ޚަބަރު

ޤައިދީން މުޖުތަމަޢަށް ބޭނުންތެރި ބައެއްގެގޮތުގައި ނެރެން އެންމެންގެ އެހީ ބޭނުންވޭ: ނައިބު ރައީސް


ގައިދީން އަނބުރާ މުޖުތަމަޢުއަށް ގެނެސް، އެމީހުންގެ ހުނަރާއި ވިސްނުންތެރިކަން ޤައުމު ބިނާކުރުމުގައި ބޭނުންކުރެވޭނެ މަގު ފަހިކުރުމުގައި އެންމެ އެކަތިގަނޑަކަށްވާން ޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

މާފުށީ ޖަލުގެ ގައިދީންނަށް އަމާޒުކުރައްވައިގެން އިންތިޒާމްކުރެއްވި "އިންމޭޓް ކްރިއޭޓިވިޓީ ފެއަރ 2023" އިފްތިތާޙްކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވީ، ދިރިއުޅުމުގައި ދިމާވާ އެކި ޙާލަތްތަކުގައި، ޖަލަށް އަންނަން ޖެހުނުނަމަވެސް، ގިނަ ޤައިދީންނަކީ ވަރަށްވެސް ހުނަރުވެރި ބައެއްކަމަށެވެ. އެހެންކަމުން، އެމީހުންގެ ހުނަރު އާލާކޮށް، އެމީހުންގެ ހުނަރާއި ވިސްނުންތެރިކަން ޤައުމު ބިނާކުރުމުގައި ބޭނުންކުރެވޭނެ މަގު ފަހިކޮށްދޭންޖެހޭކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.

ރާއްޖެއަށް މަސައްކަތްތެރި ޒުވާނުން ބޭނުންވާކަން ފާހަގަކުރައްވައި ނާއިބު ރައީސް ވަނީ ކޮންމެ ޤައިދީއަކު ވެސް މަސައްކަތްކުރަންވީ ވެދިޔަތަނުން ޢިބްރަތް ޙާސިލުކޮށް، މާދަމާ ރަނގަޅުކުރުމަށް ކަމަށް ވިދާޅުވެފައެވެ. އެގޮތުން ހެޔޮލަފާ ދުޅަހެޔޮ ޢާއިލާއެއް ބިނާކުރުމަށް ޒިންމާދާރު މީހުންނަށްވުމަށް ނައިބު ރައީސް ވަނީ އިލްތިމާސް ކުރައްވައިފައެވެ.

"މިތަން ބަލާލުމުން އެބައެނގޭ، ދިރިއުޅުމުގައި ދިމާވި ޙާލަތެއްގެ ސަބަބުން އަދި ޖަލަށް އަންނަ ޖެހުނުނަމަވެސް މިއީ ހުނަރުވެރި ޒުވާނުންތަކެއްކަން. ވިސްނުންތެރި ހުނަރުވެރި ބައެއް. ހުރިހާ އެންމެން އެބަޖެހޭ މަސައްކަތްކުރަން، ޤައިދީންގެ މިހުނަރަކީ ޤައުމު ބިނާކުރުމުގައި ބޭނުންކުރެވޭ އެއްޗަކަށް ހަދަން" ނައިބު ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް، އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ، ޤައިދީންނަކީ މުޖުތަމަޢަށް ބޭނުންތެރި ބަޔަކަށް ހެދުމަށް ޖަލުތަކުގައި ގިނަ މަސައްކަތް ކުރެވޭކަމަށެވެ. "އިންމޭޓް ކްރިއޭޓިވިޓީ ފެއަރ" ތަކުގެ ޙަގީގީ މަޤްޞަދަކީ އެމީހުންގެ ހުނަރު ދައްކާ، ރަނގަޅު މީހެއްގެ ގޮތުގައި އަދި މުޖުތަމަޢު ބަލައިގަންނަ މީހެއްގެ ގޮތުގައި ނެރުމަށް މަގުފަހިކުރުންކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އަދި ގޮންޖެހުން ބޮޑު މި މަސައްކަތުގައި ކަރެކްޝަންސްއިން އެކަނި ކުރާ މަސައްކަތުން ނަތީޖާ ނުފެންނާނެކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރަން، ޤައިދީންނަށް ހުނަރު ދަސްކޮށްދީ، ބޭނުންތެރި ބަޔަކަށް ހެދުމަށް. ވަރަށް ގިނަ ގޮންޖެހުންތަކާއެކު ކުރާ މިމަސައްކަތް ކާމިޔާބު ނުކުރެވޭނެ އަޅުގަނޑުމެން އެކަނި ކުރާ މަސައްކަތުން. މުޖުތަމަޢުގެ ކޮންމެ މީހެއްގެ ބައިވެރިވުން މީގަ އެބަ ބޭނުންވޭ. އެކަން އެނގެނީ، ރިހިބިލިޓޭޓްކޮށް އޮންނަ އުސޫލުން ދޫކޮށްލާ ބައެއް މީހުން ކާމިޔާބުކަމާއެކު ޢާއިލާ ތެރޭގައި އަދި މުޖުތަމަޢުގައިވެސް ޒިންމާދާރުކަމާއެކު އުޅެމުންދާތީ." ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ.

އިންމޭޓް ކްރިއޭޓިވިޓީ ފެއަރއަކީ 2009 ވަނަ އަހަރުން ފެށިގެން ޤައުދީންގެ ހުނަރު ދައްކާލުމަށް ކުރިއަށްގެންދާ ފެއަރއެކެވެ. މިފެއަރގައި ޤައިދީންގެ އަތްތެރި މަސައްކަތްތަކާއި، ކުރެހުމާއި، ލަކުޑިން ތައްޔާރުކުރާ އެކި އުފެއްދުންތަކާއި. ދަނޑުވެރިކަމުގެ އެކި އުފެއްދުންތައް ޢާއްމުންނަށްވަނީ ދައްކާލާފައެވެ.

މިގޮތުން 2000 އަށްވުރެ ގިނަ ގަސް މިފަހަރުގެ ފެއަރގައި ހިމަނާފައިވާއިރު، 800 އަށްވުރެ ގިނަ އަތްތެރި މަސައްކަތުގެ އެކި އުފެއްދުންތައް ވަނީ ދައްކާލައިފައެވެ. ކޯވިޑްގެ ސަބަބުން 3 އަހަރުގެ މެދުކެނޑުމަކަށްފަހު މިފެއަރ އަލުން މިއަހަރު ބާއްވާފައިވަނީ މާފުށީ ސްކޫލްގައެވެ. މިފެއަރގައި އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވަނީ ބައިވެރިވެވަޑައިގަތެވެ.