ވިޔަފާރި

އިތުރު ޤައުމުތަކުން ގުޅި، ބްރިކްސް ވަރުގަދަވަނީ


އެކި ދާއިރާތަކުން ޤައުމުތަކުގެ ތަރައްޤީއާއި ކުރިއެރުމަށް އުފައްދާފައިވާ "ބްރިކްސް"އާ ގުޅުމަށް ބޭނުންވާ ޤައުމުތައް އިތުރުވާން ފަށައިފިއެވެ.

"ބްރިކްސް"އަކީ ގުޅިގެން 2009 ވަނަ އަހަރު އުފައްދާފައިވާ ކޯލިޝަނެކެވެ. ބްރިކްސްގެ ދަށުން ވަނީ ބްރިކްސްއަށް ހާއްސަ ބެންކެއްވެސް އުފައްދާފައެވެ.

ބްރިކްސް މިނަމަކީ އެ ޖަމާއަތުގައި ބައިވެރިވި ފުރަތަމަ ފަސް ގައުމުގެ އިނގިރޭސި ނަމުގެ ފެށޭ ފުރަތަމަ އަކުރު ހިމަނައިގެން އުފައްދާފައިވާ ނަމެކެވެ. ބްރެޒިލް، ރަޝިޔާ، ޗައިނާ އަދި ދެކުނު އެފްރިކާ އާއި އިންޑިއާއެވެ.

ބްރިކްސްގައި ހިމެނޭ 5 ޤައުމަކީ ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ބާރަށް ކުރިއަރަމުން އަންނަ އިޤްތިޞާދުތަކުގެ ތެރޭގައި ހިމެނޭ 5 އިޤްތިޞާދެވެ. ހަބަރުތައް ބުނާގޮތުން އިތުރު ޤައުމުތަކުން ދަނީ ބްރިކްސްއާ ގުޅުމަށް ޝަޢުޤުވެރިކަން ފާޅުކުރަމުންނެވެ. އެގޮތުން މިހާތަނަށް ބްރިކްސްގެ މެމްބަރު ގައުމަކަށްވާން ރަސްމީކޮށް 13 ގައުމަކުން ހުށަހަޅާފައިވާއިރު، އިތުރު 25 ގައުމަކުން އަންނަނީ މިކަމަށް އެދި ހުށަހެޅުމަށް ތައްޔާރުވަމުންނެވެ. ބްރިކްސްގެ މެމްބަރު ޤައުމަކަށްވާ ޝަޢުޤުވެރިކަން ފާޅުކުރަމުންދާ ގައުމުތަކުގެ ތެރޭގައި އެފްރިކާ، ލެޓިން އެމެރިކާ އަދި އޭޝިއާގެ ގައުމުތައް ހިމެނެއެވެ. މީގެއިތުރުން ސައުދީ އަރަބިއްޔާއިންވެސް މިހާރު ވަނީ ބްރިކްސްއާ ގުޅުމަށް ޝަޢުޤުވެރިކަން ފާޅުކުރަމުންނެވެ.

ނަމަވެސް ބްރިކްސްއިން ހުށަހެޅުންތައް ބަލައިގަންނާނީ ގައުމުތަކުގެ އިގްތިސާދީ ހާލަތަށް ބެލުމަށްފަހުކަމަށް ބްރިކްސްގެ އޮފިޝަލަކާއި ހަވާލާދީ ހަބަރުތައް ބުނެއެވެ.

މެމްބަރު ގައުމަކަށް ވާން ބޭނުންވާ ގައުމުތަކުން ބޭނުންވަނީ އެގައުމުތަކުގެ ފައިސާ ޕްރޮމޯޓުކޮށް ވިޔަފާރިތައް ފުޅާކުރުމަށް ކަމަށްވެސް ހަބަރުތައް ބުނެއެވެ.

