އަމިއްލަ ބޯހިޔާވަހިކަން ހޯދައިދިނުމަށް މަގުފަހިކުރުމުގެ ގޮތުން ސަރުކާރުން ތަޢާރަފްކުރި "ނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް"ގެ ދަށުން ކުރިއަށްގެންދާ އިކުއިޓީ އެހީތެރިކަންދޭ "ހެލްޕް ޓު ބިލްޑް އަދި ހެލްޕް ޓު ބައި" ސްކީމްތައް ތަންފީޒުކުރުމަށް މާލީ 4 އިދާރާއަކާއެކު ފަހުމުނާމާގައި ސޮއިކޮށްފިއެވެ.
"ހެލްޕް ޓު ބައި، ހެލްޕް ޓު ބިލްޑް" މަޝްރޫޢުގެ ދަށުން އެއްބަސްވުންތައް އެކުލަވާލާފައިވަނީ ބޭންކް އޮފް މޯލްޑިވްސްއާއި މޯލްޑިވްސް އިސްލާމިކް ބޭންކާއި ހައުސިން ޑިވެލޮޕްމަންޓް ފައިނޭސްނިން ކޯޕަރޭޝަންގެ އިތުރުން މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީއާއެކުގައެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީޢާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަދި މާލީ އިދާރާތުގެ އިސްވެރިންނެވެ.
ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ އެ ބޭންކުން މިހާރުވެސް 4000 ހައުސިން ޔުނިޓް އެޅުމަށް މަސައްކަތް ކުރަމުންދާއިރު އޭގެ ތެރެއިން 3260 ހައުިސން ޔުނިޓްގެ އަމަލީ މަސައްކަތްތައް ބާރަށް ކުރިއަށްދާކަމަށެވެ. އިތުރު 740 ޔުނިޓްގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަަށް ތައޔްރާުވަމުންދާކަންވެސް ފާހަގަކުރެއްވިއެވެ.
ގެދޮރުއިމާރާތް ކުރުމަށް ބޭނުންވާ ފައިނޭންސްއަކީ އަތްފޯރާފަށުގައި ޚިދުމަތަކަށް ހެދުމަށް މަސައްކަތް ކޮށްފައިވާކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ ހައުސިން ލޯންތަކާއި އަމިއްލައަށް ދައްކަންޖެހޭ އިކުއިޓީ %20 އިން %5 ދަށްކޮށްފައިވާކަމަށެވެ. އަދި މިއީ ގެދޮރު މިލްކުކުރަން ފައިސާ އެއްކުރުމަށް އޮތް ދަތިކަމަށް ލިބިގެން ދިޔަ ހައްލެއްކަންވެސް ފާހަގަކުރެއްވިއެވެ.
"މި ހުރިހާ މަސައްކަތްތަކެއްް ގުޅިގެންް ދިއުމުންް އޭގެ ނަތީޖާ މާ ފުރިހަމަވާނެ. 'ބީ.އެމް. އެލްް އެފޯޑަބަލްް ހޯމްް ލީސިންގ' މެދުވެރިކޮށްް އާ ގެދޮރުތައްް ބިނާވެގެންދާނެ. އަމިއްލަ ހިއްސާ ނުވަތަ އިކުއިޓީ ދަށްކުރުމުންް ފައިނޭންސިންގއަށްް ވާސިލްވުންް ފަސޭހަވާނެ. އަދި މިއަދު މި އިޢުލާންކުރެވުނު ސަރުކާރުގެ އެހީތެރިކަމާއެކު ކުރިންް ދައްކަންޖެހޭ ފައިސާގެ އަދަދު އިތުރަށްް ކުޑަވެގެންދާނެ. ގެދޮރޮ އިތުރުވުމާއި، ޑައުންޕޭމަންޓްް ކުޑަވުމާއ،ި ފަސޭހައިންް ފައިސާ ލިބޭނެ ގޮތްވުމަކީ "އެންމެނަށްް ބޯހިޔާވަހިކަންް" މި ތަޞައްވުރު ހަޤީޤަތަކަށް ހެދުމަށްް އޮތް މަގެއް." ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
