ޚަބަރު

އޭލެވެލްގެ ގަދަ 10 ގައި ހިމެނުނު 445 ދަރިވަރުންނަށް އިނާމްދެއްވައިފި


މަތީ ޘާނަވީ ނިންމާ އިމްތިޙާނުތަކުން މިދިޔަ ދިރާސީ އަހަރު އެންމެ ރަނގަޅު ނަތީޖާ ޙާޞިލުކުރި 445 ދަރިވަރުންނަށް އިނާމް ދެއްވައިފިއެވެ.

މި ދަރިވަރުންނަށް އިނާމް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުންނާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަޞީމާއި ވަޒީރުންނާއި ދައުލަތުގެ އިސްވެރިންނެވެ.

މިދިޔަ ދިރާސީ އަހަރު މަތީ ޘާނަވީ އިމްތިޙާން ނިންމި ދަރިވަރުންގެ ތެރެއިން 445 ދަރިވަރުން ވަނީ މުޅި ރާއްޖެއިން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ ތެރޭގައި ހިމެނިފައެވެ. އަދި 3 މާއްދާއިން A* ހޯދައިގެން 38 ދަރިވަރަކު އެޑެކްސެލް އެކްސެލެންސް އެވޯޑް ވަނީ ޙާޞިލްކޮށްފައެވެ. މީގެއިތުރުން ވަކިވަކި މާއްދާއިން ދުނިޔޭގެ އެންމެ މޮޅު ނަތިޖާ 20 ދަރިވަރަކު ހޯދާފައިވާއިރު، 6 ދަރިވަރަކު އެކިއެކި މާއްދާއިން މުޅި ދުނިޔެއިން 1 ވަނަ ހޯދާފައިވެއެވެ. މިއަހަރު 5 މާއްދާއިން A* ހޯދައިގެން 17 ދަރިވަރަކު ވަނީ ރާއްޖޭގެ ގަދަ 10 ގެ 1 ވަނަ ހޯދައިފައެވެ.

އިނާމް ދެއްވުމުގެ ރަސްމިއްޔާތުގެ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު ޢާލީ ވިދާޅުވީ ފާއިތުވެދިޔަ 5 އަހަރު ތަޢުލީމީ ދާއިރާއަށް އައިސްފައިވާ ތަރައްޤީއަކީ މިދާއިރާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވާ އިސްކަން ކަމަށެވެ. އެގޮތުން މީގެ ކުރިން މަތީ ޘާނަވީ އިމްތިޙާނުތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭ ދަރިވަރުންނަށް ވެސް އެ ފުރުޞަތު ލިބެމުން އަންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ތައުލީމީ ދާއިރާއަށް އީޖާދީ ފިޔަވަޅުތަކެއް ވަނީ އަޅާފައި. މުދައްރިސުންގެ މުސާރަ ބޮޑުކުރުމަކީ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއް. ޓެކްނޮލޮޖީ ކިތަންމެ ކުރިއެރިޔަސް ދަރިވަރުންގެ ކިޔެވުމަށް އަސަރުކުރާނީ އެ ކިޔަވައިދެއްވާ ޓީޗަރެއްގެ ސަބަބުން ކަމަށާއި، ޓީޗަރުންގެ މަސައްކަތުގެ އަގުވަޒަންކުރުން މުހިންމު" މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.އައިޝަތު އަލީ ވިދާޅުވިއެވެ.

މަތީ އަރުތަވެރިންނަށް އިނާމް ދެއްވުމުގެ ޖަލްސާގައި ވަނީ މަތީ އަރުތަވެރީންގެ އިނާމަށް ވާދަކުރުމުގެ ފުރުޞަތު އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރުންނަށް ފުރަތަމަ ފަހަރަށް ވަނީ ދެއްވައިފައެވެ.

2021-2022 ވަނަ ދިރާސީ އަހަރު ރާއްޖޭގައި 2849 ދަރިވަރުން މަތީ ޘާނަވީ އިމްތިޙާން ފުރިހަމަކޮށްފައިވެއެވެ
.