ދުނިޔޭގެ ވިޔަފާރި

ދެވަނަ ކުއާޓަރުގައި އެޗްޕީއަށް ލިބުނު އާމްދަނީ އަންދާޒާއަށްވުރެ ދަށް!


ޕާރސަނަލް ކޮމްޕިއުޓަރ، ޕީސީ އުފައްދާ އެމެރިކާގެ އެޗްޕީ ކުންފުންޏަށް ދެވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ ލަފާކުރި ވަރަށްވުރެ ދަށަށް ހިނގައްޖެއެވެ.

އެޗްޕީގެ އާމްދަނީ ދަށަށްދާން މެދުވެރިވި މައިގަނޑު ސަބަބަކީ ކޮމްޕިޔުޓަރ ސިސްޓަމްތަކަށް އޮންނަ ޑިމާންޑު ދަށްވަމުން ދިއުންކަމަށް ހަބަރުތައް ބުނެއެވެ.

ދެވަނަ ކުއާޓަރުގައި އެޗްޕީއަށް ލިބުނީ 12.91 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެކެވެ. ނަމަވެސް ކުންފުނީގެ އާމްދަނީ 13.07 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް މާހިރުން ލަފާކޮށްފައިވާކަމަށް މާކެޓް ދިރާސާކުރާ ކުންފުނި، ރެފިނިޓިވްގެ ހިސާބުތަކާއި ހަވާލާދީ ހަބަރުތައް ބުނެއެވެ.

އެޗްޕީގެ ޕާރސަނަލް ސިސްޓަމް ސެގްމެންޓްގެ ވިޔަފާރި 29 އިންސައްތަ ދަށްވެފައިވާއިރު، ޕްރިންޓިންގ ސެގްމެންޓެންޓް ވަނީ 5 އިންސައްތަ ދަށަށް ގޮސްފައެވެ. އަހަރުގެ ފުރަތަމަ 6 މަސް ދުވަހު ލިބުނު އާމްދަނީ ދަށްވި ނަމަވެސް ފަހު 6 މަސް ދުވަހު ކުންފުނީގެ އާމްދަނީ ރަގަޅުވާނެކަމަށް ލަފާކުރާކަމަށް އެޗްޕީއާ ހަވާލާދީ ހަބަރުތައް ބުނެއެވެ.

ކޯވިޑުގެ ބަލިމަޑުކަމާއި ހެދި ގޭގައި މަސައްކަތް ކުރަން ޖެހުމުގެ ސަބަބުން ޕީސީ އަދި އެނޫންވެސް އިލްކްޓްރޯނިކް ޑިވައިސްތައް އުފައްދާ ލެނޯވާ، އެޗްޕީ އަދި ޑެލް ފަދަ ކުންފުނިތަކުގެ އުފެއްދުންތަކަށް އޮތް ޑިމާންޑު އެ ދުވަސްވަރު އިތުރުވިއެވެ. ނަމަވެސް ކޯވިޑަށްފަހު ޑިމާންޑު އަންނަނީ ދަށްވަމުންނެވެ. އެގޮތުން ނިމިދިޔަ ޖެނުއަރީން މާޗްމަހުގެ ނިޔަލަށް ޕީސީގެ ޑިމާންޑު 30 އިންސައްތައަށް ދަށްވެފައިވާކަމަށް ދިރާސާކުރާ ކުންފުނި އައިޑީސީއާ ހަވާލާދީ ހަބަރުތައް ބުނެއެވެ.

އެޗްޕީއަށް ލިބުނު އާމްދަނީ ދަށްވިއިރު، ޕީސީ އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި ލެނޯވާގެ އާމްދަނީވެސް މިދިޔަ ކުއާޓަރުގައި ދަށްވެފައިވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.