ބްރިކްސް ގައުމުތަކުގެ މަހާސިންތާއެއް މިދިޔަ އަހަރުގެ ޖޫން މަހު ބާއްވާފައިވާއިރު، އަންނަ އޮގަސްޓު މަހުވެސް މި ޖަމިއްޔާގެ ބައްދަލުވުމެއް ބާއްވަން ވަނީ ހަމަޖެހިފައެވެ. ދެކުނު އެފްރިކާގެ ކޭޕްޓައުންގައި ބާއްވާ މި ބައްދަލުވުމުގެ މައިގަނޑު ގޮތެއްގައި ކުރިއަށްގެންދާނީ ދުނިޔޭގެ ފައިސާގެ މުއާމަލާތްތަކުގައި ބޭނުންކުރުމަށް ޑޮލަރުގެ ބަދަލުގައި އާ ފައިސާއެއް ތައާރަފްކުރުމާއި ބެހޭ މަޝްވަރާތައްކަމަށް ހަބަރުތައް ބުނެއެވެ. އަދި އެ ފައިސާއަކީ ރަނަށް ބަރޯސާވާ ފައިސާއަކަށް ހަދާނެކަމަށްވެސް ހަބަރުތައް ބުނެއެވެ.

މިކަމަށް ގައުމުތަކުގެ ތާއީދު ލިބިއްޖެނަމަ އެކަމުގެ އަސަރު އެންމެ ފުރަތަމަ ކުރާނީ އެމެރިކާ ޑޮލަރަށެވެ.

އާ ފައިސާ ތައާރަފް ކުރުމަށް ތާއީދުކުރާ އެއް ގައުމަކީ ސައުދީ އަރަބިއާކަމަށް ބްލޫމްބާރގުން ރިޕޯޓުކޮށްފައިވާއިރު، ސައުދީ ވަނީ ބްރިކްސްއާ ގުޅުމަށް ހުށަހަޅާފައެވެ.

ބްރިކްސްގެ މެމްބަރު ގައުމަކަށް ސައުދީވެއްޖެނަމަ އެ ޖަމިއްޔާގެ އިގްތިސާދީ ބާރު ވަރުގަދަވެގެންދާނެއެވެ. އަދި ޖަމިއްޔާގެ ތެރޭގައި ވިޔަފާރިއާ އިންވެސްޓްމެންޓް ފުރުސަތު އިތުރުވާނެއެވެ.

ސައުދީއަކީ ދުނިޔޭގެ އެންމެ ގިނައިން ތެޔޮ އުފައްދާ އަދި އެކްސްޕޯޓުކުރާ ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. އާ ފައިސާއަށް ސައުދީ ތާއިދުކޮށްފިނަމަ، ތެލާއި ގޭހުގެ ވިޔަފާރި އާ ފައިސާއިން ހަމަޖެއްސުމަށް ޔޫރަޕާއި އެމެރިކާއަށް މަޖުބޫރުވާނެއެވެ. އެހެންކަމުން ސައުދީ އަރަބިއްޔާއިން ބްރިކްސް ފައިސާ ބަލައިގަތުމަކީ ދުނިޔޭގެ ބާރުތައް ހުޅަނގުން އިރުމައްޗަށް އަނބުރާލާނެ ކަމެކެވެ.

ބްރިކްސްގެ މެމްބަރު ގައުމަކަށް ގަލްފްގެ ގިނަ ގައުމުތައް ވަނީ ހުށަހަޅާފައެވެ. ގަލްފުގެ ގިނަ ގައުމުތަކުން އެމެރިކާއަށާއި ޔޫރަޕަށް މިލިއަނުން ތެޔޮ އެތެރެކުރެއެވެ. އެހެންކަމުން އާ ފައިސާއަށް ތާއީދު ލިބިއްޖެނަމަ ކުރިއަށްއޮތްތަނުގައި ޑޮލަރާއި، ޕައުންޑު އަދި ޔޫރޯއަށްވެސް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށް ހަބަރުތައް ބުނެއެވެ.