ޚަބަރު

އިތުބާރު ނެތްކަމުގެ މައްސަލައަށް މަޖިލީހަށް ޙާޒިރުވެވަޑައިގެން ޖަވާބުދެއްވުމަށް އޭޖީ ނިންމަވައިފި


ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތުގެ އިތުބާރު ނެތްކަމަށް ބުނެ ހުށައަޅުއްވާފައިވާ މައްސަލައަށް ރައްޔިތުންގެ މަޖިލީހަށް ޙާޒިރުވެވަޑައިގެން ޖަވާބުދެއްވުމަށް އެމަނިކުފާނު ނިންމަވައިފިއެވެ.

ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅުއްވާފައިވަނީ، ރާއްޖެއާއި މޮރީޝަސްއާއި ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލާގައެވެ. މި މައްސަލަ ހުށައެޅުއްވީ އިދިކޮޅު ޕީޕީއެމް، ޕީއެންސީއާއި، ޖުމްހޫރީ ޕާޓީއާއި، އެމްއެންޕީ އަދި ރައީސް ނަޝީދަށް ތާއީދުކުރާ މެމްބަރުންނެވެ.

ބަންޑާރަ ނާއިބުގެ އިތުބާރު ނެތްކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ހުށައަޅުއްވާފައިވާ މައްސަލައަށް ދިފާޢުވެ ވަޑައިގަތުމުގެ ގޮތުން އެމަނިކުފާނު ވަނީ މިދިޔަ ބުދަ ދުވަހު މަޖިލީހަށް ލިޔުމުން ޖަވާބު ފޮނުއްވާފައެވެ. ނަމަވެސް ލިޔުމުން ޖަވާބުދާރީވެވަޑައިގަތުމަށް ބަންޑާރަ ނާއިބު ނިންމެވި ނިންމެވުމާއި ގުޅިގެން މަޖިލީހުގައި ޚިޔާލުތަފާތުވެ އެމްޑީޕީ ފިޔަވައި އެހެން ހުރިހާ ޕާޓީއަކުން ވަނީ ބަންޑާރަ ނާއިބު މަޖިލީހަށް ޙާޒިރުވާން ޖެހިވަޑައިގަންނަވާނެކަމަށް ބުނެފައެވެ. މި މައްސަލާގައި އުފެދުނު ޚިޔާލުތަފާތުވުންތަކާ ގުޅިގެން، ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ނިންމަވައިފައެވެ.

ނަމަވެސް އެކަމާއި ގުޅިގެން ބަންޑާރަ ނާއިބު އޭގެ ފަހުން މަޖިލީހަށް ފޮނުއްވެވި ސިޓީފުޅުގައި ވަނީ އިތުބާރު ނެތްކަމުގެ މައްސަލާގައި ލިޔުމުން ޖަވާބުދާރީވެވަޑައިގަތުމަށް ނިންމެވީ، އެމައްސަލަ ތަފްސީލީގޮތެއްގައި ރައްޔިތުންނަށް ޙާމަކޮށްދެއްވުމުގެ ގޮތުންކަމަށެވެ.

އެހެންނަމަވެސް، އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ލިޔުމުން ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުޞަތު ލިބިދީފައިނުވާތީ، ޤާނޫނު އަސާސީގެ ދަށުން އެމަނިކުފާނުގެ ދިފާޢުގައި އަނގަބަހުން މަސައްކަތްކުރެއްވުމަށް ލިބިދީފައިވާ ޙައްޤުވެސް އިޚްތިޔާރުކޮށް، ރައްޔިތުންގެ މަޖިލީހުގައި އެ މައްސަލައިގެ ބަހުސް އޮންނަ ދުވަހު ޙާޒިރުވެވަޑައިގެން އަނގަބަހުން ދިފާޢުވުމަށް ނިންމަވާފައިވާކަމަށް ބަންޑާރަ ނާއިބު މަޖިލީހަށް ފޮނުއްވެވި ސިޓީގައިވެއެވެ.

ބަންޑާރަ ނާއިބުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅޭގޮތުން ޢާންމު ކޮމިޓީން ނިންމާފައިވަނީ، 2 ގަޑިއިރުގެ ބަހުސްއެއް ކުރިއަށް ގެންދިއުމަށެވެ. އޭގެ ތެރެއިން ބަންޑާރަ ނާއިބަށް ޖަވާބު ދާރީވެވަޑައިގަތުމަށް 30 މިނިޓް ދެއްވާ ގޮތަކަށް ކޮމިޓީން ވަނީ ނިންމާފައެވެ.

ބަންޑާރަ ނައިބު އިބްރާހީމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވުމަށް އެޖެންޑާކުރައްވައި، ޖަލްސާވެސް ފެށިފަހުން މި މައްސަލާގައި ސުޕްރީމްކޯޓުގެ ލަފައެއް ހޯއްދެވުމަށް މަޖިލިސް ރައީސް ނިންމެވި ނިންމެވުމާއި ގުޅިގެން އެމްޑީޕީގެ ޕީޖީ ލީޑަރު މުޙައްމަދު އަސްލަމް ވަނީ އެއީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.
މި މައްސަލާގައި ބަންޑާރަ ނާއިބް ޢަމަލު ކުރައްވާފައިވަނީ ޤާނޫނު އަސާސީ އާއި މަޖިލީހުގެ ޤަވާއިދުގެ ތެރެއިން ކަމަށް އަސްލަމް ވިދާޅުވިއެވެ. މި މައްސަލައަކީ މަޖިލީހުގައި ކުރިއަށް ގެންދެވުމުގައި ސުޕްރީމް ކޯޓުގެ ލަފައަކަށް ދާންޖެހޭ ވަރުގެ މައްސަލައެއް ނޫންކަމަށް ވެސް، މަޖިލީހުގެ ރައީސް ސިޔާސީ ޕާޓީތަކާ ކުރެއްވި މަޝްވަރާތަކުގައި ވިދާޅުވެފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.