާޢީލުގެ އެހެން މަތިންދާބޯޓަކަށް ބަޑީގެ ޙަމަލާތަކެއް ދިނުން ފާހަގަކުރެވެއެވެ. އަދި، 1970 ވަނަ އަހަރު އެ ޖަމާޢަތުން ވަނީ ސްވިޓްޒަލެންޑުގެ ޒިޔުރިކުން ފުރައިގެން ތެލް އަވީވަށް ދަތުރުކުރި މަތިންދާބޯޓެއްގައި ބޮމެއް ގޮއްވައިލާ 47 ފަސިންޖަރުން މަރައިލާފައެވެ.

1985 ވަނަ އަހަރު ޔަހޫދީ އިސްރާޢީލުގެ ޓެރެރިސްޓު ސިފައިން ލުބުނާނަށް އަރައިގަތުމުން އެ ޖަމާޢަތުން ވަނީ ޔަހޫދީ އަސްކަރިއްޔާގެ ތިން ސިފައިން ހިސާރުކޮށްފައެވެ. އެ މީހުން މިނިވަންކޮށްފައި ވަނީ، ޔަހޫދީ އިސްރާޢީލުން ހައްޔަރުކޮށްފައިވާ ފަލަސްޠީނާއި، ލުބުނާނާއި، ސޫރިޔާގެ 1,100 އަށްވުރެ ގިނަ އަސީރުން މިނިވަން ކުރުމުންނެވެ.