ޚަބަރު

މާލޭގައި ފެންހިންދުމުގެ ނިޒާމެއް ޤާއިމުކުރައްވަން ޢާންމުންގެ ޚިޔާލުހޯއްދަވަނީ


މާލޭގެ 6 ސަރަޙައްދެއްގައި ފެންހިންދުމުގެ ނިޒާމް ޤާއިމުކުރެއްވުމާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދައްވަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިންގ އެންޑް އިންފްރަރސްޓްރަކްޗަރއިން ހުޅުއްވާލައްވައިފިއެވެ.

ޕްލޭނިން މިނިސްޓްރީން ގެންދަވަނީ މާލޭގެ ބައެއް ސަރަޙައްދުތަކުގައި ފެން ހިންދުމުގެ ނިޒާމް ޤާއިމްކުރެއްވުމަށް ދިރާސާ ކުރައްވަމުންނެވެ. މި ދިރާސާއަކީ ފެން ހިންދުމުގެ މަޝްރޫޢުގެ ސަބަބުން ތިމާވެށްޓަށާއި މުޖުތަމަޢަށް އަސަރުކުރާނެ މިންވަރު ބެެއްލެވުމަށް ލޭންޑް އެންޑް މެރިން އެންވަޔަރަންމަންޓަލް ރިސޯސް ގްރޫޕުން ތައްޔާރުކުރާ ރިޕޯޓެއްގެ ބައެކެވެ.

ޕްލޭނިން މިނިސްޓްރީން ވިދާޅުވީ މި މަޝްރޫޢަކީ ވިއްސާރަވުމުގެ ސަބަބުން މާލޭގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވާ މައްސަލައަށް ޙައްލު ހޯއްދެވުމުގެ ގޮތުން، މިހާރު އަޅާފައިވާ ފެން ހިންދުމުގެ ނިޒާމަށް ބައެއް އިތުރުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢެއްކަމަށެވެ. މިމަޝްރޫޢު ކުރިއަށް ގެންދެވުމަށް ހަމަޖައްސަވާފައިވަނީ މިސަރަޙައްދުތަކުގައި ހެދޭ ފެން މޫދަށް ބޭރުކުރުމަށް ހޮޅިތަކެއް އަޅައިގެންނެވެ.

މި މަޝްރޫޢުގެ ދަށުން އަޅާ ހޮޅިއަކީ މިހާރު މާލޭ މަގުހެދުމުގެ ޕްރޮޖެކްޓްގައި ބޭނުންކުރެވޭ ހޮޅިއަށްވުރެ ފަލަ ހޮޅިތަކެކެވެ. ހޮޅިތައް އެޅުމަށް ހަމަޖެހިފައިވަނީ ހެންވޭރުގެ 4 ސަރަހައްދަކާއި މާފަންނު 2 ސަރަހައްދެއްގައެވެ. ޕްލޭނިން މިނިސްޓްރީން ވިދާޅުވީ މިހޮޅިތައް އެޅުމަށް 4 މަސްދުވަހުގެ މުއްދަތަކަށް މަގު ކޮނެގެން މަސައްކަތްކުރިއަށް ދާނެކަމަށެވެ.

އާއްމުންގެ ޚިޔާލު ހޯއްދަވަން ކުރިއަށް ގެންދަވާ ދިރާސާގައި ވަނީ ވިއްސާރަވުމުގެ ސަބަބުން ދިމާވާ ދަތިތަކާއި ލިބޭ ގެއްލުންތަކާއި މަޝްރޫއުގެ ސަބަބުން މަގު ބަންދުކުރާ ދުވަސްވަރުގައި ކުރިމަތިވެދާނެ ދަތިތައް ހިމެނުއްވައިފައެވެ.

މާލޭގެ ބައެއް މަގުތަކަކީ ވާރޭވެހިއްޖެނަމަ ވަރަށް އަވަހަށް ފެންބޮޑުވާ މަގުތަކެކެވެ. މީގެ ސަބަބުން އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ވެސް ގެއްލުންތައް ލިބެއެވެ.