ވޯލްޑް ބޭންކް ގްރޫޕްގެ ފަންނީ އެހީތެރިކަމާއެކު ދާދިފަހުން ނިންމި މޯލްޑިވްސް އަރބަން ޑިވެލޮޕްމަންޓް އެންޑް ރީކޮންސްޓްރަކްޝަން ޕްރޮޖެކްޓް ގެ ދިރާސާތަކުން ދައްކާފައިވަނީ، ދިވެހި ގިނަ ޢާއިލާތަކަށް ގެދޮރު އެޅުމަށާއި ގަތުމަށް ދިމާވާ އެންމެ ބޮޑު ހުރަހަކީ ބޭންކުތަކުން ކަނޑައަޅާ އިކުއިޓީ ޕޭމަންޓް ދެއްކުމުގައި ދިމާވާ ދަތިތަކެވެ. ސަރުކާރުން ތަޢާރަފްކޮށްފައިވާ "ނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް"ގެ ދަށުން މިއަދު އިތުރުކުރެވިގެންދިޔަ ދެ ބައިގެ މަޤްޞަދަކީ މި ހުރަސް ނައްތާލައި، ގޯއްޗެއް އޮވެމެ، މާލީ ދަތިތަކުގެ ސަބަބުން މިހާތަނަށް ގެދޮރު އިމާރާތް ކުރެވިފައިނުވާ ފަރާތްތަކަށާއި އަދި އަލަށް ގެދޮރު ގަންނަ މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މި ޕްރޮގްރާމް އެކުލެވިގެން ހެލްޕް ޓު ބިލްޑްގެ ދަށުން ދިރިއުޅޭނެ އެކަށީގެންވާ ތަނެއް ނެތް ބިންވެރިންނަށް ގެދޮރު އިމާރާތްކުރުމަށް ބޭންކް ލޯނެއް ހޯދުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މިބައި އަމާޒުކޮށްފައިވަނީ މާލެ އަދި އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށަށެވެ. އެގޮތުން 1،000،000 ރުފިޔާގެ ލޯނެއްގެ އިކުއިޓީ ޕޭމަންޓަށް 200،000 ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ އެހީ ދޭނެއެވެ. އާއިލީ ބިމެއްގައި އެއް ފަރާތަށް ވުރެ ގިނަ މިލްކުވެރިން އެކުވެގެން އިމާރާތް ކުރަން ބޭނުންވާ ހާލަތެއްގައި، ބޮލަކަށް 200،000 ރުފިޔާގެ މަގުން، 1،000،000 ރުފިޔާއާ ހަމައަށް، ލޯނުގެ އިކުއިޓީ ޕޭމަންޓްގެ ގޮތުގައި ހަމަޖައްސައިދެވޭނެއެވެ. މި އުޞޫލު ހިނގާނީ މާލޭގެ ބިންތަކަށް އެކަންޏެވެ.
ކުރެހުމާއި ބީ.އޯ.ކިއު އަށް ބަލައި 1 މިލިއަނަށް ވުރެ މަތިން ލޯނު ނެގި ނަމަވެސް ސަރުކާރުން ދޭ އެހީގެ އެންމެ މަތީ އަދަދަކީ ބޮލަކަށް 200،000 ރުފިޔާއެވެ. މިއީ އަނބުރާ ދައްކަން ނުޖެހޭ އެހީއެކެވެ. ނަމަވެސް 20 އަހަރު ދުވަހުގެ ތެރޭގައި އެ އިމާރާތް ވިއްކާލައިފިނަމަ، އެ ފައިސާ ދައުލަތަށް އަނބުރާ ދައްކަންޖެހޭނެއެވެ.
އެފޯޑަބަލް ހައުސިންގ: ޕީ.ޕީ.ޕީ އުސޫލުން ޑިވެލޮޕަރުން އަޅާފައިވާ 1.5 މިލިއަން ރުފިޔާގެ އަގުހުރި އެފޯޑަބަލް ހައުސިންގ ޔުނިޓެއް ގަތުމަށް 250،000 ރުފިޔާއާ ހަމައަށް އެހީ ދެވޭނެއެވެ. މިއީ 2024 ގެ 'ހިޔާވަހި' ސްކީމާ ވަކިން ހިންގޭ ސްކީމެކެވެ۔
މާކެޓް ރޭޓް ޔުނިޓްސް ރިއަލް އެސްޓޭޓް އުސޫލުން މާކެޓް އަގުގައި ވިއްކާ ޔުނިޓެއް އަލަށް ގަންނަ ފަރާތްތަކަށް ވެސް 250،000 ރުފިޔާއާ ހަމައަށް އެހީ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި އެހީގެ ފައިސާ މާލީ އިދާރާ މެދުވެރިކޮށް ދައްކާނީ ސީދާ ޑިވެލޮޕަރަށެވެ. އަދި ގަންނަ ފަރާތުން ދައްކަންޖެހޭ ޖުމްލަ އަގުން އެ މިންވަރު އުނިކުރެވޭނެއެވެ.
މި ޕްރޮގްރާމުގެ ދަށުން އެހީ ލިބޭނީ އެދޭ ފަރާތުގެ ނަންމަތީގައި އިމާރާތްކޮށްފައިވާ އެހެން އެއްވެސް ބިމެއް ނުވަތަ ގޯއްޗެއް ނެތް ފަރާތްތަކަށެވެ. އަދި އިމާރާތްކުރާ ބިމަކީ އެދޭ ފަރާތް ނުވަތަ ފަރާތްތަކުގެ އަމިއްލަ މިލްކަކަށް ވާންޖެހޭނެއެވެ. މި ލޯނު މައިގަނޑު ގޮތެއްގައި ދިރިއުޅޭނެ ގެއެއް އެޅުމަށް ބޭނުންކުރަން ޖެހުނު ނަމަވެސް، އިމާރާތުގެ ބައެއް ވިޔަފާރި އުސޫލުން ބޭނުންކުރުމުގެ ހުއްދަ ލިބިގެންވެއެވެ.